މިއީ އެމެރިކާއާ އެކު އެއްބަސްވުމަކަށް އައުމަށް "އެންމެ ރަނގަޅު ވަގުތު" ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
"ބަޔަކު އެއްބަސްވުމަކަށް އައުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ގަބޫލުކުރަނީ މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް. ސަބަބަކީ ގައުމުގައި އެކުވެރިކަމާއި، ބާރާއި، ބަދަހިކަން އޮތުމުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އީރާން ބެލެވޭނީ މި ހަނގުރާމައިގެ ކާމިޔާބީ އާއި ބާރުވެރިކަން ހޯދި ގައުމެއްގެ ގޮތުގައި،" ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭއްވެވި ދެ ވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އޮތީ މަޝްވަރާގެ މަގުން އެއްބަސްވުމަކަށް ގޮސް، ހައްލުނުވެ ހުރި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ލިބިފައިވާ ހާލަތެއް ކަމަށެވެ.
އީރާންގެ ސަރުކާރާ ގުޅުން އޮންނަ، އައިއެސްއެންއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއަން ވަނީ އީރާނަށް އެ ގައުމުގެ ހައްގުތައް މަޝްވަރާގެ ތެރެއިން ހޯދިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނުން "ގައުމާއި ރައްޔިތުންގެ ހައްގުތަކުގެ ބޭރުން އެއްވެސް ކަމަކަށް ނޭދޭ" ކަމަށް ވެސް ވިދާޅުވި އެވެ.
އީރާންގެ ރައީސް ވަނީ ހަމައެކަނި ހަނގުރާމަކޮށްގެން މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ޖޫން މަހު އެމެރިކާއާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ސުލްހަ ގާއިމުކުރުމަށް އީރާން ސަރުކާރުން އިސްކަންދޭކަން ތަކުރާރުކޮށް ހާމަކުރެއްވި އެވެ.
"ހަމައެކަނި ހަނގުރާމައަކުން މައްސަލަތަކެއް ހައްލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަނީ އެމްއޯޔޫގެ މާއްދާތަކުގެ މައްޗަށް ބިނާކޮށް ސުލްހައަށް ދާން."
"އެމެރިކާއިން އުފައްދާފައިވާ ޝައްކުގެ މާހައުލު ދޫކޮށްލައި، އިތުބާރު އަލުން ގާއިމުކުރެވޭ ނަމަ، އަޅުގަނޑުމެންގެ މިސްރާބު ބިނާކުރާނީ މި އެމްއޯޔޫގެ މައްޗަށް ކަމަށް ނިންމައިގެން މި ތިބީ،" އީރާންގެ ނަޒަރުގައި އެމެރިކާ އަކީ "އިތުބާރު ނުކުރެވޭ" ބައެއްގެ ގޮތުގައި އަދިވެސް އޮތްކަން ފާހަގަކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވި އެވެ.
ރަސްމީ 'އިރްނާ' ނިއުސް އެޖެންސީން ޕެޒެޝްކިއަންއާ ހަވާލާދީ ބުނީ، މަޝްވަރާތައް ކުރި ނަމަވެސް އެމެރިކާއާ މެދު އީރާނުން ގެންގުޅޭ ދިގު މުއްދަތުގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށެވެ.
"އެމެރިކާއަކީ އިސްތިއުމާރީ ބާރެއް، އެމެރިކާއަކީ ކުށްވެރިއެއް، އަދި މި އިސްލާމީ ޖުމްހޫރިއްޔާ އޮންނާނީ އިސްލާމީ ޖުމްހޫރިއްޔާގެ ގޮތުގައި. އެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޑިޕްލޮމެސީގެ ސަބަބުން އީރާނާ އެކު މަޝްވަރާކުރަން އެމެރިކާއަށް މަޖުބޫރުވި ކަމަށް ޕެޒެޝްކިއަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާހަކަދައްކައި ޑިޕްލޮމެސީ އިސްކުރުމުގެ ނަތީޖާއަކީ، އެމެރިކާއަށް މަޝްވަރާގެ މޭޒަށް އައިސް އީރާނާ އެކު އެއްބަސްވުމަކަށް އަންނަން މަޖުބޫރުވުން،" އޭނާ ވިދާޅުވި އެވެ.
އެ އެމްއޯޔޫއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އީރާނުގެ އެއްވެސް މަސްލަހަތެއް ނުވަތަ ސިޔާސަތެއް ދޫކޮށްލަން އެ މުއާހަދާގައި ބުނެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ކަމެއް ދޫކޮށްލި ކަމަށް ބުނާ އެންމެ މާއްދާއެއް ވެސް އެ އެމްއޯޔޫ އިން ފެންނާކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އީރާނުން ސޮއިކުރި ކަންކަމުގައި "ސާބިތުކަމާ އެކު ދެމިއޮތް" ކަމަށްވެ ސް އޭނާ ވިދާޅުވި އެވެ.
އީރާނާއި އުމާން ގުޅިގެން ނިންމަންޖެހޭ އިޖުރާއަތްތަކަށް އަމަލުކުރުމުގެ ބަދަލުގައި، ހޮރްމޫޒް ކަނޑުއޮޅީގައި އިތުރު އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްކޮށްގެން އެމެރިކާއިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ޕެޒެޝްކިއަން ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނާ ނަމަ އެ ކަންކަން ހައްލުކުރަންވާނީ އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެއްބަސްވުމަށް އަމަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހޭނީ އީރާންގެ "އިއްޒަތާއި އަބުރު" ނުގެއްލޭ ގޮތަށް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އީރާނުގެ މަޝްވަރާ ޓީމަކީ "އެކަމަށް ހާއްސަ، ތަޖުރިބާކާރު އަދި މަސައްކަތްތެރި" ބައެއްގެ ގޮތުގައި ސިފަކުރައްވައި އެ ޓީމުގެ މެންބަރުން ދިފާއުކުރައްވަމުން ރައީސް ވަނީ ޓީމަށް އަމާޒުވާ ފާޑުކިޔުންތަކަކީ އިންސާފުވެރި ފާޑުކިޔުންތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ސެކިއުރިޓީ އާއި އިންފްރާސްޓްރަކްޗާގެ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، އިންޓަނެޓްގެ ފިޔަވަޅުތަކަށް ލުއިދިނުމަށްޓަކައި ސަރުކާރުގެ ތިން ގޮފީގެ ވެރިންނާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.