ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި، ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ މިރޭ ގުޅިވަޑައިގެންފި އެވެ.

އެ ދެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމާ އެކު، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ މިހާރުގެ އަދަދަކީ 13 އެވެ.

މިރޭ ޖޭޕީއަށް ސޮއިކުރެއްވި ދެ މެމްބަރުންގެ ތެރެއިން މުހައްމަދު ހުސައިން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ އެ ޕާޓީގެ ޓިކެޓުގަ އެވެ. އެކަމަކު، އޭރުގެ ކޯލިޝަން ރޫޅި، ސިޔާސީ ދާއިރާ އަށް އައި ބަދަކާ އެކު އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ އެވެ.

އަޒްހާން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަޒްހާން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލިހުގައި ވަރަށް މަދުން ވާހަކަ ދައްކަވާ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ އަޒްހާން ފަހުމީ ވެސް މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.

ޖުމްހޫރީ ޕާޓީއަށް އަށް ސޮއި ކުރެއްވުމަށް ފަހު، މުހައްމަދު ހުސެއިން ވިދާޅުވީ އޭނާ އެ ފިޔަވަޅު އެޅުއްވީ، ޕީޕީއެމްގެ ސަރުކާރު އުމުރު ހަމަވެ އާ ސަރުކާރެއް ވެރިކަމާ ހަވާލުވެފައިވާތީ ކަމަށެވެ. އަދި ވިދާޅުވިގޮތުގައި، އޭނާ މަޖިލިހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމަށް ވިޔަސް އޭގެ ފަހުން ޕީޕީއެމާ ގުޅިވަޑައިގަތީ ސަރުކާރުގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑަށް ދީފައިވާ އޮތް މެންޑޭޓަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ކަންތައްތަކެއް ހާސިލް ކޮށްދިނުން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގައި އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ހުސައިން ވިދާޅުވި އެވެ.

މުހައްމަދު ހުސައިން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މުހައްމަދު ހުސައިން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕީޕީއެމް ދޫކުރައްވައި، އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ސަރުކާރު ހިންގާ ޕާޓީ އަކީ މިހާރު ޕީޕީއެމް ކަމަށް ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސަރުކާރު މިއަދު ވަނީ ސަރުކާރުގެ އުމުރު ހަމަވެ ނިމިފައި. އެހެން ކަމަށް ވުމާއެކު ތަބީއީ ގޮތުން އެނބުރި އަޅުގަނޑު އައިސް ހުންނާނީ އަޅުގަނޑު ދެކޭ ގޮތުގައި ޖޭޕީގައި،" މުހައްމަދު ހުސެއިން ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި މެމްބަރު އަޒްހާން ވާހަކައެއް ނުދައްކަވަ އެވެ.

ޖޭޕީއާ މިރޭ ގުޅިވަޑައިގެންނެވި ބައެއް އެހެން ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޖޭޕީއާ މިރޭ ގުޅިވަޑައިގެންނެވި ބައެއް އެހެން ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުހައްމަދު ހުސައިނާއި އަޒްހާންގެ އިތުރުން ދީނީ އިލްމުވެރިޔާ މުހައްމަދު ގުބާދު އަބޫބަކުރާއި ކުޑަކުދިންގެ ދީނީ ޕްރޮގްރާމް ގެނެސް ދެއްވާ އަބްދުއްލަތީފް އަހުމަދާއި ޝެއިހު އަލީ ނަޖީބާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމް ވެސް ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި އެވެ.