ފުވައްމުލަކު އަތިރިމަތީގައި މީހުން އިއްްޔެ ފުޅަނގި ހޮވަނީ: މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ގިނަ އިން ފުޅަނގި އަރާފައި ވަނީ މި ފަހަރު. ފޮޓޯ: އިސްމާއިލް ރަފީގު
09 ޑިސެމްބަރ 2016 - 16:48
އެއީ މީގެ މީގެ ވިއްސަކަށް އަހަރު ކުރި އެވެ. ހުޅަނގު މޫސުން ނިމޭ ދުވަސްވަރާ ދިމާކޮށް ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ފުޅަނގި ހޮވަން މީހުން ގޯންޏާއި ތެލި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅޭ ހަނދާންވެ އެވެ. އޭރު ފުޅަނގި ހޮވަން އަތިރިމައްޗަށް ނުކުންނަ ކޮންމެ މީހަކު މަދުވެގެން ވިއްސަކަށް ފުޅަނގި ނަގަ އެވެ. އޭރު ވެސް އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން ވަރަށް ފޯރިއާ އެކު ކުރަމުން އައި ކަމެކެވެ.
ފުވައްމުލަކު ބަހުރުވައިން ކިޔާ "ހުޅަންމަހަ" އެންމެ ގިނައިން ރަށަށް އަރަނީ ހުޅަނގު މޫސުމުގައި ކަމަށްވެ އެވެ. މިފަހަރު ވެސް ފުޅަނގި އަރަން ފެށީ ހުޅަނގު މޫސުމް ނިމެން ގާތްވެފައި ވަނިކޮށް، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.
ފުވައްމުލަކު ޒުވާނަކު ފުޅަނގިތަކެއް ހިފައި ފައްޗަކަށް އަމުނައިގެން (ވ) އަދި ދިރި އޮތް ފުޅަނގިއެއް ދެ ފިޔަފަތި ހުޅުވާލައިގެން
މި ފަހަރު ވެސް އެންމެ ގިނައިން ފުޅަނގި އަރަނީ ރަށުގެ ނެރެނގަޑު ފަންނާއި ގެން މިސްކިތް ފަންނާ ދެމެދަށް ކަމަށްވެ އެވެ. އެ ސަރަހައްދަށް ފުޅަނގި އަރަން ފެށުމާ އެކު، ކޮންމެ ދުވަހަކު ވެސް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެ ތަނަށް ކުޑަކުދިން ވެސް ގޮވައިގެން ޖަމާވެ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ މިއިން ދުވަހަކު ވެސް ރަށަށް ފުޅަނގި ނާރާ މިންވަރަށް މި ފަހަރު ފުޅަނގި އަރަމުން އަންނަ ކަމަށެވެ.
"މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މި މިންވަރަށް ފުޅަނގި އަރާ ތަނެއް ނުފެނޭ. އާއްމު މީހަކު ހައެއްކަ އެތި ނަގާ. ބައެއް މީހުން 100 ވަރަކަށް ފުޅަނގި ވެސް ނަގާފައި އެބަހުރި،" އޭނާ ބުންޏެވެ.
މަސްވެރިކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފުޅަނގި އެންމެ ގިނައިން އަރާ ރަށްތަކުގެ ތެރޭގައި ފުވައްމުލައް ހިމެނެ އެވެ. އެ ރަށަށް އެހާ ގިނައިން ފުޅަނގި އަރާ މައިގަނޑު ސަބަބެއް ކަމަށް ވަނީ މާކަނޑު މެދުގައި އޮންނަ ރަށަކަށް ވުމުން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ފުޅަނގި އަކީ ފަރުމަތީގައި ނުވަތަ ފަޅުތެރޭގައި އާއްމުކޮށް އުޅޭ ބާވަތުގެ މަހެއް ނޫން. އެއީ މާކަނޑުގައި އާއްމުކޮށް އުޅޭ މަހެއް. ފުވައްމުލައް ވަށައިގެން މާކަނޑު އޮތުމުން އެހާ ގިނައިން އެ ރަަށަށް ފުޅަނގި އަރަނީ. ރާއްޖޭގެ އެހެން ބައެއް ރަށްތަކަށް ވެސް މަދުމަދުން ފުޅަނގި އަރާ،" އޭނާ ވިދާޅުވި އެވެ.
ފުޅަނގި ގޮނޑުދޮށަށް އަރަނީ ކަންނެލިތައް ކާންވެގެން ފަހައިގަތުމުންނެވެ. ބައެއް ފަހަރު އުދުހިގެން މައްޗަށް އަރަނިކޮށް މާހޯރަތައް ކާލަ އެވެ. ގިނަ ފަހަރަށް ގޮނޑުދޮށަށް އަރަނީ ހޯރަތަކަށް އަތު ނުވާން ވެގެންނެވެ. ނަމަވެސް ގޮނޑުދޮށަށް އަރާ ތަނުން މީހުން ތިބެނީ ހިފަން ތައްޔާރަށެވެ. އެހެންވެ ފުޅަނގި އަށް ސަލާމަތްވާނެ ފުރުސަތެއް ނުލިބެ އެވެ.
މިދިޔަ ހަފުތާގައި ފުވައްމުލަކު މަތީގައި ގިނަ އަދަދެއްގެ ހޯރަތަކެއް އުދުހެނީ: ފުޅަނގި އަރާ ދުވަސްވަރާ ދިމާކޮށް އެ ރަށަށް ގިނަ އަދަދެއްގެ ހޯރަ ވެސް ދަތުރުކުރޭ.-- ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
ފުޅަނގި އަރާ ނަމަ ގިނަ އަދަދަކަށް ހޯރަ ރަށުގެ މަތީގައި އުދުހި އުޅެ އެވެ. އެއާ އެކު، ރަށުގައި ކަންނެލީގެ މަސްވެރިކަމާއި ހަނދީގެ މަސްވެރިކަން ވަރަށް ރަނގަޅު ކަމަށްވެ އެވެ.
"މި ފަހަރު މިއީ އާދަޔާ ހިލާފަށް ގިނައިން ފުޅަނގި އަރާ މޫސުމެއް. އެއާ އެކު، ކަންނެއްޔާއި ހަނދީގެ މަސްވެރިކަން ވަރަށް ރަނގަޅު. މިއަދު ވެސް ވަރަށް ގިނަ ބަޔަކު މަހަށް ނުކުމެ އެބަ އުޅޭ،" ފުވައްމުލަކު މަސްވެރިއަކު ބުންޏެވެ.
އޭނާ ބުނީ މަހަށް ނުކުމެ އުޅޭ އިރު ފުޅަނގި ވަރަށް ގިނައިން އުދުހޭ ތަން ފެންނަ ކަމަށެވެ. ނަމަވެސް ކަނޑުމަތިން އެ ފެންނަ މިންވަރަށް ގޮނޑުދޮށަށް ނާރާ ކަމަށް އެ މީހާ ބުންޏެވެ.
"ކަންނެލި ފުޅަނގި ފަހާ ވަރަކަށް އެއްގަމަށް އަރާނީ. އެހެން ނޫނީ އުދުހިލާފައި އަނެއްކާ ވެސް އަޑި އަށް ފީނައިގަންނާނެ. ހޯރަ ވެސް މި ފަހަރު ވަރަށް ބައިވަރު އެބަ ފެނޭ. މީގެ ކުރީ އަހަރުތަކުގައި ފެންނަ ވަރަށް ވުރެ އެތައް ގުނައެއް އިތުރު،" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުޅަނގި އަކީ ތޮޅި ފާޑަށް ހުންނަ، ގާތްގަނޑަކަށް ހަ އިންޗި ދިގު މަހެކެވެ. އާއްމުކޮށް އެ މަސް ނަގާ މީހުން ގަރުދިޔަ ކެއްކުމަށާއި މަސް ހިއްކައިގެން އަދި ތެލުލައިގެން ކާން ބޭނުންކުރެ އެވެ. ކުރީ ޒަމާނުގައި ފުޅަނގި އަރާ ދުވަސްވަރު، ރަށުގެ މަގުމަތީގައި ތޮށަލި މަތީގައި ނުވަތަ ޓިނުގަނޑެއްގެ މަތީގައި ގިނަ އަދަދަކަށް ފުޅަނގި އަވީލާފައި ހުއްޓާ ފެނެ އެވެ.
ފުޅަނގި ހޮވަން ބައްޕައާ އެކު ކުޑައިރު ރަށުގެ އަތިރި މައްޗަށް ނުކުންނަ ހަނދާން އެބަހުއްޓެވެ. އޭރު ވެސް ގިނަ ކުޑަކުދިންނާ އެކު ގޮނޑުދޮށަށް ދަނީ މައިންބަފައިންނެވެ. ބައެއް ދުވަސް ދުވަހު ހެނދުނުން ފެށިގެން ހަވީރު ވަންދެން ވެސް އަތިރިމަތީގައި ފުޅަނގި ހޮވަން އުޅުނު ހަނދާންވެ އެވެ.
ޒަމާންތަކަކަށް ފަހު، ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކަށް ފުޅަނގި އަރަން ފެށުމުން މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ގިނަ އަދަދެެއްގެ ބަޔަކު، ކުޑަކުދިން ގޮވައިގެން ރަށުގެ ހުޅަނގު ފަރާތަށް ނުކުތެވެ. ބައެއް މީހުން އެ ތަނަށް ދަނީ ކުޑަކުދިންގެ ފޫހިފިލުވައިދިނުމަށެވެ.
"އަޅުގަނޑުމެން ކުޑައިރު ވެސް މިއީ ވަރަށް މަޖާކަމެއް. އެހެންވެ މި ފަހަރު އަޅުގަނޑު ވެސް އައީ ދަރިފުޅު ގޮވައިގެން މި މަންޒަރު ދައްކާލަން. ވަރަށް ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން ކޮންމެ ދުވަހަކު ނުކުމޭ. ވަރަށް އެކުވެރިކޮށް މަޖާކޮށް ކުރާ ކަމެއް މިއީ،" ފުޅަނގި ހޮވަން ނުކުމެ އުޅުނު މީހަކު ބުންޏެވެ.
އެ ރަށުގެ ބައެއް މީހުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން، އެތައް ސަތޭކަ ބަޔަކު ފުޅަނގި ހޮވަން ނުކުމެ އުޅޭ ތަން ފެނެ އެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތަކުން ޝޯޝަލް މީޑިއާތަކުގެ ޓައިމްލައިންތައް ވަނީ ފުރާލައިފަ އެވެ.
ފުވައްމުލަކު އަތިރިމަތީގައި މީހުން އިއްްޔެ ފުޅަނގި ހޮވަނީ: މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ގިނައިން ފުޅަނގި އަރާފައި ވަނީ މި ފަހަރު.-- ފޮޓޯ: އިސްމާއިލް ރަފީގު
ފުޅަނގި އެރުމަކީ ފުވައްމުލަކުން ފެންނަ އާދަޔާ ހިލާފު ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. ނަމަވެސް، މޫސުމަށް އައިސްފައިވާ ބަދަލާ ގުޅިގެން މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ފުޅަނގި ރަށަށް ނާރާ ކަމަށްވެ އެވެ. އެކަމަކު މި ފަހަރު މިއޮތީ އަނެއްކާ ވެސް ކުޑައިރުގެ މަތިން ހަނދާންކޮށްލާނެ ފުރުސަތެއް ލިބިފަ އެވެ.
"އަހަރެން ބޭނުމެއް ނޫން މި ދުވަސްކޮޅު ނިއުސް ފީޑަށް އަންނަ ފުވައްމުލަކު މީހުން ބަލަން. ވަރަށް ދެރަވޭ ފުޅަނގި ހޮވަން ނުދެވޭތީ،" މާލޭގައި ދިރިއުޅޭ ފުވައްމުލަކު މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.
ފުޅަނގި އަކީ ފުވައްމުލަކަށް ހުޅަނގު މޫސުމުގެ އިތުރުން، އިރުވައި މޫސުމުގައި ވެސް ގިނަ އަދަދަކަށް އަރާ އެއްޗެކެވެ. އެހެން ކަމުން މިފަހަރު ދެ މޫސުމުގައި ވެސް ފުޅަނގި އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
10 December 2016
ފުަޅަނގި އަރަނީ ހަމައެކަނި ފުވައްމުލަކަކަށް ނޫން އިނގޭތޯ، އެހެން އަތޮޅުތަކުގެ ރަށްރަށަށްވެސް ފުޅަނގި އަރާ، އެކަމު އަހަރުތަކެއްވެއްޖެ ފުޅަނގި ނާރާތާ، ކަންނެލި މަސްވެރިކަން ރަނގަޅުވުމުގެ އަލާމާތެއް ތީ، ކުރީ ޒަމާނުގަ ތީ ވާ ކަމެއް، ރަށުގެ ކާރިން މަސްއޮޑިފަހަރު ކުރުދޮށީގަ މަސްބާނާމަންޒަރު ފެނޭ،
ބޭބެ
10 December 2016
ފޯއްމުލައްތަފުވައްމުލައްތަ؟
ޝަންނަ
10 December 2016
ފުޅަނގި ބުނޭ މިތާ އޮތަސް މަރޭ . އެތާ އޮތަސް މަރޭ. ކިޔާ އުދުހިގަންނަނީ.
ޝަންނަ
10 December 2016
ފުޅަނގި އެންމެ މީރީ އަޅިގަނޑުތެރެ ފިހުނީމަ. ވަރަށް މީރު.
އަލީ
10 December 2016
ރާއްޖޭގެ ބައެއް ފަޅުރައްތަކައް ވެސް ބައިވަރު އަރާ މީވެސްދެން ހަބަރެއްތަ
ރަށި މީހާ
10 December 2016
ކަލޯ ފުވައްމުލައް ނޫންތަ!
ކިރަނބާ
10 December 2016
ބަލަގަ ފޮޅަގި މަހަކީ ހާދަހައިވާ މީރު މަހެކޭ ލޮނުމިތުހާ ލާގެން ފިހެއިގެން ކާލާން. މަމެން ކުޑާއިރު މޮޅޫށި ހިފައިގެން ނިކުމެ ފޮޅަގި ނަގާގެން ގޯތިދޮށައް ގެނެސްގެން މިރުހުލާގެން އަގުރު އަލިފާން މައްތި އޫ އަޅަގެން ފިހެފާ މުޅީރަށަށް ބެހީމާ އެންމެން ސުކުރުއަދާ ކުރާގޮއް ހަދުމަނެތޭހާ ދުވަހެއް އަދި ނުވެއް ވެޔޭ.
ކައްޓެލި
10 December 2016
ތިޔަ ތަނުގަ ހުރެވޭނެ ނަމައޭ ހިތައްއަރަނީ.
ފޯއްމުލަކު ސިޓީ ގެ ޒުވާނުބްގެ ހަރަކާތް
10 December 2016
ފޯއްމުލަކު ސިޓީގެ އެކިދިމާލުން އިންޑިއަން އޯޝަން ހުރަސްކޮށް ހިޖުރަކުރަމުންގެންދާ ފުޅަނގި އާއިލާއައް ހިމާޔަތް ދިނުމަކީ މިއަދު ތިޔަ ސިޓީގެ ކޮންމެ ރައްޔަތެއްގެ ވާޖިބެއްކަމައް ވާހިނދު އެބޭފުޅުންނައް ގޯނާކޮށް ނުވީތާނކައް އެސޮރުމެންގެ ބޮލައް ބޮން އަޅާ ހޯރަމެނާއި ކޯލިޝަންހަދައި އެތަކެއް އަނިޔާތައް ދެމުންދާކަން އަޅުގަނޑުމެންގެ ސަމާލުކަމައް ފުޅަނގި އާއިލާއިންވަނީ ގެނަސްދީފައި، ވީމާ މިސިޓީގެ ޒުވާން ޖީލުގެ ރައްޔަތުން ތިބޭފުޅުންގެ ތިޔަ އިންސާނިއްޔަތާއި ދެކޮޅު އަމަލުކުއްވެރިކުރަން.!!!
ޢަހްމަދު
10 December 2016
ތާމެން އަގަ މަޑޮޖަހާގެން ތިބެބެލައު. ކިހައި ދެރަކަމެކި ތީ..
އަބްދުއްލާ އަލީ
10 December 2016
ވަރަށް މަސް މީރު މަހެއް ފުޅަނގަކީ