ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތާ ގުޅޭގޮތުން ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް އެކަމުން ވެސް ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްތިސާދު ޑައިވާސިފައިކޮށް، އެކި ދާއިރާތަކުން އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެންނައިރު، އެފަދަ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި ދުބާއީގެ ގޯލްޑަން ވިސާ ފަދަ ވިސާއެއް ރާއްޖެއަށް ގެންނަން ނިންމާފައިވާ ކަމަށެވެ.
ޕާލް ރެޒިޑެންސީ ވިސާގެ ނަމުގައި އެފަދަ ވިސާއެއް ތައާރަފް ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ބިލް ބަންޑާރަނައިބު އޮފީހުން ޑްރާފްޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރާނީ ގާނޫނެއްގެ ދަށުން ކަމަށާއި އަދި އެއާ އެކު އިންވެސްޓްމެންޓަށް ބޭރުގެ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހުޅުވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"އިކޮނޮމިކް ޑައިވާސިފިކޭޝަން ތެރޭގައި ރައީސްގެ ޕްލެޖެއް މި އޮންނަނީ އާ މަސައްކަތްތަކެއް ކުރުން. ރާއްޖޭގެ އިގްތިސާދަށް އާމްދަނީ ވަންނަ އާ ކަންތަައްތަކެއް ކުރުން. އެގޮތުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިން ސަސްޓެއިނަލް ޓައުންޝިޕެއް ގާއިމްކުރަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްތިސާދަށް އެކި ދާއިރާތަކުން އިންވެސްޓްމެންޓްތައް ގެންނައިރު ސަސްޓެއިނަބަލް ޓައުންޝިޕްތަކެއް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފަދަ އެއް އިންވެސްޓްމެންޓް މިހާރު ވެސް ނ. އަތޮޅުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމެއް އުފެއްދުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަ ފްލޯޓިން ސޯލާ ޕެނަލްގެ ބިޔަ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.