ސްޓާލިންކްގެ އިންޓަނެޓް ވިއުގަ އަންނަ މަހުގެ ތެރޭގައި ބީޓާ ޓެސްޓުން މިންޖުވާނެ ކަމަށާއި އޭރުން ދެން އޮތީ ވިއުގަ މުޅި ދުނިޔެ އަށް ފުޅާވުމުގެ މަރުހަލާތައް ކަމަށް މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ސްޓާލިންކްގެ ޕަބްލިކް ބީޓާ ޓެސްޓިން އަށް ދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެކަމަކު މިއީ ކުރިން ބީޓާ މަރުހަލާ އަށް ނަގާނެ ކަމަށް ބުނި މުއްދަތަށް ވުރެ ދެ މަސް ދުވަހުގެ ފަސްވުމެކެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ބައެއް ހިސާބުތަކުގައި ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ބޭނުންކުރަމުން އަންނަ އިރު އީލޮން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ އޮގަސްޓް މަހުގެ ތެރޭގައި ހިދުމަތް މުޅި ދުނިޔެ އަށް ލިބޭނެ ކަމަށެވެ. އަދި 12 މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އަދަދު 500،000 އަށް އަރާނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށް ވިދާޅުވެފައިވެ އެވެ.
ސްޓާލިންކްގެ ހިދުމަތަށް ޕްރީ-އޯޑަރުކުރުމުގެ ފުރުސަތު ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން މިދިޔަ މަހާ ހަމައަށް އޯޑަރުކުރި މީހުންނަށް 100،000 ޓާމިނަލް ޝިޕްކޮށް ދިފައިވާ ކަމަށް ސްޕޭސް އެކްސް އިން ބުނެފައިވެ އެވެ.
ހިދުމަތުގެ ޕްރީ-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ބީޓާ މަރުހަލާ އަންނަ މަހުގެ ތެރޭގައި ނިންމާލައި، މުޅި ދުނިޔެ އަށް ހިދުމަތް ފުޅާވެގެންދާނެ އިރަކާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ސްޕޭސް އެކްސް އިން ނުބުނެ އެވެ. އެކަމަކު އަންނަ މަހުން ފެށިގެން ހިދުމަތް ލިބެން ފަށާ ސަރަހައްދުތައް އިތުރުވެގެން ދާނެ އެވެ.
ސްޓާލިންކަކީ ޖައްވުގެ ތެރެއަށް ސެޓެލައިޓް ފައުޖެއް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ.