ނ. ޅޮއްސާއި ރ. ކިނޮޅަހުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހެދި ކްލާސްރޫމުތަކުގެ މަސައްކަތް ނިންމައި މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

އިންޑިއާ ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ކްލާސްރޫމުތައް ހަދަން ފެށީ މާޗު، 2019 ގަ އެވެ.

މަސައްކަތްތައް ނިންމައި ކްލާސްރޫމްތައް ހަވާލު ކުރަން، ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު އަދި ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ ގަފޫރު ވިދާޅުވީ، ދެ ރަށުގައި އެޅި ކްލާސްރޫމުތަކުގެ ސަބަބުން އެއް ދަންފަޅިއަށް ކިޔަވައި ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާއި ކިޔެވުމުގައި ހޭދަކުރަނީ އުފާވެރި، ހިތްހަމަޖެހޭ ވަގުތުތަކަށް ހެދުމަށް ވަށާ ޖެހޭ ތައުލީމުގެ މުހިއްމުކަން ގަފޫރު ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކިނޮޅޮސް ސްކޫލުގައި އެޅި ކްލާސްރޫމް ބްލޮކް --- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ހިލޭ އެހީގެ ދަށުން ކިނޮޅޮސް ސްކޫލުގައި އެޅި ކްލާސްރޫމް ބްލޮކް --- ފޮޓޯ: ފޮރިން މިނިސްޓްރީ

އޭނާ ވިދާޅުވިގޮތުގައި ޅޮއްސާއި ކިނޮޅޮހު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުވުމުން އިތުރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށް ފުރުސަތު ދެވޭނެ އެވެ. އަދި މިފަދަ ބަދަލެއް އައުމަކީ ދަރިވަރުންގެ ވިސްނުން ފުޅާވެ، ތަފާތު އެކި ކަހަލަ ހުނަރާއި ޝައުގު ކުރިއަރުވައި، ތަރައްގީ ކުރެވޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ސްކޫލެއްގައި ހަ ކްލާސްރޫމް ހަދާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެއީ، 2019 ވަނަ އަހަރު އިންޑިއާ އިން ރާއްޖެއަށް ދިން 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.