ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހުއްޓިފައި އޮންނަ ކަމަށް ޕޮލިސް ބޯޑަށް އައްޔަން ކުރެއްވި ހާމިދު އަބްދުލް ގަފޫރް ސިފަކުރައްވައިފި އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސީދާ މިނިސްޓާރަށް ލަފާ ދެއްވުމަށް އެކުލަވާލާފައިވާ ޕޮލިސް ބޯޑުގެ މެންބަރު ފުރަތަމަ މިހެން ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމާފައިވާ ހަބަރު އިއްޔެ ރީޓުވީޓް ކުރައްވަމުންނެވެ.
ހާމިދު ވިދާޅުވީ ހުއްޓިފައިވާ ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އިތުރުވަމުން އަންނަ ކަމަށެވެ. އެ ހާދިސާ އަށް އެއް މަސް ހިނގާފައިވާއިރު ނަޝީދު ފުރާނަފުޅަށް ދިން ހަމަލާއަށް ފަންޑު ކުރި ފަރާތްތައް ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ.
އޭގެ ފަހުން މިރޭ ވެސް އެކަމާ ގުޅޭ ގޮތުން މަޖިލީހުން ކުރާ މަސައްކަތާ ގުޅޭ ހަބަރެއް ޓުވީޓް ކުރައްވަމުން ހާމިދު އަނެއްކާވެސް އެ ތަހުގީގު ސިފަ ކުރެއްވީ ހުއްޓިފައި އޮތް ތަހުގީގެއް ގޮތުގަ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ލަސްވާތީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެ މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، ތަހުގީގު އެކަށީގެންވާ ސްޕީޑެއްގައި އަދި ފާޅު ކަންބޮޑު ގޮތެއްގައި ނުހިނގާ ކަމަށް އެ މެންބަރުން ބުނެ އެވެ.
މި މައްސަލާގައި ހިމެނޭނީ އެންމެ ތިން މީހެއް ނޫން ކަމަށާއި ފަންޑު ކުރި މީހުން ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.