މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީ ހަމައެކަނި މެމްބަރުންގެ މުސާރަ ބޮޑުވުން އެކަންޏެއް ނޫނެވެ. ރައްޔިތުން ތަމްސީލްކުރައްވާ ބައެއް މެމްބަރުން މަޖިލިހުގައި އެކަށީގެންވާ މަސައްކަތެއް ނުކޮށް، މުސާރަ ނެންގެވުމެވެ.


ކުރީގެ މަޖިލިސްތަކަށް އެކަމަށް ހައްލެއް ނުގެނެވުނެވެ. އެކަމަކު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވިސްނުން ތަފާތެވެ. މަސައްކަތް ނުކުރައްވާ މެމްބަރުންގެ މުސާރަ އިން ކަނޑަން އެ މެމްބަރުން ތިއްބެވީ ތައްޔާރަށެވެ.

މަޖިލިހުގެ ގަވައިދު ދިރާސާކުރާ ކޮމިޓީން ވަނީ ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިހުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގެ ޑްރާފްޓެއް ހަދައި ހުރިހާ މެމްބަރުންނަށް ފޮނުވައިފަ އެވެ. އެ ޑްރާފްޓަށް އުނި އިތުރު ގެނައުމުގެ ފުރުސަތު އެބަ އޮތެވެ. ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް އެ ކޮމިޓީން ވަނީ ހައްލެއް ހޯދައިފަ އެވެ.

ކުރިން ފެނުނީ މިއާ އިދިކޮޅު މަންޒަރުތަކެވެ. މަޖިލީހުގެ މަސައްކަތްތަކަށް ފަރުވާ ކުޑަކޮށް ޖަލްސާތަކަށް ހާޒިރު ނުވެ ބައެއް މެމްބަރުން ދެއްކެވީ ބަހަނާ އެވެ. ފަސް އަހަރުގެ ދައުރެއްގައި ދެބައި ކުޅަ އެއްބައި ޖަލްސާއަށް ވެސް ބައެއް މެމްބަރުން ހާޒިރެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް އާ މަޖިލިހުގެ ގަވައިދު ދިރާސާކުރާ ކޮމިޓީން ވަނީ ރައްޔިތުން އެދޭ ކަންކަމަށް މަޖިލިހުގެ ގަވައިދުން ފުރުސަތު ދީފަ އެވެ.

ގަވައިދަށް ގެނައި އެންމެ ބޮޑު އެއް އިސްލާހަކީ މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވުމެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ. މިއީ ބޮޑު ބަދަލެކެވެ.

މަހެއްގެ މައްޗަށް މިހާރު ބާއްވަނީ 12 ޖަލްސާ އެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. އޭގެ ތެރެއިން ހަ ޖަލްސާ އަށް މެމްބަރަކު ހާޒިރުނުވެއްޖެ ނަމަ، މުސާރައިގެ ދެބައިކުޅަ އެއްބައި ކަނޑާނެ އެވެ. އެހެންވެ އެ މެމްބަރަކަށް މަހަކު ލިބިވަޑައިގަންނަވާނީ 41،000ރ. އެވެ.

ގަވައިދަށް ދެން ގެނައި އެންމެ މުހިންމު ބަދަލަކީ ކޮމިޓީ އެލަވަންސް ދޭ ގޮތެވެ. ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، 20،000ރ. ގެ އެލަވަންސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓެވެ. އެއީ 10،000ރ. އެވެ. އެހެންކަމުން 20،000ރ. ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަތީމަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ގަވައިދު ދިރާސާ ކުރާ ކޮމިޓީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ގަވައިދު ފައިނަލް ކުރާނީ މެމްބަރުން ބޭނުންވާ އިސްލާހެއް އޮތް ނަމަ، ކޮމިޓީގެ މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. ގަވައިދު ފައިނަލް ކުރާ އިރު، ރައްޔިތުންގެ ހިޔާލެއް އޮތް ނަމަ، އެއާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ގަވައިދަށް އިސްލާހު ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

"ރައްޔިތުން ބޭނުންވި ގިނަ ކަންކަން ހުންނާނީ މިހާރު މަޖިލިހުގެ ގަވައިދުގައި ހިމަނާފައި. ފަހުން އަނެއްކާ އީމެއިލުން ލިބުނު ހިޔާލުތަކެއް. އަޅުގަނޑުމެން ނިންމީ އެ ހިޔާލުތައް ވެސް ބަލާފައި އޭގެ ތެރެއިން ވެސް ހިމެނޭ އެއްޗެއް ހިމަނަން،" ހުޅުދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުން ހުށަހެޅި ހިޔާލުތަކުގެ ތެރެއިން 75 ޕަސަންޓު މީހުންގެ ވިސްނުމަކީ، އިލްޔާސް ވިދާޅުވި ގޮތުގައި، މަޖިލިހުގެ މެމްބަރުންގެ ކެއުން ކަނޑާލުމާއި މެމްބަރުން ގަޑި ޖެހުމުން މުސާރަ ކެނޑޭ ގޮތް ހެދުމާއި ކޮމިޓީގެ ބައްދަލުވުންތަކަށް ގަޑިއަށް ހާޒިރު ނުވާ ނަމަ، ކޮމިޓީ އެލަވަންސް ކެނޑުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކެއުމުގެ ކަންކަމާ މެދު ގޮތެއް ނިންމާނީ މަޖިލިހުގެ އާންމު ކޮމިޓީންނެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ ޝަކުވާއަކީ މަޖިލިހުގެ މެމްބަރުންގެ މުސާރަ އަމިއްލަ އަށް ކަނޑައެޅުމުގެ ބާރު މެމްބަރުންނަށް އޮތުމެވެ. އިލްޔާސް ފާހަގަކުރެއްވި ގޮތުގައި މެމްބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު މެމްބަރުންނަށް ދީފައި އޮތީ ގާނޫނުއަސާސީންނެވެ. އެހެންވެ، އެކަން ބަދަލުކުރަން ބޭނުން ނަމަ، ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށާއި މަޖިލިހުގެ ރައީސަށާއި މަޖިލިހުގެ ނައިބު ރައީސަށާއި ފަނޑިޔާރުންނަށާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެމްބަރުންނަށާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުން ކަމަށެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި އޮންނަނީ ގަވައިދުތަކުގެ ތެރޭގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށެވެ. އަދި މަޖިލިހުގެ ތިން ބައިކުޅަ ދެ ބައި އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތެއް ވެސް ކަނޑައެޅިދާނެ ކަމަށް ބުނެފައިވެ އެވެ.

"މަޖިލިހުގެ މެމްބަރުން މިކަމުގައި ބައިވެރިނުވާ ނަމަ ހައްގުވާ މިންވަރު އުނި ކުރެވެން ޖެހޭނެ ބައިވެރިވި މިންވަރަކަށް. މި ގަވައިދުގައި އެހެން ހެދިގެން ދާނެ،" ---އިލްޔާސް

މުސާރަ އަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު އަދި ގަވައިދު ދިރާސާ ކުރާ ކޮމިޓީގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މިހާރުގެ އިސްލާހުތަކުން މެމްބަރުން މަޖިލިހަށް ހާޒިރުވެވަޑައިގަތުމަށް ބާރަކަށް ވާނެ ކަމަށެވެ. މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މެމްބަރުންގެ މުސާރައަކީ ރައްޔިތުންގެ މުސާރަ. މިހާރު ބައެއް މެމްބަރުން ވަކި އެއްޗެއް ނާންގަވައި މުސާރަ ނަންގަވާ. މިކަމަށް ހުއްޓުމެއް އަންނާނެ ކުރިއަށް އޮތް ތަނުގައި،" ސައުދު ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ 19 ވަނަ މަޖިލިހުގައި 17 ކޮމިޓީއެއް ހިމެނޭ އިރު، ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. މަޖިލިހުގައި ކުރާ މަސައްކަތުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ބައިވެރިވެވަޑައިނުގަންނަވާ ނަމަ، ގަވައިދާ އެއްގޮތަށް މުސާރަ ކެނޑެން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވަރަށް މަސައްކަތް ކުރައްވާ. ކޮމިޓީތަކަށް ހާޒިރުވޭ. ބައެއް ބޭފުޅުން ދެ ތިން ކޮމިޓީގައި އެބަ އުޅުއްވާ. ވަރަށް ބުރަކޮށް އުޅުއްވަނީ،" އިލްޔާސް ވިދާޅުވި އެވެ.

މަޖިލިހުގައި ކުރިން ދިމާވެފައި އޮތް އެއް މައްސަލައަކީ މަގުބޫލު އުޒުރެއް ނެތި، ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލު ކުރަމުން ދިޔުމެވެ. މިދިޔަ ފަސް އަހަރު ދުވަހު ދިމާވި އެންމެ ބޮޑު މައްސަލައަކީ ވެސް އެއީ އެވެ. ޕާލަމެންޓްރީ ގްރޫޕްތަކުގެ އިސް ބޭފުޅުން ބޭނުންވީމަ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ބަދަލުކޮށްފައި އެބަ ހުއްޓެވެ. މެމްބަރުންނަށް ނާންގަވާ ވެސް އެކަން ކުރެ އެވެ.

އިލްޔާސް ވިދާޅުވީ ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރެވޭނީ މަގުބޫލު އުޒުރެއް އޮވެގެން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައި، އެކަން ގަވައިދުގެ ތެރޭގައި ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ވެސް މަޖިލިހުގެ ގަވައިދަށް ގެންނާނެ މުހިންމު އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ރާއްޖެ އިން ބޭރަށް މި ވަޑައިގަންނަވަނީ މެމްބަރަކު، ރަސްމީ ކަމަކަށް ވީމަ، އެ މެމްބަރު ވަޑައިނުގަންވާ ކަމަކަށް ނީންނާނެ. އެކަމަކު، މުހިންމު މައްސަލައެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރާ ނަމަ، ޕާލަމެންޓްރީ ގްރޫޕް މެމްބަރުން މަޝްވަރާކޮށްގެން ބަދަލު ކުރެވިދާނެ،" އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިހުގެ މެމްބަރުންނާއި އެބޭފުޅުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުންނާއި 18 އަހަރު ނުފުރޭ ހުރިހާ ކުދިންގެ މައުލޫމާތު މަޖިލިހުގެ އަމީން އާންމަށް ފޮނުވަން ވާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ. އެ މައުލޫމާތަކީ އޮޑިޓަ ޖެނެރަލް "އެޕްރޫވްކޮށްފައި" އިންނަ އޮޑިޓަރަކު، އޮޑިޓްކޮށްފައިވާ މައުލޫމާތަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިލްޔާސް ވިދާޅުވީ މައުލޫމާތުތަކުގެ ތެރޭގައި މައްސަލައެއް ފާހަގަވާ ނަމަ، 90 ދުވަސް ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލް ތަހުގީގުކޮށް ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ނަމަ ފުލުހުންނަށް ފޮނުވަން ވާނެ ކަމަށެވެ.

މަޖިލިހުގެ ގަވައިދަށް ގެންނަން ފެންނަ ހިޔާލުތައް ހުށަހެޅި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ވޭތުވެދިޔަ ދެ ދައުރަށް ބަލާ އިރު، މަޖިލިހަކީ ރައްޔިތުން އިތުބާރު ނުކުރާ އެއް މުއައްސަސާ ކަމަށެވެ. އެގޮތުން މެމްބަރުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވި، މަޖިލިހުގެ މަގްސަދު ހާސިލް ނުވާ ތަން ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން ވިދާޅުވި ގޮތުގައި އެ ހިޔާލުތައް ދިނީ އެ ކަންކަމަށް ހައްލު ހޯދުމަށެވެ.

"ތިން ކަމެއް ހުށަހެޅީ. އެއީ ކޮރަޕްޝަން މަދުކުރުމާއި މަޖިލިސް ހިންގުމުގައި ރައްޔިތުން ބައިވެރިވުން އިތުރު ކުރުމާއި މަޖިލިސް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްރާންސްޕޭރަންސީގެ އުންމީދަކީ އެ ޖަމިއްޔާ އިން ހުށަހެޅި ކަންކަމުގެ މަސްދަރު ހިމެނޭ ގޮތަށް މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނައުމެވެ. މަޖިލިހަކީ ރައްޔިތުންގެ ތަނަކަށް ހަދަން ބޭނުންވާ ނަމަ، ރައްޔިތުންނަށް އެ މެމްބަރުން ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނަށް އިތުބާރު ކުރެވޭ ތަނަކަށް މަޖިލިސް ހެދޭނީ އޭރުންނެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެއް ވައުދަކީ ނަޒާހަތްތެރި، ތަފާތު މަޖިލިހަކަށް 19 ވަނަ މަޖިލިސް ހެދުމެވެ. ނަޒާހަތްތެރި ތަނަކަށް އެ ތަން ހެދޭނީ މަޖިލިހުގައި ކުރަން ޖެހޭ މަސައްކަތްތައް ކޮށް، މަސައްކަތަށް ހާޒިރުވެ، އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިހުގެ މެމްބަރުން މިކަމުގައި ބައިވެރިނުވާ ނަމަ ހައްގުވާ މިންވަރު އުނިކުރެވެން ޖެހޭނެ ބައިވެރިވި މިންވަރަކަށް. މި ގަވައިދުގައި އެހެން ހެދިގެން ދާނެ،" އިލްޔާސް ވިދާޅުވި އެވެ.

އާ ގަވާއިދު ފާސްވާނީ މަޖިލިހުގެ ތަޅުމުންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމާ އެކު މިފަހަރު އެކަން ވާނެ ކަމަށް ބެލެވެ އެވެ. އަދި މަޖިލިހުގެ މެމްބަރުންނަށް ވެސް މުސާރަ އާއި އެލަވަންސް ލިބިވަޑައިގަންނަވާނީ ކުރައްވާ މަސައްކަތަށް ބިނާކޮށެވެ.