ޖަލު ހުކުމް ތަންފީޒު ކުރަމުންދާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ އދ. ގެ އޮފިޝަލުން މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ މަހްލޫފްއާ ބައްދަލުކުރަން އެދިވަޑައިގަތީ، މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ. ގެ ދެ އޮފިޝަލެކެވެ. އެ ބޭފުޅުން ވަނީ މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އާއި އޭނާގެ ވަކީލް ނާޒިމް ސައްތާރާ ވެސް މިިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވައިފަ އެވެ.

ނަޒޫ "މިހާރު" އަށް ވިދާޅުވީ އދ. ގެ އޮފިޝަލުންނާ މަހުލޫފު ބައްދަލުކުރައްވައި އޭނާގެ ހާލަތު ވަރަށް ރަނގަޅަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މަހުލޫފުގެ މައްސަލާގައި ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވަން ވެސް އެ ބޭފުޅުން އެދިވަޑައިގެންފައިވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.

އދ. ގެ އޮފިޝަލުންނާ މަހުލޫފު ބައްދަލުކުރެއްވިއިރު، އޭނާ ޖަލަށް ލި މައްސަލަ މިހާރު އޮތީ އދ. ގެ ވޯކިން ގްރޫޕަށް ވެސް ހުށަހަޅައިފަ އެވެ. ރާއްޖެ އަށް ކޮމަންވެލްތުން ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވެސް ވަނީ ޖަލުގައި މަހްލޫފާ ކުރިން ބައްދަލުކުރައްވައިފަ އެވެ.

މަހުލޫފު އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެއާއެކު ބޭސްފަރުވާ އަށް ކަރެކްޝަނަލް ސާވިސް އިން ވަނީ 10 ދުވަހުގެ މުއަދަތެއް ދީފަ އެވެ.