ހަތް މީހަކަށް ހައި ކޯޓުން މޮނިކޮން އަމުރެއް ނުނެރެދިން

މޮނިޓަރިން އެންޑް ކޮންޓްރޯލް ނުވަތަ "މޮނިކޮން" އަމުރު ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް، ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް އަމުރު ނެރެނުދިން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


ޓެރަރިޒަމްގެ ގާނޫނުގެ 34 އަދި 37 ވަނަ މާއްދާގައިވާ ގޮތުން، މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި މިނިސްޓަރު ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އެކަމާ ބެހޭ ގޮތުން އަޑުއެހުމެއް ބާއްވައި، އެ އަމުރު ނެރުމަށް ނުވަތަ ނެރެދެވެން ނެތް ކަމަށް ހުކުމް ކުރަން ޖެހޭނެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް، މޮނިކޮން އަމުރު ހައި ކޯޓުން ނުނެރުނު ނަމަވެސް، އިތުރު މީހުންގެ މައްޗަށް އެ އަމުރު ނެރެދިނުމަށް މި ހަފުތާގައި އަނެއްކާ ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި މާލޭގެ "ވަރުގަދަ" ގޭންގެއްގެ އެންމެ ސީނިއާ ދެ މީހެއްގެ މައްޗަށް މިހާރު ވެސް މޮނިކޮން އަމުރު ނެރެ، ފައިގައި ވަނީ ޓެގް އަޅުވައިފަ އެވެ. އެކަމާ ގުޅިގެން ޕްރެޝަރު އަންނަކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.

"އެކަމަކު މޮނިކޮން އަމުރަށް އެދުމުގެ ސްޕީޑަށް އެއްވެސް ހުއްޓުމެއް ނެތް. ބާރު ސްޕީޑްގައި މިކަން ކުރި އަށް ގެންދާނަން. ވަަރަށް ފާމްކޮށް މި ދަންނަވަނީ އަޅުގަނޑެއް ނުހުއްޓުވޭނެ. މިހާރު ގޭންގްތަކުން އެ އުޅެނީ އެންމެ ފަހު ނޭވާގައި. އަޅުގަނޑުމެން އިތުރު ގޭންގްތަކުގެ އިސް މީހުންގެ މައްޗަށް އަދިވެސް މޮނިކޮން އަމުރަށް އެދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މޮނިކޮން އަމުރު ނެރެ، މިހާރު ވެސް ގޭންގްތަކުގެ އިސް މީހުންގެ ފައިގައި ވަނީ ޓެގް އަޅުވައިފަ އެވެ.