ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން ސްކޫލުތަކުން ގިނަ ކަންކަން ކޮށްފި އެވެ. ބައެއް ތަންތަނުގައި ޕްލާސްޓިކް ކޮތަޅުން ފެށިގެން ޕްލާސްޓިކް ފުޅި ވެއްދުން މިހާރު މަނަލެވެ. ނ. ޅޮހީ ސްކޫލުން މިފަހަރު ނަމޫނާ ދައްކައިދިނީ އެހެން ގޮތަކަށެވެ؛ ދަރިވަރުންގެ ފޮތްތަކުގައި ސެލޯފިންގެ ބަދަލުގައި އެކި ވައްތަރުގެ ފޮތި ބޭނުންކުރުމެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަލީ ޒާހިރު ވިދާޅުވީ، އެލްކޭޖީން ފެށިގެން ގްރޭޑު 10އާ ހަމައަށް ކިޔަވައިދޭ ސްކޫލުގެ 90 ޕަސެންޓު ދަރިވަރުން، މި އަހަރު ފޮތްތަކަށް ލެއްވީ ފޮތި ކަމަށެވެ. މިއީ ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހިންގި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ސެލޯފިންގެ ބަދަލުގައި މި އަހަރުގެ ފޮތްތަކުގައި ފޮތި ލައްވަން މިދިޔަ އަހަރު ސްކޫލު ބަންދުވުމުގެ ކުރިން ބެލެނިވެރިންނާ މަޝްވަރާކުރި ކަމަށެވެ. އެކަމަށް ހާއްސަކޮށްގެން ދަރިވަރުންނަށް ވޯކްޝޮޕެއް ވެސް ހިންގިކަމަށް، 150 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
"މަތީ ގްރޭޑުތަކުގެ ކުދިންނަށް ފަހަން ދަސްވި. ޗުއްޓީގައި ދަރިވަރުން އަމިއްލައަށް މަސައްކަތްކުރުން ބޭނުމަކީ،" ޒާހިރު ވިދާޅުވި އެވެ.
ފޮތިން ކަވަރު ތައްޔާރުކޮށްފައިވަނީ، ބޭނުން ވަގުތަކު އެ ނެގޭ ގޮތަށެވެ. އެހެންވެ ފޮތިކޮޅު ހަޑިވުމުން، އެ ދޮވެލައި އަނެއްކާވެސް ބޭނުންކުރެވޭނެ އެވެ.
ނަން ކަރުދާސް ވަކިން ޕްރިންޓުކޮށް ތައްޔާރުކުރުމުގެ ބަދަލުގައި، ޅޮހީ ސްކޫލުގެ ބައެއް ދަރިވަރުން ނަން ޖެހީ ތިނޯސް ބޭނުންކޮށްގެން އަތުންނެވެ. މިއީ އިތުރު ހުނަރު ދަސްވެ، ހަރަދު ކުޑަވާނެ ކަމެއް ކަމަށް ޅޮހީ ސްކޫލުން ދެކެ އެވެ.
"ހީކުރީ މި ކަމެއް ނުވާނެ ކަމަށް. އެކަމަކު އުއްމީދުކުރި ވަރަށް ވުރެ ބޮޑަށް ލިބުނު ތަރުހީބު ރަނގަޅު. މުޅި އުމުރަށް ވެސް ކަވަރު ބޭނުންކުރެވޭނެ،" ޒާހިރު ވިދާޅުވި އެވެ.
"މަތީ ގްރޭޑުތަކުގެ ދަރިވަރުން އަމިއްލައަށް ފޮތްތައް ތައްޔާރުކޮށްފައި ހުރީ. ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ބެލެނިވެރިންގެ ފަރާތުން އެހީތެރިކަން ލިބުނު."
ޒާހިރު ވިދާޅުވީ އެ ސްކޫލަށް ވެސް މި އަހަރު ސެލޯފިން ނުގެންނަ ކަމަށެވެ. ޓީޗަރުން ބޭނުންކުރާ ކްލާސް ރިކޯޑު ފޮތްތައް ވެސް ފޮތިން ޖަރީކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާ ވާހަކަދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
ފޮތްތަކުގެ އިތުރުން، ސްކޫލުގައި ދޭ ހަދިޔާގައި ވެސް ޕްލާސްޓިކް ބޭނުންނުކުރަން ވަނީ ހުއްޓާލައިފަ އެވެ. އެގޮތުން ދިރާސީ އާ އަހަރަށް މަރުހަބާ ކިޔައި ދަރިވަރުންނަށް ބެހި އާފަލާއި ބިސް ބަންދުކޮށްފައި ހުރީ ފަންވަތް ބޭނުންކޮށްގެންނެވެ.