ރާއްްޖޭގައި ވެރިކަމުގެ ނިޒާމު ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް ބަލައި، މީހުން ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެ ކަމަށް ބަޖެޓެއް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ބުނުމުން ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ނުރުހުން ފާޅުކުރައްވައިިފި އެވެ.

އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންްތިހާބުތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރަން ހޭދަކުރާނެ އެއްވެސް ފައިސާއެއް އަންނަ އަހަރުގެ ބަޖެޓްގައި ނެތް ކަމަށާއި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން އިތުރު އިންތިހާބެއް އަތުވެދާނެ ކަމަށެވެ. އެހެންވެ، އަންނަ އަހަރު ތިން ސިޓީއަކާއި ހަތް އަތޮޅެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ރާވާފަައިވާ ކަމަށާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކަށް އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބެއް ބާއްވަން ޖެހިދާނެ ކަމަށް ހަބީބު ވިދާޅުވުމުން އެއީ ކޮން އިންތިހާބެއްތޯ ޔައުގޫބް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ހަބީބު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ޚަބަރުތައް އަންނަ ގޮތުން، ނިޒާމީ ވޯޓެއް ވެސް އަތުވެދާނެ ކަމަށެވެ.

"ނޫސްތަކުގެ ޚަބަރުތަކަށް ބަލާއިރު، ނިޒާމީ ވޯޓެއްގެ ވާހަކަ ވަރަށް ގިނައިން ނޫސްތަކުގައި އޮވޭ. އެހެންވީމާ، މީގެ ކުރީގައި 2007 ވަނަ އަަހަރު ވެސް ނިޒާމީ ވޯޓެއް ނެގުނު އިރު ހަގީގަތުގައި ރައްޔިތުންގެ އާއްމު ހޭލުންތެރިކަން، އިތުރު ވާން ޖެހޭ އެންމެ ފުޅާ ދާއިރާގައި އިތުރުވެފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވިގޮތުގައި އެ ފަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅި އިރު އޭރުގެ އިލެކްޝަންސް ،ކޮމިޝަނުން އެކަމާ ބެހޭ މައުލޫމާތު ރަނގަޅަށް ދީފައެއް ނުވެ އެވެ. އެކަމަކު މިހާރު އެފަދަ އިންތިހާބެއް ބާއްވާ ނަމަ ފުރިހަަމަ އަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ ނިޒާމަކީ ކޮބައިތޯ އަދި ބަރުލަމާނީ ނިޒާމަކީ ކޮބައިތޯ އާއި ނިޒާމުތަކުގެ ފައިދާ އާއި މިހެން ހުރި ކަންކަމުގެ މައުލޫމާތު ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމުކުރާ ކަންކަން،" ހަބީބު ވިދާޅުވި އެވެ.

ނަމަވެސް އޭނާގެ އެ ވާހަކަ އަށް ނުރުހުން ފާޅުކުރައްވަމުން ޔައުގޫބް ވިދާޅުވީ، ނިޒާމު ކަނޑައެޅުމުގެ ރިފަރެންޑަމް ބާއްވަން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ދައުލަތުގެ އިދާރާއަކުން ނިންމާފައި ނުވާ ކަމަށެވެ. ބަޔަކު ދައްކާހާ ވާހަކައަކަށް ތައްޔާރު ވެގެން މުއައްސަސާތަކުން އެ ކަންކަމަށް ބަޖެޓް ކޮށްގެން ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްް ޔައުގޫބް ވިދާޅުވި އެވެ.

"އެއްވެސް އިރަަކު، އެއްވެސް ވަރަކަށް، އެއްވެސް ތާކުން ނިންމައިފައެއް ނެތް ނިޒާމީ ވޯޓަަކަށް ދާކަށް ވެސް އަދި ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރާކަށް ވެސް،" ޔައުގޫބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ، އެ މީހަކު ބޭނުންވާ ގޮތަކަށް ހިޔާލު އަނބުރައިލާނެ ކަމަށާއި އެކަމަކު މުއައްސަސާތަކުން އެކަމަށް ތައްޔާރުވާން ނުޖެހޭ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، އެ ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ. އެ ބަދަލު ގެންނަން ސިޔާސީ ޕާޓީތަކުގެ ރުހުން ހޯއްދަވަން އެ މަނިކުފާނު ވަނީ ދާދި ފަހުން ޕާޓީތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމަކު، މިހާތަނަށް ޕާޓީތަކުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅު ހަދައިފަ އެވެ. އެހެންވެ، އެ މަނިކުފާނުގެ އެ މަސައްކަތްޕުޅަށް މާ ބޮޑު ކުރިއެރުމެއް އައި ތަނެއް އަދި ނުފެނެ އެވެ.