ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ރެކޯޑު އޮވެ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ކުށްކުރި ކަމަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފަ އެވެ.
ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ހެކިންގެ ހެކިބަހާއި ސީސީޓީވީ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބުނު އަނިޔާގެ ފޮޓޯގެ އިތުރުން އިންޓެލިޖެންސް ރިޕޯޓާއި އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެވެ.