މާލޭގައި އަލަށް ކިޔަވައިދޭން ފަށާ އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އަންނަ އަހަރު އަލަށް ކިޔަވައިދޭން ފަށާ އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލެއް ހޯދަން އިއުލާނުކޮށްފި އެވެ.


އެ ސްކޫލްގެ ޕްރިންސިޕަލަކަށް ވާން ބޭނުންވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި މަހުގެ 20 އެވެ. އޭގެ އިތުރުން އިއްޒުންދީން ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލަކާއި އެޑްމިނިސްޓްރޭޓަރަކު ހޯދަން ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ އިއްޒުއްދީން ސްކޫލަށް ބޭނުންވާ އެކި ވަޒީފާތަކަށް ފުރުސަތު ހުޅުވައިލަމުން އަންނަ ކަމަށެވެ. ސްކޫލްގެ ކިޔެވުން ފެށެންވާ އިރަށް ހުރިހާ މަގާމަކަށް މީހުން ނަގައި ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލުންގެ މުސާރަ ތަފާތު އެކި ރޭންކުތަކަށް ކަނޑައަޅާފައިވަނީ އެކި ވަރަށެވެ. އެންމެ މަދުން ލިބެނީ އެމްއެސް 2 އަށެވެ. މުސާރައިގެ ގޮތުގައި 6،295ރ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500ރ. ހިމަނާފައި ވެ އެވެ. އެންމެ ބޮޑު މުސާރަ އީއެކްސް 6 އަށް ކަނޑައަޅާފައިވާއިރު އެ ރޭންކަށް މުސާރައިގެ ގޮތުގައި 15،560 އަދި އެލަވަންސް އަށް 2،500ރ. ލިބޭނެ އެވެ.

އިއްޒުއްދީން ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު 1-6 އަށެވެ. އެ އަށް ފަހު ކޮންމެ އަހަރަކު ގްރޭޑެއް ތައާރަފް ކުރަމުން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ އެވެ.

އެއްދަންފަޅި އަށް ކިޔަވައިދޭ އެ ސްކޫލުން ޖާގަ ހޯދަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.