އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ އޭ އާރު ރަހުމާން އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ އޮޓޯބަޔޮގްރަފީއެއް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
"ރަހްމާން: އަ ރެނެސެންސް"ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ އެ ފޮތަކީ އިންޑިއާގެ ލިޔުންތެރިޔާ އަދި އާޓިސްޓް ރޫޕާ ޗަކްރަވަރުތީއާ އެކު "ކޯ-އޯތާ"އެއްގެ ގޮތުގައި ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން އިއުލާންކުރަމުން ރަހުމާން ބުނީ "އާ ބާބެއް ފެށުނީ" ކަމަށާއި އެ ފޮތުން އޭނާގެ މިއުޒިކީ ދަތުރާއި ވިސްނުންތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން އޭނާގެ އުފެއްދުންތެރިކަމަށް އަސަރުކުރުވި ކަންކަން އެނގޭނެ ކަމަށެވެ.
އެއީ ހަމައެކަނި އޭނާގެ ކާމިޔާބީތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނޫން ކަމަށާއި އޭނާގެ ނަފްސާނީ އަދި ރޫހާނީ އިހުސާސްތަކާއި އީމާންތެރިކަމުގެ ވާހަކަތައް ވެސް އެ ފޮތުން ކިޔާލަން ލިބޭނެ ކަމަށް ރަހުމާން ބުންޏެވެ.
އެ ފޮތާ ގުޅޭ ގޮތުން ވާހަކަދައްކަމުން ރަހުމާން އިތުރަށް ބުނީ އޭނާގެ މިއުޒިކަކީ އޭނާގެ ވިސްނުމަށް އަންނަ ބަދަލުތަކާއި ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ އަދި އުންމީދީ ކަންތައްތަކުގެ އިތުރުން އެކުވެރިކަމުގެ ގުޅުންތަކާ ސީދާ ގުޅިފައިވާ އެއްޗެއް ކަމަށެވެ. އަދި އެ ފޮތުގެ ޒަރީއާއިން އޭނާގެ ހަޔާތް ބައްޓަންކުރުމަށް އެހީވެދިން މުހިންމު ދަނޑިވަޅުތައް ސާފުކޮށް ކިޔައިދެވިފައިވާ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ 34 އަހަރު ކުރިން 1992 ގައި މަނީ ރަތުނަމްގެ ތަމަޅަ ފިލްމު "ރޯޖާ" އިން ފިލްމުތަކަށް މިއުޒިކް އުފައްދަން ފެށި ރަހުމާން ވަނީ އިންޑިއާގެ ގައުމީ ފިލްމީ އެވޯޑުތަކުގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ލިބޭ އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ އޮސްކާގެ ދެ އެވޯޑަކާއި ގްރޭމީގެ ދެ އެވޯޑަކާއި ބާފްޓާ އަދި ގޯލްޑެން ގްލޯބް އެވޯޑެއް ވެސް ހާސިލުކޮށްފަ އެވެ.
"ރަހްމާން: އަ ރެނެސެންސް" ނެރޭ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.