ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަދަން ފެށި ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ނިންމައި މިރޭ ހުޅުވައިފި އެވެ.
މިއުޒިކާއި ލައިޓިންއާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިންގާ އިންޓަރެކްޓިވް ވޯޓާ ފައުންޓެއިން ހުޅުއްވައި ދެއްވީ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މިއީ ޔާމީންގެ ވެރިކަމުގައި 2017 ގައި ޕްލޭންކޮށް، ބަޔަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއެކެވެ. އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތުގައި ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ބަދަލުވިއިރު މަސައްކަތުގެ 80 ޕަސެންޓު އޮތީ ނިންމައިފަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ، މަސައްކަތް ލަސްވެ އާންމުންނަށް ފެންއަރުވާވަޑާމުގެ ޗާލުކަން ފެންނަން ފެށީ މިރޭގަ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެކި ވަސީލަތްތައް ބޭނުން ކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފަސޭހައިން ބޭނުން ކުރެވޭނެ ހުސް ޖާގަތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެ ޖާގަތަކުގައި ރައްޔިތުންނާ ގުޅުން ހުރި ފައިދާ ހުރި ކަންކަމަށް ބޭނުން ކުރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
"މީގެ އެންމެ ބޮޑު މިސާލަކީ އަޅުގަނޑުމެން މަޑުކޮށްގެން މި ތިބި ސެންޓްރަލް ޕާކު. މި ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ވެސް އަދި މާލެ ސަރަހައްދުގައި ވެސް ކަނޑައެޅިފައިވާ އެންމެ ބޮޑު ސަރަހައްދުކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.
މި ފެންއަރުވާ ވަޑާމުގައި ވެސް 20،021 އަކަފޫޓުގެ ޖާގަ ހުންނާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. މީގެ އިތުރުން ރެކްރިއެޝަން ޒޯނާއި މިސްކިތެއް ހިމެނޭ ގޮތަށް ސަރަހައްދެއް ތަރައްގީ ކުރަމުން އަންނަ ކަމަށާއި އާބަން ފާމިން އަށް ހާއްސަ ކުރި ސަރަހައްދު ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްފަހަރާ ގިނަ ބަޔަކު ހުޅުމާލޭ ފޭސް ދެއަކަށް ބަދަލުވަމުން އަންނަ ކަން ފާހަގަ ކުރައްވައި ސުހެއިލް ވިދާޅުވިގޮތުގައި އެ ސަރަހައްދުގައި ވެސް ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ގިނަ މަޝްރޫއުތަކެއް ހިންގަން ވަނީ ރާވައިފަ އެވެ.
ސެންޓްރަލް ޕާކުގައި ހުޅުވި ފެންއަރުވާ ވަޑާމަކީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" ގެ މަސައްކަތެކެވެ.
ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށް ހަދާފައިވާ ފެންއަރުވާ ވަޑާން ހުޅުވި ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އެ ތަނުގެ ރީތިކަން މިރޭ ވަނީ ބަލާލައިފަ އެވެ.