މިހާރު ބޭނުންކުރާ އެންޑްރޮއިޑް ޑިވައިސްތަކުގެ އަދަދު ތިން ބިލިއަނަށް އަރާ ކަމަށް ގޫގުލް ބުނެފި އެވެ.
އެހެންވެ މިއީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އެވެ. އޭގެ މާނަ އަކީ މިހާރު ދުނިޔޭގެ ކޮންމެ ދެ މީހަކުން އެކަކު އެންޑްރޮއިޑް ޑިވައިސްއެއް ގެންގުޅުމެވެ.
އަދަދު ތިން ބިލިއަނަށް އެރިކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ މި އަހަރުގެ ޑިވެލޮޕާސް ކޮންފަރެންސްގަ އެވެ. ގޫގުލްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ވައިސް ޕްރެޒިޑެންޓް ސަމީރު ސަމަތު ވިދާޅުވި ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ އަދަދު ވާދަވެރިންނަށް ވުރެ މާ ކުރީގައި އޮތުމަކީ އެންޑްރޮއިޑް ޑިވައިސްތަކުގެ މަގުބޫލުކަން ކިހާ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. އަދި ތިން ބިލިއަނަކީ ހަމައެކަނި ގޫގުލް ޕްލޭސްޓޯރުން ނެގުނު އަދަދު ކަމަށްވާތީ އެކްޓިވް އެންޑްރިޑް ޑިވައިސްތަކުގެ އަދަދު އެއަށް ވުރެ ވެސް އިތުރުވާނެ އެވެ.
ގޫގުލް އިން ކުންފުނިން ބުނެފައިވާ ގޮތުގައި 2019 ގައި ބޭއްވި ޑިވެލޮޕާ ކޮންފަރެންސްގެ ފަހުން އެކްޓިވް އެންޑްރޮއިޑް ޑިވައިސްތަކުގެ އަދަދު 500 މިލިއަން އިތުރުވި އެވެ. އެކްޓިވް އެންޑްރޮއިޑް ޑިވައިސްތަކުގެ ބިލިއަނަކަށް އެރީ މީގެ ހަތަރު އަހަރު ކުރިން 2017 ގަ އެވެ.
ވާދަވެރި އެޕަލް އަށް ބަލާ އިރު އެ ކުންފުނީގެ އެކްޓިވް އައިފޯންތަކުގެ އަދަދު ބިިލިއަނަކަށް އެރިކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ.
އެޕަލްގެ އައިއޯސް އާއި ގޫގުލްގެ އެންޑްރޮއިޑަކީ މިހާރު އެންމެ ބޮޑަށް ބަރޯސާވެވޭ ދެ އޮޕަރޭޓިން ސިސްޓަމެވެ. އެންޑްރޮއިޑް ވުޖޫދަށް އައީ 2008 ގަ އެވެ. އައިއޯސް އުފަންވީ އޭގެ އެއް އަހަރު ކުރިން 2007 ގަ އެވެ.