ބާސެލޯނާ (ޑިސެމްބަރު 10) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ޓީމުގައި މަޑުކުރުމަކީ އެ ކްލަބަށް ލިބޭނެ އެންމެ ބޮޑު އެއް އުފާކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ސީޒަން ފެށީއްސުރެ އަންނަނީ ކުރަމުންނެވެ. އެކަމަށް އަދި އަލިމަގެއް ފެނިފައިނުވާއިރު، މިދިޔަ ހަފްތާގައި ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އާއި މެސީގެ އޭޖެންޓް އަދި ބައްޕަ ޖޯޖް ހޯރާސިއޯ ވަނީ ބައްދަލުވުންތައް ބާއްވައިފަ އެވެ.
އެންރީކޭ ބުނީ މެސީ އެ ކްލަބުގައި ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"މެސީ ބާސެލޯނާގައި މަޑުކުރަން ނިންމުމަކީ މި ކްލަބުގެ ހުރިހާ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. މަޝްވަރާތައް ކުރިއަށްދާއިރު ވެސް މެސީގެ ފަރާތުން ޓީމަށް ލިބޭ އެއްބާރުލުން ވަރަށް ފުރިހަމަ،" އެންރީކޭ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި މެސީ ބޭނުންވަނީ ފަސް އަހަރަށް އެއްބަސްވުން އާ ކުރާއިރު، އެ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ފަހު ދެން އޮތް ދެ އަހަރު ތެރޭ ޔޫރަޕުން ބޭރު ކްލަބަކަށް އޭނާ ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށެވެ. މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުން ކަމަށް ބުނެފަ އެވެ.
ސްޕެނިޝް ލީގުގެ ދެ ވަނައިގައި ބާސެލޯނާ އޮތްއިރު ލީގުގެ އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑާ އެ ޓީމާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި މިއަދު ރަށުން ބޭރުގައި އޮސަސޫނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެންރީކޭ ބުނީ އެންމެ ފަހު މެޗާ ޖެހެންދެން ހިތްވަރު ކުރާނެ ކަމަށާއި ކުރިއަށް ގިނަ މެޗުތަކެއް ހުރުމުން ރެއާލް އަތުލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ބާސެލޯނާ އާއި އޮސަސޫނާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ.