ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން ދެ މީހަކަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ޔާމީން ރަޝީދު: އޭނާ މަރާލި ކަމަަށް ދެ މީހެއްގެ މައްޗަށް މިއަދު ވަނީ ކުށް ސާބިތުވެފައި.
ޔާމީން ރަޝީދު: އޭނާ މަރާލި ކަމަަށް ދެ މީހެއްގެ މައްޗަށް މިއަދު ވަނީ ކުށް ސާބިތުވެފައި.

މިއަދު މެންދުރު ފަހު ފެށި ޝަރީއަތް އަދިވެސް ކުރިއަށް އެބަދެ އެވެ. ޔާމީންގެ ބައްޕަ ފިޔަވައި ހުރިހާ ވާރިސުން ބައިވެރިވި ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ބައްޕަ ބޭނުންވީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އެކަމަކު ޔާމީންގެ މަންމަ ބޭނުންވީ މަރުގެ ދިޔަ ނެގުމަށެވެ. އެހެންވެ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން، ގާތިލުންނަށް މަރުގެ އަދަބެއް ނާންނާނެ އެވެ.

ކޯޓުން ހުކުމް އިއްވީ ޔާމީންގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން އުމުރަށް ޖަލަށް ލައި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ޔާމީން މަރާލާފައި ވަނީ ނޮވެމްބަރު 2016 އިން ފެށިގެން ފާރަލުމަށް ފަހު އެވެ. އަނިޔާވެރިކޮށް ޔާމީން މަރާލާފައި އޮއްވާ ފެނުނު އިރު ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އެ ޒަހަމްތަކަކީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް، މަރާލާފައި އޮއްވާ ޔާމީން އެންމެ ފުރަތަމަ ފެނުނު ޑޮކްޓަރު ޝަރީއަތުގައި ވަނީ ވިދާޅުވެފަ އެވެ.