ސިނާއީ މަސައްކަތް ކުރާ ބ. މާމަޑުއްވަރިން ފުރައިގެން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބައުޒަރެއް ޖެހި ދޯނި އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކ. ޒިޔާރަތްފުށި ކައިރީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި "ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ޖެހުނީ "ހޯކް" ކިޔާ ތެޔޮ ބައުޒަރެއްގައި ކަމަށެވެ. އެ އެކްސިޑެންޓްގައި، 23 މީޓަރުގެ ދޯނީގެ ކޮޅުން މައްޔާ ފަޅައިިގެން ގޮސް ދޯނީގެ ބޮޑު ބައެއް އަޑި އަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ދޯނީގައި ތިބި ހަތަރު މީހުން ތެޔޮ ބޯޓަށް ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ސިފައިން ބުނެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުން މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން އެ ހާދިސާ ތަހުގީގު ކުރަމުން އަންނައިރު އެކަން ހިނގަން މެދުވެރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.