މާލޭގެ އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފި

ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިއްޒުއްދީން ނަމުގައި ހުޅުވާ އާ ސްކޫލުން މިހާތަނަށް 174 ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށެވެ. އަދި ރަޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލުން ޖާގަ ދީފައިވާ ދަރިވަރުން ރަޖިސްޓަރީ ކުރުން މިއަދުން ފެށިގެން ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:00 ގައި އެޑިއުކޭޝަން މިނިސްޓްރީގައި އޮންނާނެ އެވެ.

އެއްދަންފަޅި އަށް ކިޔަވައިދޭ އެ ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަކުން 2000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ޖާގަ ދީފަ އެވެ.