ރ. ފުށްގިރި ދޫކުރި މުއާމަލާތާ ގުޅިގެން ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައިދޭން ދައުލަތުން މިއަދު އެދުމުން، އެއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރި ދުވަހު ވަނީ އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދިފަ އެވެ. އެ ފަހަރު ދިން ހަތް ދުވަހުގެ އަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމާ ބެހޭގޮތުން ވާހަކަ ދެއްކި އިރު ޔާމީން ވިދާޅުވީ ފިއްލެވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ފުލުހުން އެ ކުރާ ތުހުމަތު އެނގެން ބޭނުންވާ ކަމަށެވެ.

ފުރުން މަނާކުރުމުގެ އަމުރެއް ނެރެން ފުރިހަމަވާން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ދައުލަތުން މިއަދު ބުނީ އެފަދަ އަމުރެއް ނެރެވޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ހުރެގެން ކަމަށެވެ. މި މައްސަލައިގައި ދައުވާ ފޯމާ އެކު އެ މިންވަރަށް ހެކި ހުށަހެޅިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މީހަކު ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް ބެލެވޭ ހެކި ލިބިފައި ހުރުމަކީ ވެސް ޕާސްޕޯޓް ހިފެހެއްޓުމުގައި ބަލާ ކަމެކެވެ. މިކަމާ ބެހޭ ގޮތުން ދައުލަތުން ބުނީ، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއްގައި، މިފަދަ އަމުރު ނެރޭއިރު އެކުގައި ކުށްކުރި މީހުން ފިލައިގެން ގޮސްފައިވުމަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. މިކަމާ އިޝާރާތްކޮށް ދައުލަތުން ބުނީ މި މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކަށް ވާއިރު، އެ ހިޔާނާތުގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރިން ފިއްލެވި ކަމަށެވެ.

ފުރުން މަނާކުރާ މީހާ އަކީ ފިލައިގެން ދިޔުމުގެ މާލީ ގާބިލުކަން އޮތް މީހެއް ކަމަށް ވާން ޖެހޭނެތީ އެކަން ސާބިތުކުރަން ދައުލަތުން ވަނީ ފޯމާ އެކު ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުތައް ވެސް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން، އެ މަނިކުފާނަކީ ކުރީގެ ރައީސަކަށް ވާތީ ފިއްލެވުމަށް "ކަނެކްޝަންތައް" ވެސް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ހަވާލާދީ ދައުލަތުން ވަނީ، ރާއްޖެއިން ފިލައިގެން ގޮސްފައިވާ މީހުން އަނބުރާ ގެނައުމުގައި ދަތިތައް ހުރިކަން ވެސް ފާހަގަކޮށްފަ އެވެ.

ވަރަށް ކޮށްގެން ނުވާނެ ކަހަލަ އިލްޒާމެއް އެ އުފުލީ ފުލުހުންގެ ފަރާތުން. އެހެންވީމާ އަޅުގަނޑު ބޭނުންވޭ ކޮން ކަހަލަ ހެކިތަކެއް އެ މީހުންނަށް ލިބިގެން އުޅޭތީތޯ މިވަރުގެ އަމުރަކަށް އެދިގެން މި އުޅެނީ: ޔާމީން

ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، މައްސަލައާ ގުޅޭ ލިޔުންތައް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެހެންވެ ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް، މިއީ ކުރިން ހަތް ދުވަހުގެ އަމުރު ނެރުނު އިރު ވެސް ދައުލަތުން ދެއްކި ވާހަކަތައް ކަމަށާއި އެހެންވެ، މިއަދުގެ އަޑުއެހުމުގައި ވެސް ދިފާއަށް ޖަވާބުދާރީވެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން ބުންޏެވެ.

ފޯމުގައިވާ ކަންކަން ދިރާސާ ކުރައްވަން ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ، ދައުލަތުން ހަވާލާދިން ސުޕްރީމް ކޯޓުގެ ގަޒިއްޔާތައް ވެސް ދިރާސާކުރަން ޖެހޭނެ ކަމަށެވެ.

ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން ގެންނަ އިރު ވެސް ވަގުތުން ދިފާއުން ޖަވާބުދާރީވާން ޖެހޭކަން ދައުލަތުން ބުންޏެވެ. ބަންދުކުރުމަކީ ޕާސްޕޯޓު ހިފެހެއްޓުމަށް ވުރެ އަސާސީ ހައްގެއް ހިފެހެއްޓުން ކަމަށްވާއިރު މިކަމުގައި ދިފާއަށް އިތުރު ފުރުސަތެއް ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބުންޏެވެ.

އިސް ގާޒީ ޝަކީލް ވިދާޅުވީ ޖަމީލް އެދިވަޑައިގަތީ އެކަށީގެންވާ ވަރަށް ވުރެ ގިނަ ވަގުތު ކަމަށެވެ. އޭނާ ނިންމެވީ، މިއަދު މެންދުރަށް ތާވަލުކޮށްފައިވާ، ޔާމީނާ އެކު ދައުވާ ލިބޭ ކްރިކް ރިޒާގެ މައްސަލައިގެ އަޑުއެހުމަށް ފަހު މިއަދު ހަވީރު 4:00 ގައިއަމުރާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީން ވެސް ވާހަކަ ދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ފިއްލަވަން އުޅުއްވާ ކަމުގެ ހެކި ހުރި ކަމަށް ދައުލަތުން ބުނާތީ އެއީ ވަރަށް ބޮޑު ތުހުމަތެއް ކަމަށެވެ.

ފިއްލެވުމަށް ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެއީ ކޮން ހެކިތަކެއްކަން އެނގެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެދިވަޑައިގަތީ އެއީ ކޮން ހެކިތަކެއްތޯ ބަލައި ދިރާސާކުރަން ފުރުސަތަކަށެވެ.

ޔާމީން ވިދާޅުވީ، ފިއްލަވަން ނޫޅުއްވާ ކަމަށާއި ފޯމުގައި ވެސް އެކަމާ ބެހޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

"ވަރަށް ކޮށްގެން ނުވާނެ ކަހަލަ އިލްޒާމެއް އެ އުފުލީ ފުލުހުންގެ ފަރާތުން. އެހެންވީމާ އަޅުގަނޑު ބޭނުންވޭ ކޮން ކަހަލަ ހެކިތަކެއް އެ މީހުންނަށް ލިބިގެން އުޅޭތީތޯ މިވަރުގެ އަމުރަކަށް އެދިގެން މި އުޅެނީ. އެހެންވީމާ އެ ދިރާސާކުރަން އަޅުގަނޑު ވަގުތު ބޭނުންވާ ވާހަކަ ދަންނަވަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިނިވަންވީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވި ހުކުމް މިދިޔަ ހަފްތާގެ ބުދަ ދުވަހު ސުޕްރީމް ކޯޓުން ބާތިލު ކުރުމުންނެވެ. ނަމަވެސް، މިއަދު ބޭއްވި ފުއްގިރި މައްސަލައިގެ އިތުރުން، ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް އެ މަނިކުފާނުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

މިއިން ކޮންމެ މައްސަލައެއްގައި ވެސް އެ މަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މިއިން ކޮންމެ މައްސަލައެއްގައި ވެސް ހިމެނެނީ ޔާމީން އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާކުރެއްވި ކަމަށެވެ.