ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މިދިޔަ ހަފްތާގައި ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން ބުނީ "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 7،512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބެލި ނަމަވެސް ގެއްލުނު މީހުން ފެނިފައި ނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ދޯނި ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯންޏަށް ރާޅު އަރައިގެން އަޑިޔަށް ދާ ކަމަށް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނީ ދޯނި އަޑިއަށް ދިޔަ އިރު ވެސް ދިޔަ ހިއްކުމުގެ މަސައްކަތުގައި ތިބި، އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސް އޮފިސަރު އަލީ ނާފިއު އަދި ހަމްދޫނެވެ.
އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެފައި އެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށާއި އެ ފުން މިނުގައި ދޯނި އޮތް ނަމަ މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މުދަލުން ބަރުކޮށްފައި އޮތް އެ ދޯނި އަޑިއަށް ދިޔަ ހިސާބުން އެ ދޯނި ފެންނާކަށް ވެސް ނެތެވެ.