ކ. ގާފަރު ކައިރިއަށް މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބަންޑުންޖަހާލި ކޮޅުވެއްޓިން މީހުން ސަލާމަތްކުރި ތިން ފުލުހަކަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" މިއަދު ދީފި އެވެ.
ފުލުހުން ބުނީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓިން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ފުލުސް އޮފިސަރުންނަށް "ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް" ދީފައިވާ ކަމަށެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މެޑަލް ހަވާލުކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދެވެ.
ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ހާސިލުކުރެއްވި އޮފިސަރުންނަކީ؛
1. ސީނިއާ ސާޖަންޓް އަހްމަދު އާމިރު
2. ކޮންސްޓަބަލް މުހައްމަދު ލަހްފާން
3. ކޮންސްޓަބަލް އަލީ ޒިދާން
ފުލުހުން ބުނީ "ހޯކްސް ވޮޔޭޖް" ކޮޅުވެއްޓި ގާފަރު ކައިރިއަށް ބަންޑުންޖަހާލުމުން އޭގެން ދަތުރުކުރި 10 މީހަކު ކަނޑުވި ކަމަށެވެ. ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް އެ ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުން، ކަނޑުވި މީހުންގެ ތެރެއިން އަށް މީހަކު ސަލާމަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ދެ މީހަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. އެމީހުން ހޯދުމަށް ކޯސްޓްގާޑުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް، އެމީހުން ފެނިފައެއް ނުވެ އެވެ.
ފުލުހުން ބުނީ ފުރާނައަށް ނުރައްކާވާ ކަހަލަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ ހިތްވަރާއި އިހުލާސްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕޮލިސް ކޮމިޝަނަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި ތިން ފުލުހުން ދެއްކި ހިތްވަރަށް ސީޕީ ތައުރީފު ކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.