ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ވަކާލާތު ކުރައްވަނީ ބަދަލުގައި ވަކި އެއްޗެއް ބޭނުންވެގެން ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޔާމީން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ޖަމީލަށް ރަނިން މޭޓުކަން ހުށަހަޅުއްވައިފި ނަމަ ގަބޫލު ކުރައްވާނަންތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ އެ ކޭސްގައި މަސައްކަތް ކުރެއްވީ ބަދަލުގައި ވަކި އެއްޗެއް ހޯދާކަށް ނޫން ކަމަށެވެ. އެމަނިކުފާނު ވަކާލާތު ކުރައްވަނީ ހަމައެކަނި ޔާމީންގެ މައްސަލައިގައި ނޫން ކަމަށާއި ދިރިއުޅުމަށްޓަކައި އެހެން މައްސަލަތަކުގައި ވެސް ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަކި އެއްޗެއްގެ ބަދަލުގައި ނުވަތަ ވަކި އެއްޗެއް ހޯދުމުގެ ނިޔަތުގައި ކުރި މަސައްކަތެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ހުކުމް ބާތިލު ކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިން ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ނައިބު ރައީސްކަން ކުރެއްވި ޖަމީލް ފާހަގަކުރެއްވީ މިއަދުގެ ހުކުމަކީ މުޅި ވަކީލުންގެ ޓީމުގެ މަސައްކަތް ކަމެވެ. އޭނާއަށް އެއްޗެއް ދޭ ނަމަ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަށް ވެސް އެއްޗެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަނިންމޭޓު ކަމުގެ ވާހައަކީ މުސްތަގުބަލުގެ ވާހަކައެއް ކަމަށާއި އަދި އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިޔަ ދައްކަވާ ވާހަކައަކީ ހަގީގަތުގައި މުސްތަގުބަލުގެ ވާހަކައެއް. އެއަކަށް އަޅުގަނޑަކަށް ނޭނގޭ އެއްވެސް އެއްޗެއް މިވަގުތު ދަންނަވާކަށް: ޑރ. ޖަމީލް

"ތިޔަ ދައްކަވާ ވާހަކައަކީ ހަގީގަތުގައި މުސްތަގުބަލުގެ ވާހަކައެއް. އެއަކަށް އަޅުގަނޑަކަށް ނޭނގޭ އެއްވެސް އެއްޗެއް މިވަގުތު ދަންނަވާކަށް،" ޖަމީލް ވިދާޅުވި އެވެ.

އެކަމާ މެދު މިވަގުތު ނުވިސްނަވާ ކަމަށް ދޭހަވާ ގޮތަކަށް އޭނާ ވިދާޅުވީ، ސަރުކާރުން ޔާމީނަށް އަދިވެސް ދުއްތުރާ ކުރަމުންދާނެ ކަމަށާއި މިވަގުތު އޭނާގެ ފޯކަސް ހުރީ އެކަންކަމާ މެދު ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންވުމުން ވަކީލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ކުރީގެ ރައީސް ޔާމީން މިނިވަންވުމުން ވަކީލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ މައްސަލަ ޖެހި އެންމެ ފަހުން ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރުމުން ޖަމީލް ދިރިއުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އޭރު އެމަނިކުފާނަށް ނާއިންސާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި މަައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ޝައްކު އުފެދިގެންނެވެ. އެ ޝައްކު އުފެދުނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ދައުލަތުގެ ފައިސާ ޖަމާ ކުރި ޗެކު ނަމްބަރުތަކުގައި ފުށޫއެރުންތަކެއް ހުރުމުންނެވެ.

އެ ހުކުމުން ސަލާމަތްވި ނަމަވެސް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.