މިހާރު އެނގިއްޖެ: އަފްއާލްގެ ތަފާތު ސިފަތައް

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަހުމަދު އަފްއާލް ހުރި ގޮތް ގިނަ މީހުން މިހާރު ހަނދާން ހުންނާނެ ހެނެއް ހިއެއްނުވެ އެވެ. އޭރު އޭނާގެ ބަރުދަނުގައި 84 ކިލޯ ހުއްޓެވެ. އުޅެނީ ވަރަށް ބަރުހެލިކޮށެވެ. ދުވުމާއި ކަސްރަތުކުރުމަކީ އެއްގޮތަކަށް ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ.


ސިއްހީ ދާއިރާއާ ކިތަންމެ ބޮޑު ގުޅުމެއް އޮތް ނަމަވެސް ބިޔަކޮށް، ބަރުހެލިކޮށް ހުންނެވި އަފްއާލް ހިޔާލު ބަދަލުވީ ދެތިން އެކުވެރިޔަކު ކުރި ޗެލެންޖަކާ ގުޅިގެންނެވެ. އެ މީހުންނަށް އޭރު ގަބޫލުކުރެވިފައި އޮތީ އަފްއާލަށް އެކަން ނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެކަން ކުރެވޭނެ ކަން ކިތަންމެ ރަނގަޅަކަށް ވެސް ދައްކާދެއްވައިފަ އެވެ.

"ދެ އެކުވެރިއަކު އެއް ދުވަހަކު އައިސް ބުނީ ތިމަންނަމެންނަށް ކަމެއް ކޮށްދެވިދާނެހޭ. އެހެން ބުނުމާ އެކު ވަގުތުން ބުނިން އާނއެކޭ. ދެން އެ މީހުން އެދުނީ ދިހަ ކިލޯ މީޓަރު ލޯންގް ރަންއެއްގައި ބައިވެރިވާން،" ދުވަން ފެށުނު ގޮތް އަފްއާލް ވިދާޅުވި އެވެ.

ދުވެގެން ހިކުމުގެ ކުރިން އަފްއާލް: ހަމައެކަނި ދުވެގެން 12 ކިލޯ ލުއިކުރި

ރައްޓެހިންގެ އެދުން އުފަލުން ބަލައިގަންނަވާ އެންމެ ފުރަތަމަ ރޭ އޭނާއަށް 27 މިނެޓުން ދުވެވުނީ އެންމެ ތިން ކިލޯ މީޓަރަށެވެ. އެ ދުވުން ނިންމާލިއިރު ހުރީ ވަރަށް ވަރުބަލިވެ، ހަދާނެ ގޮތް ހުސްވެފަ އެވެ. ދެން އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމަވައިގެންނެވެ.

"އެއީ 2012 ވަނަ އަހަރު ޑިސެމްބަރު މަސް. އެންމެ ފުރަތަމަ ދުވި ރޭ ވަރުބަލިވި ވަރުން ހިތަށްއެރި ނުވާނޭ. އެކަމަކު ވެސް އެ މީހުންނަށް އެ ކޮމިޓްމަންޓް ދެވިފައި އޮތީމާ ހިތަަށްއެރި ދުލެއް ނުކުރާނަމޭ. އެންމެ ފުރަތަމަ ޗެލެންޖަކީ ދިހަ ކިލޯ މީޓަރު ދުވަން. އެ ދުވުން ޖެހިގެން އައި އަހަރުގެ ފެބްރުއަރީ މަހު ނިންމާލިން އެއް ގަޑިއިރާއި ހަ މިނެޓުން،" އޭނާ ވިދާޅުވި އެވެ.

އަފްއާލްގެ ފަލަ ހަށިގަނޑާ އެކު ދުވަން ފެއްޓެވިއިރު 84 ކިލޯ ހުރި ނަމަވެސް އޭނާ ފަހުން ވަނީ 12 ކިލޯ ލުއިކޮށްފަ އެވެ. އެ ލުއި އިހުސާސާ އެކު އޭނާ ނިންމެވީ ދުވުން މެދުކަނޑާނުލައި ކުރިޔަށް ގެންދަވާށެވެ. މިހާރު އެއީ އަފްއާލްގެ ހޮބީ އެވެ. އަދި އެއީ މިހާރު ދިރިއުޅުމުގެ އެއް ބަ އެވެ.

"އޭގެ ފަހުން ބައިނަލްއަގުވާމީ ތިން މެރަތަން ދުވެފިން. ހަ ހާފް މެރަތަން ދުވެފިން. އެގޮތަށް ދުވަން ފެށުމުން ސިއްހަތަށް ވަރަށް ބޮޑު ބަދަލެއް އައި. ބާރަ ކިލޯ ލުއިވި. ވަޒީފާގައި ފަސޭހަތަކެއް ލިބިގެން ދިޔަ. ސިއްހަތު ރަނގަޅުވީމަ އެނާޖީ އިތުރުވި،" ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ އަފްއާލް ވިދާޅުވި އެވެ.

ޓީއެފްޖީން ބާއްވާ ލޯންގް ރަންގައި އަފްއާލް ދުވަނީ

ދާދި ފަހުން ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން އޭނާ އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެކަމަށްޓަކައި ގަވާއިދުން ނުދުވެ ހުންނަވާތާ މިހާރު ހަތަރު ވަރަކަށް މަސް ވެއްޖެ އެވެ.

"ވަރަށް އުނދަގޫ ކަމަކަށް ވޭ ނުދުވާ ހުރުމަކީ. މިހާރު ހެނދުނު ދުވަން ދާ ގަޑިއަށް ހޭލެވޭ. ލައިފްގެ އެއް ބަޔަށް ވެއްޖެ އެކަން،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ސިފަކުރައްވާ ގޮތުގައި ދުވުމުގެ ތެރެއިން ހަށިގަނޑަށް އައި ބަދަލުތަކާ އެކު، އުމުރުން 46 އަހަރުގައި ވެސް، އޭނާ އަށް އިހުސާސްކުރެވެނީ އެންމެ ޒުވާން ދައުރުގެ ޖޯޝާއި ފޯރި އެވެ. އެ ހަކަތަ އެވެ.

ލިޔާ ހިތްވޭ

އަފްއާލް ގެންދަވަނީ ދޭތެރެ ދޭތެރެއިން އިޖުތިމާއީ، ސިއްހީ، އަދި އިގްތިސާދީ ބައެއް ކަންކަމާ ބެހޭ ގޮތުން ލިއުއްވަމުންނެވެ. "އަފްއާލްސް ކޮލަމް"ގެ ނަމުގައި ހިންގާ ބްލޮގުގައި މައުލޫމާތު ހުރި ލިއުންތައް ގެންނަވަ އެވެ.

"ލިޔުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. މިހާރު އަދާކުރާ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރާ ނަމަ ކުރާނެ ކަމަކީ ލިޔުން. އެގޮތުން ހިންގާ ބްލޮގްގައި ވަރަށް ތަފާތު އެކި ލިޔުންތައް ލިޔެފައި ހުންނާނެ. ބޮޑަށް ހުންނާނީ ސޯޝަލް އިޝޫސްތައް،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ދާދި ފަހުން ބޭއްވި ހަފުލާއެއްގައި އަފްއާލް ވާހަކަދައްކަވަނީ.

"ލިޔުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. ހާއްސަކޮށް ސައިންޓިފިކް ކަންތައް ހިމަނައިގެން ބޮޑަށް ލިޔަން ބޭނުން ވަނީ."

ހިލޭ ސާބަހަށް އެތައް ހިދުމަތެއް

ހިލޭސާބަހަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަފްއާލް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަންގެ ގޮތުގައި ދެ އަހަރު ހިދުމަތް ކުރެއްވި އެވެ. އޭގެ އިތުރުން ތަޖުއްދީން ސްކޫލްގެ ސްކޫލް ބޯޑުގެ ޗެއާޕާސަން ކަން ކުރެއްވި އެވެ.

"ދަރިފުޅުގެ ސްކޫލް ބޯޑުގެ ޗެއާޕާސަންއެއްގެ ގޮތުގައި ހުރިއިރު އެއް ސެޝަނަށް ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްދިނިން. އެނޫން ވެސް އެކި ކަންކަމުގައި އެހީތެރިވެދީފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އަފްއާލް އަކީ "މޯލްޑިވްސް ރިސާޗް"ގެ ނަމުގައި ދިވެހިންގެ ބަޔަކު އިނގިރޭސިވިލާތުގައި ހިންގާ ޖަމިއްޔާއެއްގެ ރާއްޖޭގެ ގޮފީގެ އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ޑިރެކްޓަރެވެ. އެއީ އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އިލްމީ އަދި ތަޖުރިބާކާރު ބަޔަކު ހިންގާ ޖަމިއްޔާއެކެވެ.

"އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ އިޖުތިމާއީ އެކި ކަންކަން ދިރާސާކުރުން. މި ޖަމިއްޔާގައި ޕްރޮފެސަރު އުގައިލް އާއި ޑރ. ޝާފިއު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ. މިއީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއް،" އޭނާ ވިދާޅުވި އެވެ.

އެނގިވަޑައިގެންފައި ހުރި އެއްޗެއް އެހެން މީހުން ދަސްކޮށްދެއްވުމަކީ އަފްއާލްގެ ޝައުގެކެވެ. އެގޮތުން ހިލޭ ސާބަހަށް އޭނާ ދަނީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގައި ލީޑާޝިޕާ ގުޅޭ އެކި ސެމިނާތައް ހިންގަވަމުންނެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބް (ވ) އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އައްފާލް ސްޕޮންސާޝިޕް އެއްބަސްވުމެއް ބަދަލުކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަބަދުވެސް ކުރިއެރުމަށް ހިންގާ ކަންކަމުގައި ބައިވެރިވަން. ވަގުތު ދީގެން އެހެން މީހުންގެ ކުރިއެރުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލަން. އެގޮތުން ލީޑަޝިޕް ސެމިނާތައް ހިންގަން. ޔުނިވާސިޓީ އާއި ރިސޯޓްތަކަށް ވެސް މާލޭގެ އެކި ސްކޫލްތަކަށް ވެސް ހިންގައިދެން. ހިލޭ ސާބަހަށް ހިންގާދިފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.