ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ފައިސާ ނެގުމަށް ފަހު، ނުނިންމާ މައްސަލައިގައި ލޯ ފާމަކުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ހިޔާގެ 16 ޓަވަރުން ފްލެޓް ލިބުނު ގިނަ ބަޔަކު ވަނީ އެ މީހުންގެ ފްލެޓްތަކުގެ ފިނިޝިންގެ ކަންކަން އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެކަމަކު، ކުންފުނިތަކުން އެޑްވާންސް ފައިސާ ނެގުމަށް ފަހު، އެ މީހުންގެ ފްލެޓްގެ މަސައްކަތް ނިންމަން އޮތް މުއްދަތަށް އެތަން ނިންމައި ހަވާލުނުކޮށް އެތައް މަހެއް ވާތީ އާއިލާތަކަށް ތިބީ ފްލެޓަށް ނުވަދެވިފަ އެވެ.
އެތައް ބަޔަކަށް މި ލަނޑު ލިބި، ހަދާނެ ގޮތް ހުސްވެފައި ތިއްބައި، ޕަބްލިކް އިންޓްރެސްޓް ލޯ ފާމް (ޕީއައިއެލްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، ފްލެޓްގެ މަސައްކަތް ކޮށްދޭނެ ކަމަށް އެއްބަސްވެ، އާންމުންގެ އަތުން ފައިސާ ނެގުމަށް ފަހު، މަސައްކަތް ނިންމައި ނުދީ ދިގު މުއްދަތެއް ފާއިތުވަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އެ ޖަމިއްޔާއާ ހިއްސާ ކުރަމުންދާ ކަމަށެވެ.
އެކަމަކު، ގިނަ މީހުންނަކީ ގާނޫނީ ވަކީލެއްގައި އެހީތެރިކަން ހޯދުމުގެ މާލީ ގާބިލުކަން ނެތް ބަޔަކަށް ވާތީ، އެ މީހުންނަށް އެ ޖަމިއްޔާގެ ފަރާތުން ހިލޭ އެހީތެރިކަން ދޭން ނިންމީ ކަމަށް ބުންޏެވެ.
ޕީއައިއެލްސީން ބުނިގޮތުގައި ގާނޫނީ އެހީ ހޯދުމަށް އެދޭ ފޯމު ހުށަހެޅުމުން އެ އެހީތެރިކަން ދޭނެ އެވެ.
ފްލެޓް ލިބުނު މީހުންނަށް ލަނޑުދިން ކުންފުނިތައް ގޮވައިގެން ކޯޓަށް ދިއުމަށް ޕީއައިއެލްސީން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން މި ކުންފުނިތަކުން ބުނެފައި ވަނީ އެ މީހުންނަށް ފްލެޓްތަކުގެ "ފިނިޝިން" ނިންމައި ހަވާލުކުރުމަށް ދަތިވެފައި ވަނީ ރާއްޖޭގެ ބާޒާރުގައި ތަކެތި ލިބުމުގައި ދަތިތަކެއް އުޅޭތީ ކަމަށެވެ. އެހެންވެ، ބޭރުން ބައެއް ސާމާނު ގެންނަން ޖެހޭއިރު ކޮވިޑާ ގުޅިގެން ބޭރުން މުދާ ގެނައުމަށް ވެސް ދަތިވެފައިވާ ކަމަށް އެ ތަންތަނުން ބުނެ އެވެ.