ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެއްދަންފަޅި އަށް ހިންގަން ނިންމާފައިވާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާނީ އާ ނަމެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.

އެމްއީއެސް އިމާރާތުގައި މިހާރު ހިންގަމުން އަންނަނީ ގައުމީ ޔުނިވާސިޓީގެ ފައުންޑޭޝަނާއި ޝަރީއާގެ ކޯސްތަކެވެ. ނަމަވެސް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެ އިމާރާތް ހުސްކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެމްއީއެސްގައި ހަދާ އެއްދަންފަޅީގެ ސްކޫލު ވާނީ، މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލަށެވެ. އެކަމަކު މިހާރު ވެސް ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލާއި ހުޅުމާލޭގައި މިއަހަރު އަލަށް ހުޅުވި ހުރަވީ ސްކޫލުގައި އެއްދަންފަޅި އަށް ކިޔަވައިދެ އެވެ.

މާލެ ސަރަހައްދުގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލު ބޭނުންވާކަމަށް އެޑިއުކޭޝަނުން ވަނީ ކުރިން ބުނެފަ އެވެ. އޭގެ ތެރެއިން އެއް ސްކޫލު، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ވަނީ ނިންމައިފަ އެވެ.