އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބޯހިޔާވަހިކަން ދެނީ

އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހައުސިން ސްކީމްގައި ބައިވެރި ކުރަން ސަރުކާރުން ނިންމައިފި އެވެ.


އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އައިޖީއެމްއެޗްގެ ޕްރޮފެޝަނަލް ސްޓާފުންނަށް އެންމެ ދަތިވަނީ ބޯހިޔާވަހިކަން ނުލިބޭތީ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބޯހިޔާވަހިކަން ދެވޭނީ ގާނޫނުތައް ތަންދޭ މިންވަރަކުން ކަމަށާއި އެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ އަކީ ސަރުކާރުން އެންމެ ބޮޑަށް ތަރައްގީ ކުރަން ބޭނުންވާ ދާއިރާ ކަމަށާއި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ސްޓާފުންނަށް ބޯހިޔާވަހިކަން ދިނުމުގައި އިސްކަން ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އާ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެން ދިއުމަށެވެ. އެހެންކަމުން އައިޖީއެމްއެޗުން ވަކިވި ޑޮކްޓަރުން އެނބުރި ރާއްޖެ އައުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

"އެންމެ ގިނަ ރައްޔިތުންނަށް އެންމެ މަގުބޫލު ސިއްހީ ހިދުމަތެއް ދެވޭނެ ތަނަކަށް އައިޖީއެމްއެޗް ބަދަލުވެގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.