މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ އިންޓަނެޓް ވިއުގަ، ސްޓާލިންކްގެ ހިދުމަތް މަތިންދާބޯޓްތަކަށް ފޯރުކޮށް ދިނުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރަން ފަށައިފި އެވެ.
ޓްވިޓާގައި އީލޮން ވިދާޅުވީ މިހާރު ވަރަށް ގިނަ އެއާލައިންތަކާ އެކީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މަތިންދާބޯޓްތަކަށް ސްޓާލިންކްގެ ހިދުމަތް ހޯދަން ބޭނުންވާ ނަމަ އެއާލައިންތަކުން އެކަން އަންގައި ދިނުމަށް ވެސް ޓްވީޓްގައި އެދިވަޑައިގެންފައިވެ އެވެ.
އީލޮން ވިދާޅުވި ގޮތުގައި ހަލުވި އިންޓަނެޓްގެ ހިދުމަތް މަތިންބޯޓްތަކަށް ފޯރުކޮށްދެވޭނެ އެވެ.
ސްޓާލިންކްގެ ކޮމާޝަލް ސޭލްސްގެ ވައިސް ޕްރެޒިޑެންޓް ޖޮނަތަން ހޮފެލާ ވިދާޅުވި ގޮތުގައި މަތިންދާބޯޓްތަކަށް ހިދުމަތް ފޯރުކޮށް ދިނުމާ ބެހޭ މަޝްވަރާތައް މިހާރު އެއާލައިންތަކާ އެކީ ކުރިއަށް ދާތީ ވަރަށް އަވަހަށް "އިން-ފްލައިޓް ކަނެކްޓްވިޓީ" ހަގީގަތަކަށް ހެދޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ޓެސްޓްތަކެއް ވެސް މިހާރު ކުރިއަށް ދެ އެވެ.
ސްޓާލިންކަކީ ސެޓްލައިޓް ފައުޖަކާ އެކު ބިނާ ކުރަމުން އަންނަ ވިއުގައެކެވެ. މިދިޔަ އަހަރު މި ހިދުމަތް ލިބެން ފެށި ފަހުން މިހާރު 20 ގައުމަކަށް ލިބޭ އިރު، ބީޓާ ޔޫޒަރުންގެ އަދަދު މިހާރު 140،000 އަށް އަރާ ކަމަށް ބުނެ އެވެ. އީލޮން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ސްޓާލިންކްގެ ކަސްޓަމަރުންގެ އަދަދު 500،000 އަށް ވުރެ ގިނަ ވާނެ އެވެ. އެ ކުންފުނިން އަންނަނީ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޓާލިންކްގެ މައިގަނޑު މަގުސަދަކީ އިންޓަނެޓުން އެއްވެސް ބަޔަކު މަހުރޫމުވިޔަ ނުދިނުމެވެ. އަދި އަގުހެޔޮކޮށް، އަވަސް ހިދުމަތެއް ދިނުމެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ ވިއުގަ އަށް މިހާތަނަށް 1،740 ސެޓްލައިޓް ލޯންޗްކޮށްފައިވެ އެވެ.