ހެލްތު މިނިސްޓްރީގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސޯޝަލް ހެލްތު ވޯކަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އަމިއްލަ އަށް މަރުވުމުގެ މައްސަލަތައް ގިނަވެ، އާއްމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ސީނިއާ ނުވަ ސޯޝަލް ސާވިސް ވޯކަރުން ހޯދަން މި މަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މުސާރައިގެ ގޮތުގައި 12,261ރ، މަގާމުގެ އެލަވަންސަށް 5،721ރ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 155ރ. އާއެކު މަހަކު 17،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭނެ އެވެ. 

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި؛

- ހެލްޕްލައިން މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ނަފްސާނީ ބަލި ހުންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކުރަން އެފަދަ މީހުން ދިރިއުޅޭ ހާލަތު ވަޒަންކޮށް، ދިރިއުޅޭ ތަންތަނަށް ޒިޔާރަތް ކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާވައި ކުރުން

- ނަފްސާނީ ކަންކަމާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގައި އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުން އަދި ލިބިދޭންޖެހޭ ހުރިހާ އަސާސީ ކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން އާއިލާ އަދި ގުޅުން ހުރި އެހެން މުއައްސަސާތަކާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކޮށް، އެ މަސައްކަތް ވިލަރެސްކުރުން

- ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިގެން ނުވަތަ ރައްކާތެރިކަމަށްޓަކައި ހުށަހެޅޭ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުންގެ އެސެސްމަންޓް ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުން

އެ މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައެއް ގަބޫލުކުރާ ކަމަށެވެ. އެއާ އެކު، ނަފްސާނީ ދުޅަހެޔޮ ކަމަށް ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ފަންނީ ބޭފުޅުންނާއި ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތްކުުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ ބަޔާނުގައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރަން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. 

ނަފްސާނީ މައްސަލަތައް ނުވަތަ އެކަނިވެރިކަން އިހުސާސްވާ މީހުންނަށް ސައިކޮލޮޖިކަލް ފުރަތަމަ އެހީ ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ. އުނދަގޫ ތަހައްމަލުކުރާ މީހުން 1677 އަށް ގުޅައި އެހީ ހޯދުމަށް ވެސް އެ އިދާރާއިން ވަނީ އެދިފަ އެވެ.