މީގެ ތިން އަހަރު ކުރިން ނެޓްފްލިކްސް އިން ގެނެސްދިން ބޮޑު މަގުބޫލު ކަމެއް ހޯދި ކާމިޔާބު ހައިސްޓް ތުރިލާ ފިލްމު "ޗޯރު ނިކަލް ކޭ ބާގާ"ގެ ދެވަނަ ބައެއް ގެނެސްދޭން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފި އެވެ.

ފުރަތަމަ ފިލްމުގައި ވެސް ލީޑް ރޯލު ކުޅުނު ޔާމީ ގޯތަމް އާއި ސަނީ ކޯޝަލް އަލުން އެނބުރި އަންނާނެކަން އިއުލާނުކޮށް، އެ ފިލްމު ރިލީޒްކުރާ ތާރީޚު ނެޓްފްލިކްސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި އަޖޭ ސިންގް ޑައިރެކްޓްކުރާ މި ސީކުއަލް ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނީ އަންނަ މަހު 17 އިން ފެށިގެންނެވެ.

"ވަގު އަނެއްކާވެސް ފިލައިގެން ދާން އުޅެނީ، ތައްޔާރު ހެއްޔެވެ؟"، މި ޓެގްލައިނާ އެކު ނެޓްފްލިކްސް އިން މި ޚަބަރު އިއުލާންކުރުމާ އެކު ސަޕޯޓަރުންގެ މެދުގައި ވަނީ ފޯރިގަދަވެފަ އެވެ. 

ފުރަތަމަ ފިލްމުގައި މަތިންދާބޯޓެއްގެ ތެރޭގައި ހިނގާ ޖަވާހިރެއް ވަގަށް ނެގުމުގެ ހާދިސާއެއްގެ ވާހަކަ ގެނެސްދީފައިވާއިރު، މިފަހަރުގެ ސީކުއަލްގައި ވާހަކަ ބަދަލުވާނީ ވައިގެމަގުން ކަނޑުމަގަށެވެ.

ދެވަނަ ބައިގައި ފެންނާނީ ބޮޑު ކްރޫޒް ޝިޕެއްގެ ތެރޭގައި އޮންނަ އަގުނުކުރެވޭ ފަދަ ޝާހީ ތާޖެއް ވަގަށް ނެގުމަށް ރާވާ ނުރައްކާތެރި އަދި އޮޅުވާލުންތަކުން ފުރިގެންވާ ޕްލޭނެއްގެ ވާހަކަ އެވެ.

މި ފިލްމުގައި ޔާމީ އާއި ސަނީގެ އިތުރުން، ފުރަތަމަ ފިލްމުގައި ރޯ އޮފިސަރު ޕަރްވޭޒް ޝެއިޚްގެ ރޯލު ކުޅުނު އެކްޓަރު ޝަރަދު ކެލްކަރު ވެސް އަލުން ފެންނާނެ އެވެ.

މީގެ އިތުރުން މަޝްހޫރު ވެބް ސީރީޒް "ބަންދިޝް ބެންޑިޓްސް" އިން ވިދާލި ޝްރެޔާ ޗޯދަރީ ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެންނާނެ ކަމަށް ޕްރޮޑަކްޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.