މޯބައިލް އޮޕަރޭޓިން ސިސްޓަމްގެ ރޭހުގައި އެންޑްރޮއިޑާއި އައިއޯއެސްގެ ވާދަވެރިކަން ވަރަށް ގަދަ އެވެ. ރޭހުގެ ދެކޮޅުގައި ތިބޭ މީހުން ވެސް ބުނާނީ އެ ބަޔަކު ގެންގުޅޭ އޯއެސް މާ މޮޅު ކަމަށެވެ. ދާދިފަހުން ދެ އޮޕަރޭޓިން ސިސްޓަމްގެ ވެސް އެންމެ ފަހުގެ ވާޝަން ވަނީ ނެރެފަ އެވެ. އެހެންވެ މިތަނުން މިހާރު އެންމެ ރަނގަޅު އޯއެސް އަކީ ކޮބައިހެއްޔެވެ؟

އެޕަލްގެ އައިއޯއެސް އާއި ގޫގަލްގެ އެންޑްރޮއިޑުން މި އަހަރުގެ އޯއެސް އަޕްޑޭޓާ އެކު ވަނީ އިތުރު އާ ކަންތައްތަކެއް ގެނެސްފަ އެވެ. މިފަހަރު އައިއޯއެސް އިން ނެރެފައިވަނީ އައިއޯއެސް 15 އެވެ. މިފަހަރުގެ އަޕްޑޭޓްގައި ފެންނަ ފެނުމުގައި މާ ބޮޑެތި އަޕްޑޭޓްތަކެއް ނެތެވެ. ވިޝުއަލްކޮށް ބޮޑެތި ބަދަލުތަކެއް ނެތް ނަމަވެސް އައިއޯއެސް މަސައްކަތްކުރާ ގޮތް އިތުރަށް އެފިޝަންޓް ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައި ވެ އެވެ.

އެއާ ހިލާފަށް އެންޑްރޮއިޑްގެ އެންމެ ފަހުގެ އަޕްޑޭޓް އެންޑްރޮއިޑް 12 އަކީ ބޮޑު އަޕްޑޭޓެކެވެ. އެ އޯއެސްގެ ވިޝުއަލް ވަނީ މިފަހަރު ވަރަށް ބޮޑަށް ބަދަލު ކޮށްލާފަ އެވެ.

.
.

އެންޑްރޮއިޑް 12 : މެޓީރިއަލް ޔޫ

އެންޑްރޮއިޑް 12 އަކީ ގޫގަލް އިން ނެރޭ އޯއެސް އަށް މި ފަހުގެ ތާރީހެއްގައި ގެނެސްފައިވާ އެންމެ ބޮޑު ވިޝުއަލް ބަދަލެވެ. މިއާއެކު މުޅި އޯއެސް ފެންނަ ގޮތަށް މިއޮތީ ބޮޑު ބަދަލެއް އައިސްފަ އެވެ. ގޫގަލް އިން މި އޯއެސް އަށް ކިޔަނީ މެޓީރިއަލް ޔޫ އެވެ. އެއީ ވީހާ ވެސް ބޮޑަށް ޕާސަނަލައިޒް ކޮށްލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާތީ އެވެ. ފޯނަށް ބޭނުންކުރާ ވޯލްޕޭޕާއަކާ އެކު މުޅި ފޯނުގެ ތީމާއި ފީލް، އައިއޯއެސް 12 އާ އެކު ބަދަލު ވެގެން ދާނެ އެވެ.

އެންޑްރޮއިޑް 12 ވަނީ މިހާރު ޒަމާނީ ގޮތަށް ބަދަލުކޮށްލައި މިހާރުގެ ޓްރެންޑީ ޑިޒައިންތައް ބޭނުންކުރަން ފަށައިފަ އެވެ. އަދި އޭގެ އިތުރުން އެނިމޭޝަންތައް ވެސް އިތުރަށް އޮމާންކޮށް ފޯނު ބޭނުންކުރުމުގައި ހަލުވިވާނެ ގޮތްތައް ވަނީ ގެނެސްފަ އެވެ.

.
.

މި އަޕްޑޭޓްގައި އެންޑްރޮއިޑުން ޕްރައިވެސީ އަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެންޑްރޮއިޑުން މިފަހަރު ވަނީ ޕްރައިވެސީ ޑޭޝްބޯޑު ނަމަކަށް ކިޔާ ހާއްސަ ފީޗާއެއް ތައާރަފުކޮށްފަ އެވެ. ޕްރައިވެސީ ޑޭޝްބޯޑުގެ އެހީގައި ފޯނުގެ އެޕްތަކުގެ ތެރެއިން ކެމެރާ އާއި މައިކްރޮފޯން ފަދަ ތަކެތި ބޭނުންކުރާ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ. މިއީ ޕްރައިވެސީ އަށް ވަރަށް މުހިއްމު ފީޗާއެކެވެ.

އައިއޯއެސް 15: ކޯ އެޕްތަކާއި ފޯކަސް

އައިއޯއެސް އިން މިފަހަރު ބޮޑެތި ބަދަލުތަކެއް ގެނެސްފައި އޮތް ހެން ހީ ނުވި ނަމަވެސް ފޯނު ބޭނުންކުރުމުގައި ފަސޭހަވާނެ ގިނަ ކަންތައްތަކެއް ވަނީ އާކޮށްފަ އެވެ. އައިއޯއެސްގެ ޔޫސަރުންގެ އެންމެ ބޮޑު އެއް މައްސަލައަކީ ނޮޓިފިކޭޝަންގެ މައްސަލަ އެވެ. އައިއޯއެސް 15 ގައި ވަނީ ނޮޓިފިކޭޝަން ގްރޫޕް ކުރުމުގައި ފަސޭހަވާނެ ގޮތްތަކަމެއް ބޭނުންކޮށްފަ އެވެ. އަލަށް ގެނައި ބަދަލާއެކު މުހިއްމު މެސެޖުތައް ހިމެނޭ ނޮޓިފިކޭޝަންތައް ބޭކާރު ނޮޓިފިކޭޝަންތަކުގެ ތެރެއަށް ގެއްލިގެން ނުދާނެ ގޮތް ވަނީ ހަދައިފަ އެވެ.

އެޕަލްގެ ކޯ އެޕްތައް ވެސް ވަނީ މިފަހަރު ވަރަށް ބޮޑަށް އަޕްޑޭޓް ކޮށްފަ އެވެ. ފޭސްޓައިމް އާއި ސަފާރީ ފަދަ އައިއޯއެސްގައި ގިނައިން ބޭނުންކުރާ އެޕްތައް ވަނީ މިފަހަރު އިތުރަށް އަޕްޑޭޓްކޮށްފަ އެވެ.

.
.

އައިއޯއެސް 15 އާ އެކު މިފަހަރު ވަނީ ފޯކަސް މޯޑް ކިޔާ ފީޗާއެއް ތައާރަފުކޮށްފަ އެވެ. އެ ފީޗާއާ އެކު ތަފާތު އެކި ހާލަތްތަކަށް ބޭނުންވާ ޕްރޮފައިލްތައް ސެޓުކޮށްލެވޭނެ އެވެ. އޮފީހުގައި މަސައްކަތް ކުރާއިރު ހަމައެކަނި އޮފީހާ ގުޅޭ އެޕްލިކޭޝަންތަކާއި އިވެންޓްތަކުގެ އިތުރުން މެސެޖުތައް އަންނަ ގޮތަށް މި ޕްރޮފައިލްތަކުން ސެޓުކޮށްލެވޭނެ އެވެ. އަދި ގެއަށް ދިޔުމުން އޮފީސް ހުރިހާ ނޮޓިފިކޭޝަންތައް ބްލޮކްވާ ގޮތަށް ވެސް މި މޯޑުން ހެދޭނެ އެވެ. \

އައިއޯއެސް އާއި އެންޑްރޮއިޑުން ވަނީ މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ދެ އޯއެސް އަކީ ވެސް އެހާމެ ހަލުވި އަދި ގެންގުޅެން ފަސޭހަ އޯއެސް އެވެ. މިހާރު އޯއެސް ހިޔާރު ކުރުމުގައި ކޮންމެ އޯއެސް އެއް ނެގި ނަމަ ވެސް ގޯހެއް ނުވާނެ އެވެ. މިހާރު އޮތީ ޔޫސަރުންނަށް އެންމެ ރަނގަޅު އޯއެސް އެއް ހިޔާރު ކުރުމެވެ.