އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިހާރުގެ އިދިކޮޅު ލީޑަރު ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް، އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވާއިރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ހެކިބަސް ނިންމައި ހެއްކާ ބެހޭގޮތުން ހުރިހާ ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ. މިއަދު އޮތީ އެންމެ ފަހު ކަމަކަަށް އޮންނަ ހުލާސާ ބަޔާން އިއްވުމެވެ.

ދައުލަތުން މިއަދު ފުރަތަމަ ހުލާސާ ބަޔާން އިއްވީ، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ އާއި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށެވެ. އެ އަށް ފަހު، މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުލާސާ ބަޔާން އިއްވި އެވެ. ދެން އޮތީ ޔާމީންގެ ފަރާތުން އަދި ފަހުން ޔޫސުފް ނައީމްގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

ހެނދުނު ފަށައިގެން ދެ ފަހަރަކު މެދުކަނޑާލި އަޑުއެހުން ނިންމާލެވުނީ މިއަދު ހަވީރެވެ.

ހުލާސާ ބަޔާންތައް ނިނުމުން އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

އެ އަޑުއެހުން އޮންނާނެ ތާރީހެއް އޭނާ އިއުލާނު ނުކުރެއްވި ނަމަވެސް، ގާނޫނު ބުނާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ.

ނޮވެމްބަރު 24، 2021 ގައި ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް އަހަރެއްގެ ތެރޭގައި ނިންމާލިއިރު، ގާޒީ ޝަކީލް މިއަދު ވިދާޅުވީ ކޯޓުގައި 60 ގަޑިއިރުގެ އަޑުއެހުންތައް ބޭއްވި ކަމަށެވެ.

އާރަށުގެ މައްސަލައިގައި ހުކުމް ކުރުމާ ހިސާބަށް އާދެވިފައިވާއިރު، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާނެކަން ޔާމީން ވަނީ އިއުލާނުކުރައްވައިފަ އެވެ. ނަމަވެސް، އެ މަނިކުފާނުގެ މައްޗަށް މި މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އިންތިހާބުގައި ވާދަކުރަން ހުރަސް އެޅޭނެ އެވެ.

ދައުލަތުން ބުނާ ގޮތުގައި އާރަށް، ޔޫސުފް ނައީމްގެ މަސްލަހަތު އޮތް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ދޫކުރީ އެ ރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވާ ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާ ކޮށްގެން ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަަށަށް ބަދަލުކޮށްގެންނެވެ. އެ ރަށް އެ މިނިސްޓްރީއަށް ބަދަލު ކުރުމުން ޓޫޖީ ކުންފުނި އުފައްދައި އެ ރަަށް އެ ކުންފުންޏަށް ދޫކުރުމުގެ ކަންކަން ފެށި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކަންކަން ނިމިގެން ދިޔަ ބާރު މިނަށް ބަލާއިރު ވެސް އެއީ ރޭވިގެން އެ ކުންފުންޏަށް ރަށް ދޫކުރުމަށް ހިނގި ކަމެއްކަން އެނގޭ ކަމަށް ދައުލަތުން ބުނެ އެވެ.

ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ އެ ރަށް ޔޫސުފް ނައީމަށް ކުއްޔަށް ދިނީ ޔާމީން އެދިގަތުމުން ކަމަށާއި ރަށުގެ އަގު ކުޑަ ކުރީ ވެސް އެ މަނިކުފާނު ބޭނުންފުޅުވެގެން ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ދައުލަތުން ބުނާ ގޮތުގައި، ޔާމީނަަށް ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރުގެ ޗެކު ދެއްވީ ސެޕްޓެމްބަރު 15، 2015 ގަ އެވެ. އެ ޗެކު ޖަމާކުރީ އެޗްއެސްބީސީގައި ހުންނަ ޔާމީންގެ އެކައުންޓަކަށް އޭގެ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން ފެބްރުއަރީ 21، 2016ގައި އެ ފައިސާ ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކޮށް، ފެބްރުއަރީ 22، 2017ގައި އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާ ކުރެއްވި އެވެ. އަދި މާޗު 14، 2017ގައި އެ ބޭންކުގައި ހުންނަ އެ މަނިކުފާނުގެ އަމިއްލަފުޅު އިންވެސްޓެމެންޓް އެކައުންޓެއްގައި އެ ފައިސާ އިންވެސްޓް ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.

ޑޮލަރު ޖަމާކުރި ފަހުން އެ ފައިސާ އަމިއްލަ އެހެން އެކައުންޓުތަކަށް ޖަމާކުރެއްވީ، އެ ފައިސާ "ލޭޔާ" ކުރަން ނުވަތަ އޭގެ އަސްލު އޮޅުވާލަން ކަމަށް ދައުލަތުން ބުނެ އެވެ.

ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ވަނީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޔޫސުފް ނައީމާ ދެމެދު ހިނގި ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށެވެ. އެ ހެކިން ބުނެފައި ވަނީ އެއް މިލިއަން ޑޮލަރަށް ވާ ނަގުދު ފައިސާ ޔާމީންގެ ގޭގައި ގުނައިގެން ޔޫސުފް ނައީމަށް ދިން ކަމަށެވެ.

ނަމަވެސް، އެ މުއާމަލާތް ހިނގި ކަމެއް އެ ދެ ބޭފުޅުންގެ ވެސް ބޭންކް އެކައުންޓު ސްޓޭޓްމެންޓުތަކުން އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި މައްސަލައިގައި ހެކިބަސް ނަގައި ނިމިފައި ވަނިކޮށް ދައުލަތުން ވަނީ ދިފާއުގެ ހެކިތައް ނަފީ ކުރުމަށް ލިޔުންތަކެއް ހުށަހަޅައިފަ އެވެ. ދައުލަތުން ބުނާ ގޮތުގައި އެ ލިޔުންތަކުން ދިފާއުގެ ހެކިން ދެއްކީ އުފައްދައިގެން ދޮގު ވާހަކަތަކެއްކަން ހާމަވާނެ ކަމަށެވެ.

އެ ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޔާމީންގެ ފަރާތުން ކުރިން ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި މީގެ ކުރިން ޔާމީނަށް ދައުވާ ކުރީ ގއ. ވޮޑަމުލާގެ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލި ނަމަވެސް، އެ ހުކުމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދިވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. އާރަށުގެ މައްސަލަ ކުރިއަށް ގެންދާއިރު، ސަން ކޮންސްޓްރަކްޝަނާއި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.