ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 80 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އޭގެ މާނައަކީ ދިރިއުޅުން ބައްޓަންކޮށްފައި ވަނީ ބޮޑެތި ބަލިތަކަށް ހުށަހެޅޭ ގޮތަށް ކަމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ކަސްރަތުނުކުރުން ފަދަ އާދަތައް ގިނަ ކަމެވެ.
ނަމަވެސް އެކަން ބަދަލުކުރުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ވަރުގަދަ ޕްލޭނެއް އެބައޮތެވެ. އެއީ ބޮޑެތި ބަލިތަކުން މީހުން ދުރުކޮށް، ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާނެ ޕަބްލިކް ހެލްތު ސިޔާސަތެކެވެ.
ނަސީމް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ 2004 ވަނަ އަހަރު ފަހުން ރާއްޖޭގައި ޕަބްލިކް ހެލްތަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އޭގެ ކުރިއަށް ޖެހިލާނަމަ ޕަބްލިކް ހެލްތުގެ ކަންކަން ކުރިއަށް ގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމުގެ ތައުރީފު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ އޭރު ޕްރައިމަރީ ހެލްތު ކެއާގެ ކަންކަން އެންމެ ރަނގަޅަށް މި ސަރަހައްދުގައި ހިނގި ގައުމު. ޑަބްލިއުއެޗްއޯގެ ކިތަންމެ ޕްރެސްއަކާ ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށް އަމާޒުކޮށް ދައްކާފައި އެބަހުރި. އެއްވެސް ސަބަބެއް ނެތް އަޅުގަނޑުމެންނަށް މިކަންތައް ނުކުރެވޭނެ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޕަބްލިކް ހެލްތު ކެއާގެ މަސައްކަތް ފަށާނެ އެވެ. އޭގެ ބޭނުމަކީ އާއްމު ބަލިތަކަށް އާއްމުން ހޭލުންތެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރާނެ މަސައްކަތްތަކުގެ އިރުޝާދު ދިނުމެވެ. އޭރުން ބޮޑެތި ބަލިތަކަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެ އެވެ.
އެގޮތުން މިހާރު ކުރަމުން އަންނަނީ ޓްރެއިންކުރާނެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތެވެ.
ރާއްޖެއަކީ އޭރު ޕްރައިމަރީ ހެލްތު ކެއާގެ ކަންކަން އެންމެ ރަނގަޅަށް މި ސަރަހައްދުގައި ހިނގި ގައުމު. ޑަބްލިއުއެޗްއޯގެ ކިތަންމެ ޕްރެސްއަކާ ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނަށް އަމާޒުކޮށް ދައްކާފައި އެބަހުރި. އެއްވެސް ސަބަބެއް ނެތް އަޅުގަނޑުމެންނަށް މިކަންތައް ނުކުރެވޭނެ.-- ނަސީމް
ޕަބްލިކް ހެލްތަށް އިސްކަންދިނުމުން ކުރާނެ އަނެެއް ފައިދާއަކީ، މިނިސްޓަރު ވިދާޅުވިގޮތުގައި، ކްރިޓިކަލް ކެއާ މަދުކުރުމެވެ.
"މިސާލަކަށް މީހެއްގެ ފައިގައި އިންނަ ފާރުކޮޅެއް، އެ ކެންސަރަށް ނުވަނީސް އަޅުގަނޑުމެންނަށް ރަނގަޅުކުރެވޭނެ. އެ ކަހަލަ މައްސަލަތައް މި ނުކުންނަނީ. އަދި ކެންސަރު ނޫންކަމުގައި ވީ ނަމަވެސް ކުރީބައިގައި އެނގިއްޖެނަމަ ވަރަށް ކުޑަ ޓްރީޓްމަންޓަކުން އިރާދަކުރެއްވިއްޔާ ސަލާމަތްކުރެވޭ ކަންކަން ހުންނާނެ،" ނަސީމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ޕަބްލިކް ހެލްތު ސެކްޓާއަށް 358.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ޕަބްލިކް ހެލްތު ޕްރިޕެއާޑްނަސް ސަވެއިލެންސް އެންޑް އެޕިޑީމިއޮލޮޖީއަށް 13 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެެ އެވެ.
ދައުލަތުގެ ބަޖެޓުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެ އަހަރަކު ހަރަދުކުރާ ފައިސާގެ އެންމެ ބޮޑުބައި ހަރަދުކުރަނީ އާސަންދަ އަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތީ ޖުމްލަ 3.1 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން އާސަންދައަށް ހަމަޖައްސާފައިވަނީ 700 މިލިއަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެކެވެ.