ސުނާމީގައި ލިބުނު ގެއްލުންތަކުގައި ހަލާކުވި ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސް އަށް 1.7 މިލިއަން ރުފިޔާ ދައުލަތުން ހޯދައިދިނީ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ކުރުމުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވާތީ، ފައިސާ ދޫކުރުމަށް އެ ކޯޓުން ނެރުނު އަމުރު އަމުރު ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ވިލިނގިލީ ކޯޓުގެ އަމުރަށް ވިމަސް އަށް ފިނޭންސުން ފައިސާ ދޫކުރުމުގައި "އިހުމާލުގެ މައްޗަށް އިހުމާލު" ވެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ. އެ އިހުމާލަށް ފިޔަވަޅު އެޅުމާ އެކު ވިމަސް އަށް ނާޖާއިޒު މަންފާގެ ގޮތުގައި ހޯދައިދިން ފައިސާ އަނބުރާ ދައުލަތަށް ހޯދަން ވެސް އޮތީ އަމުރުކޮށްފަ އެވެ.

ބާތިލްކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ފިނޭންސުން ދޫކުރި ފައިސާއެއް ކަން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެނގި ހުރެ އަދި އެ ފައިސާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ އިސްލާހުކުރަން އެ ކޯޓުން އަމިއްލަ އަށް އެދިފައި އޮތުމުން އަންގައިދެނީ މިއީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތްކުރުމުގެ މަރުހަލާ ނަހަމައިން ބޭނުންކޮށްފައިވާ މައްސަލައެއް ކަމެވެ. -- ހުކުމް

މައްސަލަ ފެށުނީ ވެލި ގަތް އަގު ނުދީގެން!

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ވިމަސް އިން 2010 ވަނަ އަހަރު ދައުވާކުރީ އެ ރަށުގައި ސުނާމީ ގެތައް އިމާރާތް ކުރުމުގައި އުޅުނު ފިލިޕިންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް (ޕީބީޑީސީ)އާ ދެކޮޅަށެވެ. އެ ދައުވާގައި ވިމަސް އިން ހުށަހެޅީ ދޮންވެލި ސަޕްލައި ކޮށްދީގެން އެއްބަސްވުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 72,500ރ. ހޯދުމަށެވެ. އަދި މެއި 2010 ގެ ފަހުން ފާއިތުވާ ކޮންމެ ދުވަހަކަށް ބާކީ އޮތް އަދަދުގެ ދެ ޕަސެންޓް އިންޓްރެސްޓުގެ ގޮތުގައި ދިނުމަށެވެ.

މިއީ ދޭން ޖެހޭ ފައިސާއެއް ކަމަށް ޕީބީޑީސީން އެއްބަސްވުމުން ހުކުމް އައީ އެ ފައިސާ ދައްކައި ހަލާސްކުރާށެވެ. އެކަމަކު މާލީ ހާލަތު ދަށްވެގެން ކަމަށް ބުނެ ވިލިނގިލީ ކޯޓުގެ ހުކުމާ އެއްގޮތަށް ފިލިޕީންސްގެ ކުންފުނިން އެ ފައިސާއެއް ނުދެއްކި އެވެ.

އެ މައްސަލަ ވިލިނގިލީ ކޯޓަށް ވިމަސް އިން ހުށަހަޅައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެނގުނީ ޕީބީޑީސީން މަސައްކަތް ކުރުވައި ނުދެވި ހުރި ފައިސާ ހައުސިން މިނިސްޓްރީން ދޭން އެއްބަސްވެފައި އޮތް ކަމެވެ. އެހެންވެ، ވިލިނގިލީ ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރީ ފުރަތަމަ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއާ އާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.8 މިލިއަން މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ.

އެކަމަކު ޖޫރިމަނާ ފައިސާ ދައްކަން ދައުލަތުން ދެކޮޅު ހެދީ އެވެ.

ދައުލަތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން އަމުރުކުރީ ޖޫރިމަނާ ފައިސާ ނުލައި މުއާމަލާތުގެ އަސްލު އަގަށްވާ 72,500ރ. ވިމަސް އަށް ދައުލަތުން ދެއްކުމަށެވެ.

ފިނޭންސުން ފައިސާ ޖަމާކުރީ އިތުރަށް

ހައި ކޯޓުގެ ހުކުމުގައި ވާ ގޮތުން، ވިމަސް އަށް ދައްކަން ޖެހޭނީ 72,500ރ. ކަމަށް ބުނެފައި އޮއްވައި ފިނޭންސް މިނިސްޓްރީން ޖަމާކުރީ ހައި ކޯޓުން ބާތިލްކުރި ވިލިނގިލީ މެޖިސްޓްރީ ކޯޓުގެ ހުކުމާ އެއްގޮތަށް 1.8 މިލިއަން ރުފިޔާ އެވެ.

މި ފައިސާ ޖަމާކުރުމަށް ފަހު ފިނޭންސުން ކޯޓަށާއި ވިމަސް އަށް އެންގީ އެއީ އޮޅިގެން ޖަމާކުރި ފައިސާއެއް ކަމެވެ. އެހެންކަމުން އަނބުރާ އެމްއެމްއޭގެ އެކައުންޓަކަށް ފޮނުވައިދިނުމަށެވެ. އެކަމަކު މި އެންގުމާ އެއްގޮތަށް ވިލިނގިލީ ކޯޓުން އަމަލެއް ނުކުރި އެވެ.

މިފަދަ ކަންކަމާ މެދު ދައުލަތުގެ ކަމާބެހޭ ފަރާތުން ކަމެކޭ ހީނުވާ ގޮތަށް އަމަލުކޮށްފި ނަމަ މިކަންކަން ހިންގަން ތިބޭ ވެރިންގެ ގާނޫނީ ޒިންމާއާ މެދު އިހުމާލުވުން ނުވަތަ މިފަދަ މިސްޓޭކްތައް ކަމަށް ބުނާ ކަންކަން ތަކުރާރުވުމުގެ ފުރުސަތު އޮންނާނެ އެވެ. -- ހުކުމް

ފިނޭންސަށް އޮޅިގެން ޖަމާކުރެވުނު ފައިސާ ނަގަން ވިމަސް ކުންފުނީގެ ޑިރެކްޓަރެއްގެ ނަމުގައި ކޯޓުން ވަނީ ޗެކް ދޫކޮށްފަ އެވެ. މިއީ ވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ޗެކު ދޫކުރަން ޖެހޭނީ ވިމަސް ކުންފުނީގެ ނަމުގަ އެވެ. ހައި ކޯޓުން އިއްޔެ ހުކުމް ކުރުމާ ހަމައަށް ވެސް އެ ފައިސާ ދައުލަތަށް އަނބުރާ ދައްކައިފައެއް ނުވެ އެވެ.

ފިނޭންސްގެ އިހުމާލުތައް

- ފިނޭންސުން 1.8 މިލިއަން ދޫކުރީ ބާތިލްކޮށްފައި އޮތް އަމުރެއްގެ މައްޗަށް.

- ފައިސާ ދިން ގޮތް ސާފުކޮށްދޭން އެދުމުން ޝަރީއަތަށް ހުށަހެޅީ ސޮޔެއް، ތާރީހެއް ނެތް ދައުލަތުގެ ލިއުމަކަށް ނުފުދޭ ލިއުމެއް.

- ފިނޭންސްގެ ލީގަލް ޑިޕާޓްމަންޓުން ނޮވެމްބަރު, 26, 2018 ގައި ލަފާ ދޫކުރީ އެ ފައިސާ ވިމަސް އަށް ދެއްކުމުގައި އިއުތިރާޒު ކުރާނެ ތަނެއް އޮތް ކަމަކަށް ނުފެންނަ ކަމަށް.

- މި ލަފަޔާ އެއްގޮތަށް ފައިސާ ދޫކުރީ ނޮވެމްބަރު, 29, 2018 ގައި.

ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ, ފިނޭންސްގެ މި އަމަލުން ދައުލަތުގެ ހަޒާނާ އިން މިހާ ގިނަ ފައިސާ "ދޯހަޅި ގޮތެއްގައި" ހަރަދުވެ ނިމިގެން ދިޔަ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އަދި އެ ފައިސާ އަނބުރާ ހޯދަން ދައުލަތުން ކުރާ ކަންކަމާ ދޭތެރޭގައި ވެސް ސުވާލު އުފައްދާފައިވެ އެވެ.

ދޭން ނުޖެހޭ މިންވަރެއްގެ ފައިސާ ޖަމާކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ފިނޭންސްގެ ލީގަލް ޓީމުން ލަފާ ދީފައި އޮތުމުން "ފައިސާ ދޫކުރުމަށް ގާނޫނީ ގޮތުން އިއުތިރާޒެއް ކުރާނެ ތަނެއް އޮތް ކަމަކަށް ނުފެނުނު ސަބަބެއް ޝަރީއަތަށް ސާފުކޮށް ބަޔާންކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދުމުން ސަބަބު ބަޔާނެއް ނުކޮށްދެ އެވެ.

"ގާނޫނީ ގޮތުން ކަމެއް ފެންނާނީ ވެސް ނުވަތަ ނުފެންނާނީ ވެސް ކޮންމެވެސް ގާނޫނުގެ މައްޗަށް ނުވަތަ ގާނޫނީ ހަމައެއްގެ މައްޗަށް ބިނާކޮށެވެ. ހަމަ ހުރެފައި ނުފެންނަ ކަމަށް ބުނާ ބުނުމަކަށް ނުވާނެ އެވެ," ހުކުމުގައިވެ އެވެ.

ފިނޭންސް ހިންގާ އިމާރާތް: ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ހުކުމުގައި ވަނީ އަމުރުކޮށްފައި. --ފޮޓޯ/މިހާރު
ފިނޭންސް ހިންގާ އިމާރާތް: ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ހުކުމުގައި ވަނީ އަމުރުކޮށްފައި. --ފޮޓޯ/މިހާރު

އެ ހުކުމުގައި ބުނެފައި ވަނީ ފައިސަލާކުރަނިވި ހުކުމެއް ކޮށްފައި ނުވާ ގަޟިއްޔާއެއްގެ މައްޗަށް ބިނާކޮށް އަދި ރާއްޖޭގެ ހައި ކޯޓުން ބާތިލްކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އެހާ ގިނަ ފައިސާ ދޭން ފިނޭންސްގެ ގާނޫނީ ޓީމުން ލަފާ ދިނީ ކޮން ހަމަޔަކުންތޯ ބަޔާންކޮށްދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެކެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސްގެ ޝުހޫދު އަހްމަދުއާ ފެބުރުއަރީ 12, 2019 ގައި ފައިސާ ހަވާލުކުރީ ފިނޭންސްގެ އެންގުމާ ހިލާފަށެވެ. އަދި އެއީ އޮޅިގެން ޖަމާކުރެވުނު ފައިސާއެއް ކަން އެނގި ތިބެ އެވެ. އެ ކޯޓުން މި މައްސަލައިގައި ކޯޓުން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"ކަނޑައެޅިގެން ހައި ކޯޓުން ބާތިލްކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ފިނޭންސުން ދޫކުރި ފައިސާއެއް ކަން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެނގި ހުރެ އަދި އެ ފައިސާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ އިސްލާހުކުރަން އެ ކޯޓުން އަމިއްލަ އަށް އެދިފައި އޮތުމުން އަންގައިދެނީ މިއީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތްކުރުމުގެ މަރުހަލާ ނަހަމައިން ބޭނުންކޮށްފައިވާ މައްސަލައެއް ކަމެވެ," ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނީ މާލިއްޔަތު ގާނޫނުގައި ދައުލަތުގެ އޮފީސް ކަމަށް ބުނެފައި ވަނީ ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތައް ވެސް ހިމެނޭ ގޮތުންނެވެ. އެހެންކަމުން ކޯޓުތަކުން އަމަލުކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ.

ފިނޭންސުގެ އެންގުމާ ހިލާފަށް ވިމްސް އަށް ފައިސާ ޖަމާކުރި މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހުކުމުގައި ވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ މި މައްސަލައިގައި ދައުލަތަށް ވި ގެއްލުން އިހުމާލުވި ފަރާތްތަކުގެ ކިބައިން ހޯދުމަށް ގާނޫނުގެ ބާރާއި އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށް އަމުރުކޮށްފަ އެވެ.

"މިފަދަ ކަންކަމާ މެދު ދައުލަތުގެ ކަމާބެހޭ ފަރާތުން ކަމެކޭ ހީނުވާ ގޮތަށް އަމަލުކޮށްފި ނަމަ މިކަންކަން ހިންގަން ތިބޭ ވެރިންގެ ގާނޫނީ ޒިންމާއާ މެދު އިހުމާލުވުން ނުވަތަ މިފަދަ މިސްޓޭކްތައް ކަމަށް ބުނާ ކަންކަން ތަކުރާރުވުމުގެ ފުރުސަތު އޮންނާނެ އެވެ." ހުކުމުގައިވެ އެވެ.