މެޑްރިޑް (ސެޕްޓެމްބަރު 7) - ކޮންޓްރެކްޓްގައި ހިމެނޭ ވަކި މާއްދާއެއްގެ ބޭނުންހިފައި ގަދަ ބާރުން ބާސެލޯނާގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބެހެއްޓުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި ސްޕެއިނާ މިހާރު ހަވާލުވެ ހުރި މަޝްހޫރު ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މިދި މަހު 26 ވަނަ ދުވަހު ފެކުހެއް މެދުވެރިކޮށް މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. މެސީ ބޭނުންވީ އޭނާ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއް ބޭނުންކޮށް ކޮންމެ ސީޒަނެއް ނިމުމުން އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައި ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅޭށެވެ. ބާސެލޯނާ އިން ބުނަނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދެވޭ މާއްދާގެ މުއްދަތު ހަަމަވެފައިވާ ކަމަށާއި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ. ބާސެލޯނާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ލަލީގާ އިން ވެސް އެ ގޮތަށް ނިންމައި ބަޔާނެއް ނެރުމުންނެވެ.
ގޯލް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ގާތުގައި މިދިޔަ ސީޒަން ފެށިގެން ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލާނެކަން އަންގާފައިވާ ކަމަށާއި އެކަމަކު އެންމެ ފަހުން މިކަން ނިމިގެންދިޔައީ އޭނާ އަށް އެ ފުރުސަތު ނުލިބި ކަމަށެވެ. މެސީ އެންމެ ފަހުން ކްލަބްގައި މަޑުކުރަން ނިންމީ ކޯޓަށް ގޮސްގެން ކްލަބް ބަދަލުކުރަން ބޭނުންނުވާތީ ކަމަށް ވަނީ ބުނެފަ އެވެ.
މެސީގެ މި ހާލަތާ ގުޅިގެން އެންރީކޭ ބުނީ ކްލަބަށް ވުރެން އެއްވެސް ކުޅުންތެރިއެއް ބޮޑުނުވާނެ ކަމަށާއި އެ ގޮތަށް ކުޅުންތެރިއެއްގެ ހައްގުގައި ކްލަބުން ވެސް ކޮށްދޭން ޖެހޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
"މެސީ އާއި ބާސެލޯނާއާ ދެމެދު މި އޮތީ ވަރަށް ހާއްސަ ގުޅުމެއް. އެ ގުޅުން އެ ގޮތުގައި ދެމިގެންދިއުން ބިނާވެފައި އޮތީ މެސީ ބޭނުންވި ގޮތަށް އޭނާ ކްލަބް ދޫކޮށްލަން ފުރުސަތު ދީގެން. ގަދަ ބާރުން މެސީ މަޑުކުރުވުމަކީ މީގައި ހައްލެއް ނޫން. އަދި ރަނގަޅު ގޮތެއް ވެސް ނޫން،" ސްޕެއިނުގެ ރެޑިއޯ އަކަށް އެންރީކޭ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އެންރީކޭ ބުނީ ބާސެލޯނާ އަކީ 1899 ވަނަ އަހަރު އުފެދުނު ކްލަބެއް ކަމަށާއި މެސީއާ ނުލައި ވެސް އެ ޓީމުން ކާމިޔާބު ހޯދާފައިވާކަން ތާރީހުން ވެސް ފެންނަން އޮތް ކަމަށެވެ. އެހެންވެ ވަކި ކުޅުންތެރިއަކަށް ބަލައިގެން ކްލަބް ކުރިއަށްދިއުން ރަނގަޅު ނޫންކަން އެންރީކޭ ފާހަގަކުރި އެވެ.
"ކޮންމެވެސް ދުވަހަކުން މެސީ ބާސެލޯނާ އަށް ކުޅުން ހުއްޓާލާނެ. ކްލަބުން ވެސް މެސީ ނުލައި ތަށި ހޯދާނެ. އެއީ މެސީ ނާންނައިރު ވެސް ވެފައި އޮތް ކަމެއް. ހަމައެގޮތަށް ބާސެލޯނާއާ ނުލައި މެސީ ވެސް ތަށި ހޯދާނެ. ދެން މި ކަމުގައި ކުޅުންތެރިޔާ އަށް ގެއްލުން ލިބޭ ގޮތަށް ކަންތައްތައް ކުރުން އެއީ ގޯހެއް،" މެސީ އަށް ބާސެލޯނާގައި 2014 އިން 2017 އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ޕްރީ ސީޒަންގެ ޕްރެކްޓިސް ފަށާފައިވާއިރު، މެސީ މިއަދު ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.