ލަންޑަން (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މިޑްލްސްބަރާ އަތުން 3-0 އިން މޮޅުވެ ޗެލްސީން ލީގު ޗެމްޕިއަންކަމާ ތިން ޕޮއިންޓް ގާތަށް ޖެހިލިއިރު މި މެޗުން ބަލިވި މިޑްލްސްބަރާ ރެލިގޭޓްވެއްޖެ އެވެ.
ރޭގެ މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި ބާކީ އޮތް ތިން މެޗު އޮތްއިރު، 35 މެޗުން ޗެލްސީ އަށް ލިބިފައިވަނީ 84 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 35 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ. އަންނަ ހުކުރު ދުވަހުގެރޭ ވެސްޓް ބްރޮމް އަތުން ޗެލްސީ މޮޅުވެއްޖެނަަމަ އެ ޓީމަށް ލީގު ކަށަވަރުވާނެ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ އާއި މާކޮސް އަލޮންސޯ އަދި ނިމެންޔާ މަޓިޗް އެވެ. މިއީ ކޮސްޓާ މި ފަހަރު ލީގުގައި ޖެހި 20 ވަނަ ލަނޑެވެ. އަދި މަޓިޗް ކާމިޔާބުކުރި ލަނޑަކީ ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖްގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މިޑްލްސްބަރާ ލީގުގެ 19 ވަނައިގައި އޮތީ 36 މެޗުން 28 ޕޮއިންޓާ އެކު އެވެ. އެ ޓީމު ރެލިގޭޓްވީ ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ލީގުގެ 17 ވަނަ އަށް އެރޭނެ ގޮތެއް ނެތުމުންނެވެ. މިޑްލްސްބަރާ އަކީ މި ސީޒަނުގައި ލީގަށް ޕްރޮމޯޓްވި ޓީމެކެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ރޭގެ މެޗަށް ފަހު ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެ ކަމަށާއި ލީގު ހޯދަން ދެން ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށެވެ.
"އަހަރެމެންނަށް ފަހަކަށް އައިސް އެއްވެސް މެޗެއް ފަސޭހައެއް ނޫން. މި މެޗަށް ނުކުތްއިރު ވެސް މިޑްލްސްބަރާ ނުކުންނާނީ މަރުގެ މެޗެއް ކަމަށް ދެކިގެން ކަން އަހަރެމެންނަށް އެނގޭ. އެ ހާލަތުގައި ވެސް ރަނގަޅު މޮޅެއް ލިބުމުން ހަމަނޭވައެއް ލެވިއްޖެ. ދެން ބޭނުމީ އެންމެ މޮޅެއް،" ކޮންޓޭ ބުންޏެވެ.
މިޑްލްސްބަރާގެ ކޯޗު ސްޓީވް އެގްނޫ ބުނީ އަހަރުތަކަކަށް ފަހު ޕްރިމިއާ ލީގަށް މި ސީޒަނުގައި އައީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އެއް ސީޒަނަށް ފަހު ރެލިގޭޓްވުމަކީ މުޅި ކްލަބަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.