ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދާއި ހެލްތު މިނިސްޓަރު ގީލާ އަލީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އޭގެ އިތުރުން، އެ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ނަފްސާނީ ބަލިތަކާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ވެސް ކޮމިޝަނަރު ވަނީ، މިނިސްޓަރާ ހިއްސާކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި، ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުއްޓަސް ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.
ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރަން ޕޮލިހާއި ހެލްތު މިނިސްޓްރީން މަޝްވަރާކުރިއިރު، އަމިއްލައަށް މަރުވުމުގެ ގިނަ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ އެހީ ދިނުމުގެ ދާއިރާ ހަރުދަނާކުރަން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.