ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހުން އެނގެނީ އެ ހެކިންގެ ކިބައިން ސާބިތު ކުރުން އުޅުނު ކަންކަން ތެދަކަށް ވުރެ ދޮގަކަށް ވުން ގާތްކަން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިން އިރު ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރާއިރު، ރިޝްވަތު ދިން ކަމުގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

އެ މައްސަލާގައި ދެ ފަރާތުގެ ހެކިބަސް ނަގައި ނިމުނު ފަހުން ދައުލަތުން ވަނީ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް އިތުރު ލިޔުންތަކެއް ހުށަހަޅައިފަ އެވެ. އެއީ ދިފާއީ ހެކިންގެ ހެކިބަހުގެ ތެދު ދޮގު ކަށަވަރުކުރުމާ ގުޅޭ ހެކިތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

އެ ހެކިތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

ދައުލަތުގެ ހެކި ބަލައިގަތުމަށް ނިންމުމަށް ފަހު ދެ ފަރާތަށް ވެސް މުޅި މައްސަލައިގެ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނެވެ. ދައުލަތުގެ ހެކިތަކުން ކުށް ސާބިތުވާ ކަމަށް ދެކޭ ސަބަބު ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ކިޔައިދެއްވި އިރު، ދައުލަތުން އަލަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާ ބެހޭގޮތުން ވާހަކަ ދެއްކެވީ ވަކީލު މަރިޔަމް ޝަހުމާ އެވެ.

ދައުލަތުން މިއަދު ބުނީ، ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބުނީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ކަމަށް ދައްކަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހެކިވެރިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކާއި ހަމަނުޖެހޭ އެތައް ވާހަކަތަކެއް ހިމެނޭ ކަމަށެވެ.

ޝަހުމާ ވިދާޅުވިގޮތުގައި، ޑޮލަަރު ގަތުމުގެ މުއާމަލާތެއް ހިނގި ކަމަށް ބުނާ އިރު، އަމިއްލަ އަށް ދިފާއުވުމަށް ފުލުހުންގެ ތަހުގީގަށް އެކަމުގެ މައުލޫމާތު ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދީފައެއް ނުވެ އެވެ. އެ ދެ ބޭފުޅުން ވެސް ތަހުގީގުގައި ހުރީ ހަނު ކަމަށް ޝަހުމާ ވިދާޅުވި އެވެ. ފުލުހުން ތުހުމަތުކޮށް ހެކި ދެއްކުމުން އަމިއްލައަށް ދިފާއުވުމަށް ހެކި ހުރެ، އެ ހެކި ނުދެއްކުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ.

ކުށް ކުރި ކަމަށް ހެކި ދައްކާފައި ވަނިކޮށް އަދި ދިފާއުވާނެ ހެކި ދެއްކުމުން އެ އަށް ރައްދެއް ނުދީ އެކަމާ މެދު އެއްވެސް އެއްޗެއް ނުބުނު ހަނު ހުރުމަކީ އެ ހެކިތަކުގެ ސައްހަ ކަމުގެ މައްޗަށް ޝަރީއަތުން ބުރަދަން ދޭން ޖެހޭ ގަރީނާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ޔާމީން ޝަރީއަތުގައި ވިދާޅުވާ އިރު ބޭންކަށް ޔާމީން ދެއްވާފައިވާ މައުލޫމާތުގައި ވަނީ އެ އެއް މިލިއަން ޑޮލަރަކީ ސިޔާސީ ކެމްޕެއިނަށް ލިބުނު ފައިސާ ކަމަށާއި އެކަން ލިޔުމުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ޕީޕީއެމްގެ އޮޑިޓް ރިޕޯޓުތަކުން ވެސް ސިޔާސީ މަސައްކަތަށް އެ ފައިސާ ފޮނުވިކަން އެނގެން ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި ހެކިވެރިޔާ އަހުމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ހެކިބަސް ދެމުން ބުނެފައި ވަނީ ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ޔާމީން ގުޅުއްވައިގެން 15 މިލިއަން ރުފިޔާ ގުނައިގެން ދަބަސްތަކަށް އަޅައިގެން އަޅި ކުލައިގެ ކާރެއްގައި ޔޫސުފް ނައީމްގެ ގެއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، އެ މުއާމަލާތް ހިނގި ތާރީހު ހަނދާނެއް ނެތް ކަމަށް ދެ މީހުން ވެސް ބުނެފައިވެ އެވެ.

ދައުލަތުން ބުނި ގޮތުގައި އެ ދެ މީހުންގެ ވާހަކަތަކުން ވެސް އެނގުނީ އެ ދެ މީހުން ވެސް ނުހިނގާ ކަމެއް ހިނގި ކަމަށް ދައްކަން ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން އައިކަން ކަމަށެވެ

.އެގޮތުން، އެ ދެ މީހުން ފައިސާ ނަގައިގެން ދިޔަ ކާރުގެ ކުލަ ފަދަ ކުދިކުދި ކަންކަން ދެ މީހުން އެއްގޮތަކަށް ކިޔައިދީފައިވާއިރު، އެ އަށް ވުރެ އިތުރަށް އެ މީހުންގެ ފަރާތުން ތަފްސީލުތައް ހޯދަން ދައުލަތުން ސުވާލުކުރުމުން ހަނދާން ނެތް ކަމަށް އެ މީހުން ޝަރީއަތުގައި ބުނެފައިވާކަން ފާހަގަކުރި އެވެ.

ދައުލަތުން ބުނީ، ކާރުގެ ކުލަ ފަދަ މައުލޫމާތުތައް ދެ މީހުން އެއް ގޮތަކަށް ކިޔައިދީފައިވާއިރު، އެކަން ހިނގީ ދުވާލު ނުވަތަ ރޭގަނޑު ކަމެއް ވެސް ފަހުން ސުވާލު ކުރުމުން ހެކިވެރިންނަށް ބުނަން ނޭނގުނު ކަމަށެވެ. އަދި 15 މިލިއަން ރުފިޔާ ކަން އެނގުނީ ކިހިނެއްތޯ ސުވާލު ކުރުމުން، ގުނީ ފައިސާ ގުނާ ގޮތަށް އަތުން ކަމަށް ނަރީޝް ވިދާޅުވި އިރު، ގުނީ ފައިސާ ދަބަސްތައް ކަމަށް އޭގެ ފަހުން ހެކިބަސް ނެގި ދުވަހު އަބްދުﷲ ރަޝީދު ވިދާޅުވި ކަމަށް ދައުލަތުން ބުންޏެވެ.

ވަކީލު ޝަހުމާ ވިދާޅުވިގޮތުގައި، ސަބަބުވެރި އިންސާނާގެ އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، 15 މިލިއަން ރުފިޔާ ކުޑަ ވަގުތުކޮޅެއްގައި ގުނުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ކުދިކުދި ބައެއް ކަންތައްތައް އެއްވެސް ޖެހިލުމެއް ނެތި ހަނދާންވި ނަމަވެސް، ދައުލަތުން ކްރޮސް އެގްޒަމިން ކުރަމުން ކުރި އިތުރު ސުވާލުތަކަށް ދޭނެ ޖަވާބެއް ހެކިވެރިން ހަދާން ނެތުނު ކަމަށް ވެސް ޝަހުމާ ވިދާޅުވި އެވެ. އެ ދެ މީހުން ވެސް ހަނދާނެއް ނެތް ކަމަށް ބުނެ ޖަވާބުދެމުން ދިޔަކަން ޝަހުމާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ހެކިވެރިންގެ ހުންނަނީ "ސިލެކްޓެޑް މެމޮރީ" ކަމަށެވެ.

މުއާމަލާތް ހިނގި ދުވަސް ހަނދާން ނެތް ކަމަށް ހެކިވެރިން ބުނެފައިވާއިރު، އެ މުއާމަލާތް ހިނގި ކަމަށް އެންމެ ބޮޑަށް ބެލެވޭ ދުވަހުގައި ނަރީޝް ސިފައިންގޭގެ ވަޒީފާ އަށް 6:00 އަށް ގޮސްފައިވާކަން އެނގޭ ލިޔުމަކާ ހަވާލާދީ ޝަހުމާ ވިދާޅުވި އެވެ.

"ހުށަހެޅި ޝަފަހީ ހެކީންގެ ހުރި ސިލެކްޓިވް މެމޮރީ އާއި އެ ހެކި ހުށަހެޅި ސަބަބުގައި ބަޔާން ކުރި ތަފްސީލާއި ހެކިން ޝަރީއަތުގެ މަޖިލީހުގައި ދިން ހެކިބަހުގައި ހުރި ބޮޑެތި ފުށޫއެރުންތަކާއި އަދި ހެކިބަހުގައި ހުރި ދެކޮޅު ނުޖެހޭ ވާހަކަތަކަށް ބަލާއިރު ހާމަވެގެން ގޮސްފައި ވަނީ މި ހުރިހާ ހެކީންގެ ފުށުން ސާބިތުކުރަން އުޅުނު ކަންކަން ތެދަކަށް ވުމަށް ވުރެ ދޮގަކަށް ވުން ގާތްކަން،" ޝަހުމާ ވިދާޅުވި އެވެ.

ޝަހުމާ ވިދާޅުވީ، ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހެކިބަސް ދެއްވިއިރު، އެހެން މީހަކު ބުނި ވާހަކައަކާ ހަވާލާ ދިނުމުން އެއީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫން ކަމަށެވެ.

އާރަށާ ގުޅިގެން ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް ބައްދަލުވުމެއްގެ ޔަމިއްުޔާ ދައުލަތުން ހުށަހަޅާފައިވެ އެވެ. އެ ޔައުމިއްޔާގައި ވަޒީރުންގެ ސޮއި ނެތުމުން، އެއީ ސައްހަ އެއްޗެއް ނޫން ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަހުމަދު ޒުހޫރު ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.

އެކަމަކު، ޝަހުމާ ވިދާޅުވީ، ބައެއް ޔައުމިއްޔާތަކުގައި ސޮއި ނުކުރާކަން މިހާރު އެނގިފައިވާ ކަމަށާއި އެފަދަ ޔައުމިއްޔާތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން، އެކަކު ފިޔަަވައި އެހެން އެންމެން ސޮއިކޮށްފައި އޮތް ޔައުމިއްޔާއެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގައި ސައީދާއި ޒުހޫރު ވެސް ސޮއިކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހުމާ ވިދާޅުވީ އެ ހެކިތަކުން ސައީދާއި ޒުހޫރުގެ ވާހަކަތައް ނަފީވާނެ ކަމަށެވެ.

ޔާމީންގެ ވަކީލުން މިއަދު ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން ދައުލަތުގެ ފަރާތުން ފަހުން ހުށަހެޅި ލިޔުންތައް ބަލައިގަތުމާ ދެކޮޅަށް ވާހަކަ ދައްކި އެވެ. އެ މަނިކުފާނުންގެ ވަކީލުން ވިދާޅުވި ގޮތުގައި އެއީ އިޖުރާއަތާ ހިލާފު ކަމެކެެވެ،

އެ ލިޔުންތައް ބަލައިގަތުމަށް ނިންމި ނިންމުން ލިޔުމުން ދިނުމަށް ދިފާއީ ވަކީލު އާދަމް ޝަމީމް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ އެ ނިންމުން އިސްތިއުނާފު ކުރަން ގަސްދު ކުރައްވާ ކަމަށެވެ.