ލުއި ޚަބަރުގެ ގޮތުގައި ކުޅިވަރު ޚަބަރު ކިޔައި އުޅުނު ނަމަވެސް ފުޓުބޯޅަ ގައުމީ ޓީމުގެ ޚަބަރުތަކާ ޖެހުނީމާ ސީރިއަސްވެ އެވެ. ދަނޑު ފުރައިލަ އެވެ. ބަލިވީމާ ޖަވާބުދާރީ ކުރުވަން ވެސް ބޭނުންވެ އެވެ. ޓީމުގެ ކޯޗު، އަލީ ސުޒޭން ޖަވާބުދާރީ ކުރުވި އެވެ. ބަލިވުމުގެ ފުރިހަމަ ޒިންމާ ނެގުމާއެކު، ހަމަ އެ ނޭވާގައި ދެން ކުރީ ޝަކުވާ އެވެ. އެ ވެރިންގެ ލީގު ފަދަ ލީގެއް ރާއްޖޭގައި ނެތުމުގެ ޝަކުވާ އެވެ. "ލުއިކޮށް" ނަމަވެސް އުފުލި ޝަކުވާގެ އެ އަޑު އިވުނެވެ. ޓީމުގެ ކެޕްޓަން، އަކްރަމް އަބްދުލް ޣަނީ ވެސް ފުނަޖަހައިލި އެވެ. ގައުމީ ޓީމުގެ އެތައް ސަޕޯޓަރުންނެއް މި ޝަކުވާ ދިރާސާ ކުރާނެ އެވެ.
ފެންވަރު ރަނގަޅު، ޖަޒީރާ ލީގެއް ގާއިމު ނުކުރެވިގެން މި އުޅޭ ސަބަބަކީ، ކުރިމަތިން ފެންނަ އެސޯސިއޭޝަންގެ ފަހަތުގައި ފޮރުވިފައިވާ މައްސަލައެކެވެ. އެއީ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުގެ ގާނޫނީ ސައްހަކަން ކަށަވަރު ނުވުމެވެ. ގާނޫނީ ޒިންމާ ނަގާނެ ބަޔަކު ނެތުމެވެ. ގާނޫނީ ސައްހަކަން ޔަގީންކޮށް ނުދެވޭ ގްރޫޕްތަކަށް ފަންޑު ކުރުމަކީ ފޫނެތްފަޔަކަށް ފެންފުރުން ފަދަ ކަމަކަށް ވާނެތީ އެވެ. ކުޅިވަރުގެ ދާއިރާގައި މި ސިޔާސަތުގެ ދަށުން ކްލަބްތައް ފައިނޭންސް ކުރާ ގޮތްް ބަދަލު ކުރަންޖެހެ އެވެ.
ފުޓުބޯޅަ ޓީމުތަކުގެ ގާނޫނީ އޮނިގަނޑު
ފީފާ އިން އެެންމެ ފަހުން ނެރުނު ފްރޮފެޝަނަލް ފުޓްބޯލް ރިޕޯޓް 2019 އިން ފުޓުބޯޅަ ޓީމުތައް އެކުލަވައިލުމަށް ދުނިޔޭގައި ގެންގުޅޭ ތަފާތު ހަތަރު ވައްތަރެއްގެ ގާނޫނީ އޮނިގަނޑު ފާހަގަކޮށްފައިވެ އެވެ. އެއީ ލިމިޓެޑް ކުންފުނި، ޖޮއިންޓް ސްޓޮކް ކުންފުނި، އެސޯސިއޭޝަން (ކްލަބް)، އެހެނިހެން އެވެ.
ރާއްޖޭގައި ކުޅިވަރު ކުޅޭ ޓީމުތަކުގެ ގާނޫނީ އޮނިގަނޑެއްގެ ގޮތުގައި ތައާރަފު ވެފައި އޮތީ ކްލަބް ތަކެކެވެ. އެއީ ފީފާގެ އިބާރާތުން ނަމަ "އެސޯސިއޭޝަން" ތަކެކެވެ. ފީފާގެ ރިޕޯޓްގައި ވެސް ރާއްޖޭގެ ކްލަބްތައް ހިމަނާފައި ވަނީ "އެސޯސިއޭޝަން" ކެޓަގަރީގަ އެވެ. ރިޕޯޓްގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި ގިނައީ "އެހެނިހެން" ކެޓަގަރީ އަށް ފެތޭ "ގްރޫޕް" ތަކެކެވެ. ސައްހަ އިންތިހާބެއް ނުބާއްވައި، ރަޖިސްޓަރީ އާ ކުރާ ގްރޫޕްތަކެކެވެ. އިންތިހާބު ކަށަވަރު ނުވާ ގްރޫޕްތަކެކެވެ.
ކުޅިވަރަކީ ކުޅިވަރެއް ނޫންކަން ދެނެގަނެ، ކުޅިވަރު ކްލަބްތަކުގެ ގާނޫނީ ސައްހަކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ކަމެކެވެ. ސްޕޯޓްސް ކޮމިޝަނަރުގެ ކަމެކެވެ. ކުޅިވަރަކީ "ވަކަރުގޭ ކުދިން" ކުޅޭ އެއްޗެއްގެ ގޮތުގައި މައުނަ ކުރުން ދޫކޮށްލަން ވެއްޖެ އެވެ. މިއީ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ފުޓުބޯޅަ ޝަހުސިއްޔަތު ގ. ކެނެރީގޭ އަބްދުލްޖަލީލް، ކުޅުންތެރިން ލައްވައި ހިއްކި ތަނުން ގާ ހޮވައިގެން ފުޓުބޯޅަ ޕްރެކްޓިސް ކުރަން ޖެހުނު ޒަމާނެއް ވެސް ނޫނެވެ. މިއީ ސްޕޯޓްސް އެރީނާ އާއި އެސްޓްރޯ ޓާފްގެ ޒަމާނެވެ! މާއްދީ ގޮތުން ތަނަވަސް ޒަމާނެވެ. ކޮންކްންރީޓް ތަރައްގީގެ ޒަމާނެވެ. ބޯޅަ ދަނޑުގެ ސަބް ބޭސް އިން ކުދި ރަށްތަކުގެ ބޯފެން ފަށަލަ ހަލާކު ކޮށްލާ ކަމުގެ ޝަކުވާ ވެސް އިވޭ ޒަމާނެވެ. ކޮންކްރީޓް ތަރައްގީ ލިބިއްޖެ އެވެ! އެހެން ނަމަވެސް، އިޖުތިމާއީ ތަރައްގީއެއް ނުލިބެ އެވެ. ލޮލަށް ނުފެންނަ ތަރައްގީ އަކީ ޑިމޮކްރެޓިކް މަދަނީ މުޖުތަމައެއް ބިނާކުރުމެވެ. އިޖުތިމާއީ ނިޒާމެއް ގާއިމު ކުރުމެވެ. ކުޅިވަރުގެ އިޖުތިމާއީ ވެށި ސާފުކުރުމެވެ. ކުޅިވަރު މެދުވެރިކޮށް، ޒުވާނުންނާއި ކޮމިއުނިޓީ އެމްޕަވާމަންޓަށް އަންނަ އަހަރުގެ ބަޖެޓުގައި 34،910،573 (ތިރީސް ފަސްމިލިއަން) ކަނޑައަޅާފައި އެބައޮތެވެ. ސްޕޯޓްސް ކޮމިޝަނަރަށް ވެސް މިލިއަނަކާ ގާތަށް ބަޖެޓެއް ލިބެ އެވެ.
ކުޅިވަރަކީ އިންތިޒާމު ކުރަންޖެހޭ ހަރަކާތެކެވެ. "އޮގަނައިޒްޑް ސްޕޯޓްސް" އޭ ކިޔަނީ އެހެންވެ އެވެ. ކުޅިވަރަކީ ކުޅުންތެރިންނާއި އާއިލާތަކާއި އަވަށްޓެރިން ގުޅުވައިދޭ ފުޅާ އިޖުތިމާއީ ނިޒާމެކެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ! ބޭރުގެ ލީގުތަކުގެ ތަޖުރިބާތަކަށް ބަލައި މިހާރު ރާއްޖޭގައި ވެސް ކުންފުނިތަކަށް ފުޓުބޯޅަ ޓީމްތައް ބައިވެރި ކުރެވޭ ގޮތް ހެދުމަކީ ނެތް ކަމެއް ނޫނެވެ. މިއީ މިހާރު ވެސް ދިރާސާކޮށް، ރާއްޖޭގެ ވެއްޓަށް އެންމެ ލޮނު ހެޔޮވަރު ގޮތެއް ނިންމަން ވެފައިވާ ކަމެކެވެ.
މިއަދުގެ މައްސަލައަކީ ފުޓުބޯޅައިގެ ގިނަ ކްލަބްތައް އޭގެ ގާނޫނީ ސިފައިގައި ނެތުމެވެ. ތިބީ ނުރަސްމީ ގްރޫޕްތަކެކެވެ. މިކަން ހަމަޔަކަށް ނާޅުވައި، ފުޓުބޯޅަ އެސޯސިއޭޝަނަށް ފަންޑު ކުރުމަކީ ފޫނެތްފަޔަކަށް ފެންފުރުން ފަދަ ކަމެކެވެ. މެމްބަރު ކްލަބްތަކުގެ އިންތިހާބު ދެން ކަށަވަރު ކޮށްދެވޭނީ ކޮމިޝަނަރު އޮފް ސްޕޯޓްސް އާއި ފުޓުބޯޅަ އެސޯސިއޭޝަނާ ގުޅިގެން އިންތިގާލީ މަރުހަލާއެއްގެ ތެރެއިންނެވެ. މަޖިލިސްގެ އިޖުތިމާއީ ކޮމިޓީގައި މިހާރު ވެސް ކުޅިވަރުގެ ގާނޫނަށް ހުރި އިސްލާހުތަކެއް ޕާކް ކުރެވިފައި އެބަހުއްޓެވެ.
ކުރިއެކޭ އެއްގޮތަށް، މިއަދު ވެސް، ކްލަބްތަކުގެ އިންތިހާބު ކަށަވަރު ކޮށްދިނުމަށް ސަރުކާރު އޮތީ ފަސްޖެހިފަ އެވެ. ނުކުޅެދިފަ އެވެ. 2003/1 ގެ ކްލަބް ޖަމިއްޔާތަކާ ބެހޭ ގާނޫނެއް ފާސްކޮށް، ހޯމް މިނިސްޓްރީގައި ރެޖިސްޓްރާ އޮފް ކްލަބްސް އެންޑް ސޮސައިޓީސްއެއްގެ މަގާމު އުފެއްދި އެވެ. އަދި 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ގާނޫނުން ކުޅިވަރު ކްލަބްތަކުގެ ރެޖިސްޓަރާއެއް، ސްޕޯޓްސް ކޮމިޝަނަރުގެ ނަމުގައި އުފެއްދި އެވެ. ކުރީގެ ގާނޫނެކޭ އެއްފަދައިން، ފަހުން ފާސްކުރި ގާނޫނަކުން ވެސް ކްލަބްތަކުގެ އިންތިޚާބު ކަށަވަރު ކޮށްދެވިފައެއް ނުވެ އެވެ. އެފް.އޭ.އެމަކީ އޭގެ ނަތީޖާ އެވެ. ނަތީޖާ މަންޒަރު ކޮށްލައްވާށެވެ!
އެފް.އޭ.އެމްގެ ޕްރޮފައިލް
އެފް.އޭ.އެމަކީ ސިއްރުވެރި ޖަމިއްޔާ އެކެވެ. އެހެން ނަމަވެސް މިއީ އެސްޓްރޯޓާފް އާއި ސޯޝަލް މީޑިއާގެ ޒަމާނެވެ. ކަންކަން ސިއްރު ކުރުމަކީ ދަތިކަމެކެވެ. ނިއުރޭޑިއަންޓްގެ އަލީ އާޒިމް އިއްޔެ ކުރެއްވި ޓްވީޓެއް މިސާލަކަށް ފުދެ އެވެ. އެފް.އޭ.އެމްގެ މުވައްޒަފުންނަށް މިހާރު އެ އުޅެނީ މުސާރަ ނުދެވިގެންނެވެ. އެފް.އޭ.އެމާ ބެހޭ އޮއްޓަރު ހުރި މައުލޫމާތެއް އެ ޖަމިއްޔާގެ ވެބްސައިޓަކުން ވެސް އަދި ފޭސްބުކް ޕޭޖަކުން ވެސް ކިއެއްތަ، ޓުވިޓަރަކުން ވެސް އިންސްޓަގްރާމަކުން ވެސް ސާފެއް ނުވެ އެވެ. ކުރިއަށް އޮތް އަހަރުގެ މުބާރާތްތަކުގެ ތާވަލެއްހާ ވެސް ނެތެވެ.
އެފްއޭއެމްގެ ފޭސްބުކް ފޮލޮވަރުންގެ އަދަދަކީ 51،693 އެވެ. ލީގުން ބޭރުކޮށްލާފައިވާ ނިއުރޭޑިއަންޓް ސކ ގެ ފޭސްބުކް ފޮލޮވަރުންގެ އަދަދު އެފް.އޭ.އެމަށް ވުރެ އެތައް ހާސް ގިނަ އެވެެ. ނިއުގެ 56،753 ފޮލޮވަރުން އެބަތިއްބެވެ. ދެން ތިބި ކްލަބްތަކުގެ ފޭސްބުކް ފޮލޮވަރުރުންގެ އަދަދު ހުރީ 10،000-15،000 އާ ދެމެދުގަ އެވެ. ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީގެ ފޭސްބުކް ޕޭޖް ވަނީ ބްލޮކް ކޮށްފަ އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ގެއްލުވާލައިފަ އެވެ. ވެލެންސިއާ ވަނީ "ވަގަށް" ނަގައިފަ އެވެ.
ފީފާގެ އެންމެ ފަހުގެ ޕްރޮފެޝަނަލް ފުޓްބޯލް ރިޕޯޓް 2019 އަށް އެފް.އޭ.އެމުން ޑިކްލެއާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސައުތު އޭޝިއާ ސަރަހައްދުގައި ކްލަބް ނިޒާމްގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ހަރަކާތްތެރި ކުރެވޭ ގައުމަކީ ރާއްޖެ ކަމަށް ބުނެ އެވެ. އަދި ޕޮރޮފެޝަނަލް 10 ކްލަބާއެކު، އެ ފަދަ 150 ކުޅުންތެރިން ކުޅޭ ކަމަށް ބުނެ އެވެ. ޖުމުލަ 75 ކްލަބް މެދުވެރިކޮށް، ތިން ޑިވިޒަނަކަށް ބަހާލައިގެން، 1،650 ކުޅުންތެރިން ކުޅެން ނެރޭ ކަމަށް ބުނެ އެވެ. ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ނިޒާމަކީ ކްލަބަ (އެސޯސިއޭޝަން) ކަމުގައި ފީފާގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވިޔަފާރި އުސޫލުން އެކުލަވާލާފައި ހުންނަ ޓީމު، ރާއްޖޭގައި ނެތް ނަމަވެސް، އިންޑިއާގައި 10، ޕާކިސްތާނުގައި 16 އަދި ލަންކާގައި ދެ ޓީމަކީ ލިމިޓެޑް ކުންފުނިތަކެވެ. ލަންކާ އާއި ނޭޕާލާއި ބަންގަލަދޭޝްގައި "އެހެނިހެން" ތަފްސީލް ކޮށްދީފައި ވަނީ ސަރުކާރު އަދި ފުލުހުންނާއި ސިފައިންގެ ޓީމުތައް ގޮތުގަ އެވެ.
ދިވެހި ފުޓުބޯޅައަކީ ސަރަހައްދުގެ ފުޓުބޯޅައިގެ ބާރެއްގެ ގޮތުގައި ދެއްކި ނަމަވެސް، އިންތިހާބު ކަށަވަރު ނުކުރެވޭ މެމްބަރު ކްލަބްތަކަކަށް އޭ.އެފް.ސީގެ ކްލަބް ލައިސެންސިން ތައާރަފް ކުރެވުނީ ވެސް ގަދަކަމުންނެވެ. ރާއްޖެއަކީ ސަރަހައްދުގެ އެންމެ ފަހުން 2018 ގައި ކްލަބް ލައިސެންސިން ތައާރަފް ކުރި ގައުމެވެ. އެކަމެއް ފުރިހަމަ ނުކުރެވިގެން އޭއެފްސީގެ މުބާރާތް ކެޓި ކަމަށް ވެސް ކިޔައި އުޅެ އެވެ.
އިންޑިއާގައި 2012 ގައި ކްލަބް ލައިސެންސިން ތައާރަފް ކޮށްފި އެވެ. ހައިރާން ކުރުވަނިވި އަނެއް ކަމަކީ، ރާއްޖެ އިން ބުނާގޮތުގައި ރާއްޖޭގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 90 ޕަސެންޓް ކުޅުންތެރިންނަކީ ބޭރުގެ ކުޅުންތެރިންނެވެ. ދިވެހި ކުޅުންތެރިންގެ ނިސްބަތަކީ އެންމެ 10 ޕަސެންޓެވެ! މިއީ ގަލްފުގެ ގައުމެއްތޯ އެވެ؟ މި ވަރުން އަދި ނިންމާލީކީ ނޫނެވެ. ދިވެހިލީގްގެ ކްލަބެއްގައި މަދުވެގެން ތިބެން ޖެހޭ، ރާއްޖޭގައި އުފައްދާ ދިވެހި ކުޅުންތެރިންގެ އަދަދަކީ ތިނެއް ކަމުގައި ކަނޑައަޅާފައި އޮވެ އެވެ.
ތިރީގައި އެ ވަނީ ފީފާގެ ރިޕޯޓުން ސަރަހައްދުގެ ކޮންމެ ގައުމެއްގައި ވާދަވެރި ނިޒާމެއްގެ ތެރެއިން (ޑިވިޒަންތަކަށް ބަހާލައިގެން) ކުޅެން ނެރޭ ކަމަށް ބުނާ ކުޅުންތެރިންގެ އަދަދުތަކެވެ. ރާއްޖެއޮތީ ދެވަނައިގަ އެވެ! ސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓަކާއެކު، ޖަވާބުދާރީ ވާން ޖެހޭ ކަންކަން މަދެއް ނޫނެވެ. (ދެކުނު އޭޝިއާގެ ހަތް ގައުމުގައި ވާދަވެރި ނިޒާމެއްގެ ތެރެއިން ނެރޭ ކުޅުންތެރިންގެ އަދަދު)
ޖަވާބުދާރީ ވާންޖެހުން
ދިވެހިން ވެސް ވަކި ދެރަވާކަށް ބޭނުމެއް ނުވެ އެވެ. ގައުމީ ޓީމު ދެރަވީމާ އެވީ ގޮތެއް އޮޅުން ފިލުވަން ބޭނުންވެ އެވެ. ދިވެހިންނަކީ ވާދަވެރި ބައެކެވެ. ވީމާ ޖަވާބުދާރީ ކުރުވުމުގެ ރޫހު ހުރެ އެވެ. މި ފަހަރަކީ އަހަރެމެންގެ ފަހަރޭ ކިޔައި، އަމިއްލަ ގައުމަށް އެ ވެރިން ގެނެސް ދަނޑު ފުރާލައިގެން ހިތްވަރު ދިނީމާ ވެސް ބަލިވީ އެވެ. ސުވާލު އުފައްދާނެ އެވެ. ސުވާލު އުފައްދައިފި ވެސް މެ އެވެ.
އިންޑިއާގެ އަތުން ބަލިވުމުގެ އެއް އަހަރު ކުރިން 2020 ގެ މެދުތެރޭގައި އެފް.އޭ.އެމް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގައި ވަނީ ފަށައިފަ އެވެ. ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރޭގައި، ރައްޔިތުން އިތުބާރު ކުރެވޭ، ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް ގާއިމު ކުރެވިފައި ނެތުމުން، އެފަދަ ކަންކަން މި ފަހަކަށް އައިސް، ރާއްޖޭގައި ކުރާ ގޮތަކީ، ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ގެނައުމެވެ. އެއިރުން އަވަސްވެ އެވެ!
ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް
ސާފް ޗެމްޕިއަންޝިޕްގެ އެއް އަހަރު ކުރިން 2020 ގައި މަޖިލިސްގެ ދެ އިއްޒަތްތެރި މެމްބަރަކު ފުޓުބޯޅަ އެސޯސިއޭޝަނާ ގުޅޭ ދެ މައަސަލައެއް ހުށަހެޅުއްވި އެވެ. އެއް މައްސަލައަކީ އެ އަހަރު، ކޮވިޑް-19 ލޮކްޑައުން ނިމުނު ހަފްތާގައި، އަވަސް އަވަހަށް، ސިއްރު ސިއްރުން އެސޯސިއޭޝަންގެ އިންތިހާބު ބޭއްވި މައްސަލަ އެވެ. އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބު ހިންގި ކަމުގެ ތުހުމަތެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު ގަސްދުގައި، އެކަން އެގޮތަށް ހިންގަން ދޫކޮށްލި ދޫކޮށްލުން ކަރަޕްޝަންގެ އަމަލެއްގެ ގޮތުގައި ސިފަކުރެވިގެން ދިޔަ އެވެ. މައްސަލަ ހުށަހެޅުއްވީ މަސްލަހަތު އޮތް ބޭފުޅެކެވެ. ފުޓުބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ އިންތިހާބީ ރައީސް، އަދި މިހާރު މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ނިއުރޭޑިއަންޓުގެެ އަލީ އާޒިމެވެ.
ދެވަނަ މައްސަލަ ހުށަހެޅުއްވީ ކުރީގައި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި، މިހާރު ހެންވޭރު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ޓޭބަލް ޓެނިސް ޗެމްޕިއަން ހަސަން ލަތީފެވެ. ފުންނާބު އުސް ބޭފުޅުންނެވެ. ހަސަން ލަތީފް ހުށަހެޅުއްވި މައިގަނޑު މައަސަލައަކީ އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގެ "ސްވީޓް ސްޕޮޓް" އަށް އަމާޒު ސީދާކޮށްލި އިސްލާހު ތަކެކެވެ. އެއީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު ކަށަވަރު ކޮށްދިނުމެވެ.
އެގްޒެކެޓިވް ފެއިލްވުން
ޖަވާބުދާރީ ނުވާ، ބާރުގަދަ އެގްޒެކެޓިވް ސަރުކާރުތައް، ޑިމޮކްރަސީއަކަށް ބަދަލުވީމާ ވެސް، ކުރީގެ އާދަތައް ހިފަހައްޓަ އެވެ. ކަށީގައި ހިފާފައި ހުންނަ ކަންކަން އަވަހަކަށް ފިލައިގެނެއް ނުދެ އެވެ. ޑިކްޓޭޓަޝިޕްގެ "ބޯވަ" އެއްބޮނޑިއަކުން މަރެއް ނުވެ އެވެ! ބަދަލުކުރަން، އިސްލާހު ކުރަން ޕްރެޝަރެއް އޮތް ކަމެއް ހީވެސް ނުވެ އެެވެ!
ސުވާލު އުފެދިފައިވާ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރެއް ގައުމީ ފުޓުބޯޅަ ޓީމުގައި ކުޅުވައިފި އެވެ. ނަތީޖާ ވެސް ފެނިއްޖެ އެވެ. އެފަދަ އެގްޒެކެޓިވްއެއް ޖަވާބުދާރީ ކުރުވާނީ ކިހިނަކުންތޯ އެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި، އިިންތިހާބު ކަށަވަރު ނުކުރެވޭ މައްސަލަ، ދެން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ގެންނާށެވެ. މިހާރު، އެކަން އެ އޮތީ ފެށިފަ އެވެ. މައްސަލަ އޮތީ މަޖިލިސްގެ އިޖުތިމާއީ ކޮމިޓީގަ އެވެ. އަދި، ދާދި ފަހުން ސެޕްޓެމްބަރު މަހު "ޖަމްޢިއްޔާތަކުގެ ބިލު، ޢިޖްތިމާއީ ކޮމިޓީިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް" ވެސް އޮތީ އެވެ. މަޖިލިސް ތަފާތެވެ. މަޖިލިސް ޓެސްޓު ކުރަމާތޯ އެވެ!
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.