ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަންޖެހޭ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ނިންމައިފި އެވެ.
ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެގެން 10 މަހުގެ ޖަލު ހުކުމެއް އައި މަހްލޫފްގެ މައްސަލާގައި އދ. ގެ ވޯކިން ގްރޫޕުން އެގޮތަށް ނިންމިއިރު އެ ދެ ހުކުމް ތަންފީޒުކޮށް ނިމި، އަންނަ ހުކުރު ދުވަހު އޭނާ މިނިވަން ވާނެ އެވެ.
މަހްލޫފްގެ ފަރާތުން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ ބެލުމަަށް ފަހު ނިންމި ނިންމުމުގައިވަނީ މަހްލޫފް ޖަލަށްލާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އާއި އދ. ގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާއާ ޚިލާފަށް ކަމަށެވެ. އެހެންވެ، އެންމެ ރަނގަޅު ހައްލަކީ މަހްލޫފް ވަގުތުން ދޫކޮށްލުން ކަމަށާއި އަދި އެކަމުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ގާނޫނުތަކާ އެއްގޮތަށް ދިނުން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމާ އެކު، މި މައްސަލާގައި ވީހާ ވެސް އަވަހަށް ސަރުކާރުން ފިޔަވަޅު އަޅަން އެދޭ ކަމަށް ބުނެފައިވެ އެވެ. މަހްލޫފް ބަންދުކުރީ މުއާހަދާތަކާ ޚިލާފަށް ކަމަށްވާތީ އެ މައްސަލަ އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އަށް ފޮނުވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ވޯކިން ގްރޫޕުން އެގޮތަށް ނިންމިއިރު މީގެ ކުރިން އެ ގްރޫޕުން ނިންމި ނިންމުންތަކަށް ވެސް ސަރުކާރުން އަމަލުކޮށްފައެއްް ނުވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަންޖެހޭ ކަމަށް އެ ގްރޫޕުން ނިންމި ނިންމުން ވެސް ސަރުކާރުން ގަބޫލެއް ނުކުރި އެވެ. ސަރުކާރުން ބުނެފައިވަނީ އެ ގްރޫޕްގެ ނިންމުންތަކަށް އަމަލު ކުރުން ލާޒިމްނުވާނެ ކަމަށާއި އެއީ ލަފައެއް ކަމަށެވެ.
މަހްލޫފަށް އެ ދެ ހުކުމް އަޔަސް އޭނާގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
މަހްލޫފަށް އިއްވި ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި މާދަމާ ހައި ކޯޓުން ހުކުމް އިއްވާނެ އެވެ. އެކަމަކު އެ ހުކުމް މަހްލޫފް މިހާރު ވަނީ ތަންފީޒުކޮށް ނިންމައިފަ އެވެ.