އެމެރިކާގެ ނިއު ޔޯކުގައި މިއަދު ބޭއްވި މި އަހަރުގެ "މެޓް ގާލާ"ގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އޭނާގެ ފުރަތަމަ ފެނިލުން ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ "މެޓް ގާލާ"ގެ މި އަހަރުގެ ތީމް ކަމަށްވާ "ކޮސްޓިއުމް އާޓް"އާ ގުޅޭ ގޮތަށް ކަރަން ތައްޔާރުކޮށްފައިވާ ހެދުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ކަރަން މެޓް ގާލާއަށް ދިޔައީ އޭނާގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ ފަރުމާކުރި "ފްރޭމް އިން އެޓާނިޓީ" ނަމަކަށް ކިޔާ ހާއްސަ އައުޓްފިޓެއްގަ އެވެ. މި އައުޓްފިޓް ފަރުމާކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ކުރެހުންތެރިޔާ ރާޖާ ރަވީ ވަރްމާގެ ކުރެހުންތަކުން އިންސްޕަޔާ ވެގެންނެވެ.

އެ އައުޓްފިޓުގައި ހަ ފޫޓު ދިގު، އަތުން ކުރެހުން އަޅާފައިވާ ކޭޕެއް ހިމެނެ އެވެ. އެ ހެދުން ތައްޔާރުކުރުމަށް 80 އަށް ވުރެ ގިނަ ފެހުންތެރިން 85 ދުވަހު މަސައްކަތް ކޮށްފައިވެ އެވެ. އެ ހެދުމާ އެކު ކަރަން ބޭނުންކޮށްފައި ވަނީ އޭނާގެ އަމިއްލަ ބްރޭންޑް "ޓިޔާނީ"ގެ ޖަވާހިރެވެ.

މި ތަޖުރިބާއާ ގުޅޭ ގޮތުން ކަރަން މީޑިއާއަށް ބުނީ އޭނާ ބޭނުންވީ އިންޑިއާގެ ސަގާފަތާއި ފަންނުވެރިކަން ދުނިޔޭގެ ސްޓޭޖަށް ގެނެސްދިނުމަށް ކަމަށެވެ. ރާޖާ ރަވީ ވަރްމާގެ ކުރެހުންތަކަކީ "އިހުސާސްތައް" ކުރަހައިދޭ ކުރެހުންތަކެއް ކަމަށާއި އޭނާގެ ފިލްމުތަކުން ވެސް އަބަދުވެސް ދައްކައިދޭން މަސައްކަތް ކުރަނީ އެ އިހުސާސްތައް ކަމަށް އޭނާ ބުންޏެވެ. 

ކަރަންގެ މި އައުޓްފިޓަށް ސޯޝަލް މީޑިއާގައި ވަރަށް ހޫނު ތަރުހީބެއް ލިބެމުން އަންނައިރު، ބައެއް ފޭނުން ވަނީ މީގެ ކުރިން "މެޓް ގާލާ" އިން ފެނުނު ބޮލީވުޑްގެ އެހެން ތަރިންނާ ކަރަން އަޅާކިޔައިފަ އެވެ. ވަކިން ހާއްސަކޮށް، ސުޕަސްޓާރު ޝާހްރުކް ހާން ކަހަލަ ތަރިންނަށް ވުރެ މާ ފުރިހަމައަށް ކަރަން މި އަހަރުގެ ތީމަށް އިންސާފުކޮށްފައިވާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"މިއީ މިރޭގެ އެންމެ މޮޅު ހެދުން،" ކަމަށާއި ކަރަން އިންޑިއާގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދީފި ކަމަށް ވެސް ބައެއް ފޭނުން ބުނެފައިވެ އެވެ.

ކަރަންއަކީ "މެޓް ގާލާ"ގައި އިންޑިއާ ތަމްސީލުކުރި ފުރަތަމަ ފިލްމު ޑައިރެކްޓަރެވެ. އޭނާގެ އިތުރުން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީ އާއި ސުދާ ރެޑީ ކަހަލަ އިންޑިއާގެ މަޝްހޫރު މީހުން ވެސް މި އަހަރުގެ އިވެންޓުގައި ބައިވެރިވި އެވެ.