ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޕީއެންސީއަށް ނުލިބި، އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިތައް އެމްޑީޕީން ކަށަވަރުކޮށްފި އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް، ފުވައްމުލަކުގެ އެކި ދާއިރާތަކުން އަށް ކައުންސިލަރުންނާއި މޭޔަރެއް ވަނީ އިންތިހާބުކޮށްފަ އެވެ.
މިހާރު ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން، ފުވައްމުލަކުގެ މޭޔަރު ކަމުގައި މިހާރު ވެސް ހުންނެވި އެމްޑީޕީގެ އިސްމާއިލް ރަފީގު ވަނީ ބޮޑު ތަފާތަކުން ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަދި ކައުންސިލް މެމްބަރު ކަމަށް އެމްޑީޕީން ވާދަކުރި ހަތް ގޮނޑި ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.
އެ ސިޓީން އެމްޑީޕީން ކުރިމަތިނުލަނީ ދަޑިމަގު ދާއިރާއަށް އެކަންޏެވެ. އަދި އެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަދި މިހާރުގެ ސިޓީ ކައުންސިލް މެމްބަރު ބަލިކޮށް، އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.
އެހެންވެ، އެއީ ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ނުލިބުނު ހަމައެކަނި ކައުންސިލެވެ.
މީގެ އިތުރުން، އަންހެނުންގެ ކޮމެޓީގެ ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ލިބުނުއިރު، ޕީއެންސީ އަށާއި އަމިއްލަ ކެންޑިޑޭޓަކަށް ވަނީ އެއް ގޮނޑި ކާމިޔާބުވެފަ އެވެ.
މިހާރު ހިނގަމުންދާ ފުވައްމުލަކު ކައުންސިލްގައި ޕީއެންސީގެ ދެ މެމްބަރުން އެބަތިއްބެވެ.