ފުލުހުން މިހާރު ކުރިއަށް ގެންދާ ޑްރަގްސް އޮޕަރޭޝަންގައި މިއަދު ހެނދުނު ހުޅުމާލޭގައި ކާރެއްގެ ތެރެއިން ހޯދި 91 ޕެކެޓް ހެރޮއިންގެ މައްސަލާގައި ހައްޔަރުކުރި މީހާ އޭނާގެ ބަންދު ގޯސް ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެން ކޯޓުން އޭނާގެ ބަންދަށް އެންމެ ދުވަހެއް ދީފި އެވެ.
އާދީއްތަ ދުވަހުގެ ތެރޭ މާލޭން ޓެކްސީއެއް ހުއްޓުވައި ގިނަ އަދަދެއްގެ ޑްރަގްސް ހޯދައި އެއާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ހުޅުމާލޭން ފާސްކުރި ކާރުން ޑްރަގްސް ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ އަލޯރާގޭ އަހްމަދު މުޖާހިދެވެ. އެ ކާރުން ފެނުނު ޑްރަގްސްގައި ގާތްގަނޑަކަށް 91 ކިލޯ ހުންނާނެ ކަމަށް ބެލެވެ އެވެ.
މީނާ އަކީ މީގެ ދުވަސްކޮޅެއް ކުރިން އަތުލައިގަނެ ދައުވާކުރި، ހޯނޑެއްދޫ ގިނަ ބަޔަކު ހިމެނޭ ޑްރަގް ނެޓްވޯކެއްގެ ބަޔަކާ ގުޅުން އޮންނަ މީހެއް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. އެ ނެޓްވޯކުގެ ހުރިހާ ބޮޑުން ވަނީ ކުށް ސާބިތު ނުވެ ސަލާމަތްވެފަ އެވެ.
ރޭގެ މެންދަރުގެ ވަގުތެއްގައި ކޯޓު އަމުރަކަށް މުޖާހިދު ހައްޔަރުކޮށް މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބުނީ ހައްޔަރުނުކޮށް ބަންދުގައި އެތައް އިރަކު ބެހެއްޓި ކަމަށާއި އެއީ ކޮން އަސާސެއްގެ މައްޗަށްތޯ އެނގެން ބޭނުންވާ ކަމަށެވެ.
ފުލުހުން ބުނީ މުޖާހިދަކީ މިހާރު ކުރިއަށްދާ ޑްރަގް އޮޕަރޭޝަންގެ ތެރެއިން، ރޭގެ މެންދަރު 1:49 ގައި ލިބުނު ކޯޓު އަމުރަކަށް ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި ދިފާއީ ވަކީލަށް ފޯނު ކުރުމުގެ ފުރުސަތު ހެނދުނު 8:00 ގައި ދީފައިވާނެ ކަމަށެވެ. އަދި ވަކީލުގެ ފޯނަށް ޖަވާބު ނުދޭތީ އަނބިމީހާ އަށް ގުޅަން ފުރުސަތު ދިން ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.
ދިފާއީ ވަކީލް ކޯޓުގައި ވިދާޅުވީ އޭނާއާ ނުގުޅުނީ ފުލުހުން ދިން މައުލޫމާތު ގޯސްވެގެން ކަމަށާއި ވަކީލަށް ނާންގައި ގެންގުޅުނު ވަގުތަކީ ޣައިރު ބަންދެއް ކަމަށް ދެކޭ ކަމަށެވެ.
ބަންދާ މެދު ގޮތް ނިންމެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައި ވަނީ ސައްހަ ނޫން ހައްޔަރު/ބަންދާ ގުޅޭ މައުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުން ދިފާއީ ވަކީލާ ހިއްސާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި ބަންދާ މެދު ގޮތެއް ނިންމާއިރު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ހާލަތެއް އޮތް ނަމަ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގެ ދަށުން ކުރު މުއްދަތެއް ކަނޑައަޅަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގާޒީ ހަވާލާދެއްވި މާއްދާ އަކީ "ވަކީލަކު ހަމަޖެހިފައި ނުވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުން" ބަޔާންކުރާ މާއްދާ އެވެ. އެކަމަކު މުޖާހިދުގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުވެފައި ވަނީ ވަކީލަކާ އެކުގަ އެވެ.
ބަންދަން އެއް ދުވަސް ދިނުމުގައި ހަވާލާދެއްވި މާއްދާގައި އޮންނަނީ "ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރެވިފައިވާ މީހާ، ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދޭ ނަމަ، އަދި އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތް މީހެއް ނަމަ، އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރާ މުއްދަތަކީ ގިނަވެގެން ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ވާންވާނެ" ކަމަށެވެ.
މުޖާހިދަށް ދިން އެއް ދުވަހުގެ ބަންދުގެ ވަގުތު ފެށިފައި ވަނީ މިއަދު ހަވީރު 5:16 ގަ އެވެ. އެހެންވެ މި މުއްދަތު މާދަމާ ހަވީރު 5:15 އަށް ހަމަވާނެ އެވެ.
ޑްރަގްސް ފެނުނު ކާރުގައި މުޖާހިދުގެ ދަރިފުޅުގެ ލިޔުންތަކެއް
ޑްރަގްސް ފެނުނު ކާރަކީ މުޖާހިދާ ގުޅުން ހުރި އެއްޗެއްކަން ސާބިތުކޮށްދޭން ފުލުހުން ވަނީ ކާރުން ފެނުނު، މުހާހިދުގެ ދަރިފުޅުގެ މެޑިކަލް ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި މުޖާހިދާ ކާރާ އޮތް ގުޅުން އަންގައިދޭ ބައެއް ފޮޓޯތައް ވެސް ހުށަހެޅި އެވެ.
ފުލުހުން ވަނީ ކުރިއަށްދާ އޮޕަރޭޝަންގައި 100 ކިލޯއަށް ވުރެ ގިނަ ޑްރަގްސް ފެނިފައިވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.
މި ކަންކަމަށް ބަލައި، ބަންދު އަމުރުގައި ބުނެފައިވަނީ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައި އެބަހުރި ކަމަށެވެ.
އަމުރުގައި ބުނެފައިވާ ގޮތުގައި މުޖާހިދުގެ މައްޗަށް ކޮށްފައިވާ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި މިިއީ ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކަމެއްގެ ގޮތުގައި ވެސް ބެލެވޭ ކަމަށާއި، މަސްތުވާތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ސީދާ މުޖާހިދުގެ ބަައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވި ގޮތުގައި މިދިޔަ 48 ގަޑިއިރު ތެރޭ 119 ޕެކެޓް ޑްރަގްސް ވަނީ ހޯދިފަ އެވެ. އަދި މި ތަކެތީގެ ބަރުދަނުގައި 119 ކިލޯ ހުންނާނެ ކަމަށް ވަނީ އަންދާޒާކުރައްވައިފަ އެވެ.