ފިރިމީހާއަށް ޒަހަރު ދީ މަރާލިކަން ސާބިތުވި އެމެރިކާގެ ލިޔުންތެރިޔާ ކޫރީ ރިޗިންސް، ޕެރޯލްގެ ފުރުސަތެއް ނެތް ގޮތަށް އުމުރަށް ޖަލަށްލުމަށް ބުދަ ދުވަހު އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ރިޗަޑް އެމްރާޒިކް ވިދާޅުވީ، ތިން ކުދިންގެ މަންމައެއް ކަމަށްވާ ރިޗިންސް އަކީ "ދުވަހަކު ވެސް މިނިވަންކޮށް ދޫކޮށްލާ ވަރަށްވުރެ މާ ނުރައްކާތެރި މީހެއް" ކަމަށެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 2022 ވަނަ އަހަރު ކޫރީ ރިޗިންސް އޭނާގެ ފިރިމީހާ އެރިކް ރިޗިންސް މަރާލީ، ފެންޓަނީލް އިން ފުރާނައަށް ނުރައްކާ ވަރަށް ވުރެ ފަސް ގުނަ އިތުރު ޑޯޒެއް ކޮކްޓެއިލް ބުއިމަކަށް އަޅައި އެ ބޯންދީގެން ކަމަށެވެ. 

މިކަން ކުރީ  ފިރިމީހާގެ ހަތަރު މިލިއަން ޑޮލަރުގެ މިލްކިއްޔާތު ހޯދުމަށާއި ފިރިމީއަށް ނުވެސް އެނގި އޭނާގެ ނަމުގައި ނަގާފައި އޮތް ލައިފް އިންޝުއަރެންސް ޕޮލިސީތަކުން ދެ މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށް ޕްރޮސިކިއުޓަރުން ބުންޏެވެ.

ފިރިމީހާ މަރުވުމުގެ ހަފްތާތަކެއް ކުރިން ވެސް  ސޭންޑްވިޗަކަށް މި ވިހަ އަޅައިގެން މަރާލަން އުޅުނު ކަމަށާއި، އެފަހަރު އޭނާ ވަރަށް ބޮޑަށް ބަލިވި ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ.

ފިރިމީހާގެ މަރަށްފަހު، ރިޗިންސް ވަނީ އޭނާގެ ތިން ފިރިހެން ދަރިންނަށް ބައްޕަގެ މަރުގެ ހިތާމައިން އަރައިގަތުމަށް އެހީތެރިވުމުގެ ނަމުގައި ކުޑަކުދިންގެ ފޮތެއް ލިޔެ ޝާއިއުކޮށްފަ އެވެ. މި ފޮތުގެ ސަބަބުން އޭނާއަށް ބޮޑު ސަމާލުކަމެއް ލިބުނު ނަމަވެސް، ފަހުން ތަހުގީގަށް ހާމަވީ މިއީ އޭނާގެ ޖަރީމާ ފޮރުވަން ކުރި ކަމެއްގެ ގޮތުގަ އެވެ.

އުމުރުން 36 އަހަރުގެ ރިޗިންސް މުޅި މައްސަލާގައި ވެސް ބުނަމުން ދިޔައީ އޭނާގެ ކުށެއް ނެތް ކަމަށެވެ. 

"އަހަންނަށް އޮތީ ހިތާމަ. ތިޔަ ކުދިންގެ ބައްޕައާ ނުލައި އަދި ތިޔަ ކުދިންނާ ނުލައި އޮތީ ހިތާމަ،"ރިޗިންސް ކޯޓުގައި ބުނި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.   

ނަމަވެސް ކޯޓުގައި އޭނާ ވަނީ ކައިވެނިން ބޭރުން އެހެން މީހަކާ ގުޅުން ބޭއްވި ކަމަށް އިއުތިރާފްވެފަ އެވެ.

"އަހަންނަށް ތިޔަ ކުދިންގެ ބައްޕަ ނޫން އެހެން މީހެއް ދެކެ ލޯބި ވެވުނު. އަދި ބައްޕަ އަހަރެން ނޫން އެހެން މީހެއް ދެކެ ލޯބިވި،"

ކޯޓުގައި އޭނާގެ ދަރިންގެ ފަރާތުން ތެރަޕިސްޓުން ވަނީ އަސަރު ގަދަ ވާހަކަތަކެއް ކިޔައިދީފަ އެވެ.

"މަންމަ މިނިވަންވެގެން ބޭރުގައި އުޅޭ ނަމަ އަހަންނަށް ރައްކާތެރިކަމެއް އިހުސާސެއް ނުވާނެ،" އެއް ދަރިއަކު ބުންޏެވެ.

އަނެއް ދަރިއަކު ބުނި ގޮތުގައި މަންމަ އަބަދު ހުންނަނީ "މަސްތުވެފައި" ކަމަށާއި، މަންމަ މަތިން ހަނދާން ނުވާ ކަމަށެވެ. "ބައްޕަ މަތިން ހަނދާންވޭ، އެކަމަކު ކުރިން އުޅުނު ދިރިއުޅުން މަތިން ހަނދާނެއް ނުވޭ،" އެ ކުއްޖާ ބުންޏެވެ.

މި ހުކުމާ އެކު، ރިޗިންސް އޭނާގެ އުމުރުގެ ބާކީހޭދަކުރަން ޖެހޭނީ ޖަލުގަ އެވެ. -- އޭއެފްޕީ