ލަންޑަން (އޭޕްރިލް 18) - އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލްގެ ލަނޑުތަކުން ޕްރިމިއާ ލީގުގައި ރޭ މިޑްލްސްބަރާ އަތުން އާސެނަލް 2-1 އިން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު އާސެނަލުން ވަނީ ގަދަ ހަތަރެއްގެ އުއްމީދު އާ ކޮށްފަ އެވެ. އާސެނަލް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 31 މެޗުން 57 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 32 މެޗުން 64 ޕޮއިންޓެވެ.
އާސެނަލުން ރޭގެ މެޗަށް ނުކުތީ ތަފާތު ގޮތަކަށް ޓީމު ރާވައިގެންނެވެ. މި ގޮތުން މި މެޗުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ ކުޅުނީ 1997 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތިން ޑިފެންޑަރުން ލައިގެންނެވެ. މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން އާސެނަލް ރަށުންބޭރުގައި ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ކުޅުމެއް ފެނުނު މި މެޗުގައި އާސެނަލުން ލީޑު ނެގީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޖެހީ ސަންޗޭޒް އެވެ. މިއީ ސަންޗޭޒް މި ފަހަރު ލީގުގައި ޖެހި 19 ވަނަ ލަނޑެވެ.
ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ މިޑްލްސްބަރާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަލްވާރޯ ނެގްރޭޑޯ އެވެ. ނެގްރޭޑޯ މި ލަނޑު ޖެހީ އެ ޓީމުގެ ސްޓެވާޓް ޑައުނިން ނަގައިދިން ހުރަހަކުންނެވެ.
ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނިޓް ފަހުން މިޑްލްސްބަރާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން މިޑްލްސްބަރާގެ ޑިފެންޑަރު ޑެނިއަލް އަޔާލާ ބޮލުން ފޮނުވާލި ބޯޅަ އާސެނަލް ކީޕަރު ޕެޓަ ޗެކް ވަނީ މަަތަކޮށްފަ އެވެ.
އާސެނަލް މޮޅުކޮށްދިން ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި އޮޒިލް ކާމިޔާބު ކޮށްދިނީ އޭރިއާ ތެރެއިން އެ ޓީމުގެ އާރޮން ރަމްސޭ ދިން ބޯޅަ އަކުންނެވެ.
ރޭގެ މެޗަށް ފަހު ވެންގާ ބުނީ ގަދަ ހަތަރެއްގެ އުއްމީދު ދޫކޮށްނުލާ ކަމަށެވެ.
"ގަދަ ހަތަރެއްގެ އުއްމީދު ދޫކޮށްނުލަން. ދެން އޮތް ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ގަދަ ހަތަރެއް ލިބޭނެ. ކުޅުންތެރިން ތިބީ އެ އަޒުމުގައި. ފާޑުކިޔުންތަކަށް އަޅައެއް ނުލަން ބޭނުންވަނީ ވަޒީފާ އަދާކުރަން،" ވެންގާ ބުންޏެވެ.
މި އަހަރު ފެށުނު ފަހުން ލީގުގައި ކުޅުނު އެއްވެސް މެޗަކުން މިޑްލްސްބަރާ އަށް މޮޅެއް ނުހޯދެ އެވެ. އެ ޓީމު ރެލިގޭޝަން ޒޯންގައި އޮތްއިރު، ކުޅުނު 32 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.