ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުގެ ސިއްރު ހެކިވެރިޔާގެ ހެކިބަސް އަނބުރާ ގެންދަން ފޮނުވި ސިޓީއަށް ބުރަދަން ނުދެވޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ އޭޕްރީލް 2017 ގައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.
އޭގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމައި، ބާކީ ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ.
އެ މައްސަލަ ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފް ކުރިއިރު، އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ވެސް އިސްތިއުނާފް ކުރި އެވެ. އެ މައްސަލާގައި ހައި ކޯޓުން މި އަހަރު އެންގީ އެ ހަތަރު މީހުންގެ މައްސަލަ އަލުން ބެލުމަށެވެ. އެއީ ސިއްރު ހެކިވެރިއަކު އޭނާގެ ހެކިބަސް އަނބުރާ ގެންދަން ފޮނުވި ސިޓީއަކާ ގުޅިގެން އެކަން ބެލުމަށެވެ.
ހައި ކޯޓުގެ ހުކުމާ ގުޅިގެން ސިއްރު ހެކިވެރިޔާގެ ސިޓީއާ ގުޅޭ ކަންކަން ބެލުމަށް ފަހު، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި އޭނާގެ އެ ސިޓީއަށް ބުރަދަން ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ހެކިބަސް އަނބުރާ ގެންދަނީ ފުލުހުން ކުރިން ބިރު ދައްކާފައިވާތީ ކަމަށް ފަހުން ފޮނުވި ސިޓީގައި ބުނެފައިވީ ނަމަވެސް އެކަން ކުރީގެ އެއްވެސް މަރުހަލާއެއްގައި ބުނެފައި ނުވާ ސަބަބެއް ބުނެ ނުދެވޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޔާމީނަށް ހަމަލާދިނުމަށް ފަހުމ ބަޔަކު ނިކުމެގެންދިޔަ މަންޒަރު ފެނުނު ކަމަށް އެ ހެކިވެރިޔާގެ ހެކިބަހުގައި ބުނެފައި އޮތްއިރު، އެތަނުގައި ހުރި ވީޑިއޯ ފުޓޭޖްތަކުން ވެސް އެ ހެކިވެރިޔާ އެތަނުގައި ހުރިކަން އެނގެ އެވެ. އެހެންވެ، އޭނާ ހެކިބަސް ދިނީ ހަގީގަތެއްގެ މައްޗަށްކަން އެނގޭއިރު ފަހުން ހެކިބަސް އަނބުރާ ގެންދަން އެދޭ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުންޏެވެ.
ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ހެކިވެރިންނަށް ބަޔަކު ބިރު ދައްކަމުން ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ކުރިން ލިބުނު ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިއްރު ހެކިވެރިޔާގެ އާއިލާގެ މީހަކު ވެސް އެގޮތަށް ފުލުހުން ބަޔާން ދިން ކަމަށާއި އަދި އޭނާ ލައްވާ ބަޔަކު އެފަދަ ލިޔުމެއްގައި ސޮއިކުރުވަން އުޅޭކަން އެނގިގެން އޭރު ދައުލަތުގެ ސަމާލު ކަމަށް ފުލުހުން އެކަން ގެނައި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެ ހެކިވެރިޔާގެ ހެކިބަސް އަލުން ނަގަންޖެހޭ ސަބަބެއް ނެތެވެ. އަދި ފުލުހުން ބިރު ދެއްކީ ކަމަށް ބުނެ ފަހުން ފޮނުވި ސިޓީއަށް ބުރަދަން ނުދެވޭނެ ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.
ހައިޝަމާއި ޒިހާންގެ އިތުރުން އިސްމާއިލް އަދި ދިފްރާންގެ ވަކީލުން ބުނީ ސިއްރު ހެކިވެރިޔާ ހެކިބަސް ދިނުމުގެ އެއް ދުވަސް ކުރިން ފުލުސް އޮފީހަށް ގެންދިޔަ ކަމަށް އޭނާގެ އެންމެ ފުރަތަމަ ހެކިބަހުގައި ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާ އޭރު ފުލުހަށް ހާޒިރުކުރި މަގްބޫލު ސަބަބެއް ދައުލަތަށް ބުނެނުދެވޭ ކަމަށް ވަކީލުން ބުންޏެވެ.
ވަކީލުން ބުނިގޮތުގައި ސިއްރު ހެކިވެރިޔާ އެންމެ ފުރަތަމަ ހެކިބަސް ދިނީ ވެސް ސުވާލު އުފެދޭ ގޮތަކަށެވެ. އެގޮތުން މާސްކް އަޅައިގެން އަދި އިސްތަށިގަނޑެއް ޖަހައިގެން ތިބި ކަމަށް ބުނާ ބަޔަކު ނިކުމެގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނާއިރު، އެއީ ވަކި ބަޔަކު ކަން ޔަގީންކަމާއެކު އޭނާއަށް ބުނަން އެނގުނު ގޮތެއް ބުނެ ނުދެވޭ ކަމަށް ވަކީލުން ބުންޏެވެ.
ހެކިބަސް ދިން މަރުހަލާގައި ހެކިންނަށް ބަޔަކު ބިރު ދެއްކި ކަމަށް ބުނާ ބުނުމާ ގުޅިގެން ވަކީލުން ބުނީ ދައުވާލިބޭ ހައިޝަމާއި ޒިހާނަކީ ދަށު ކޯޓާ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ބަންދުަގައި ތިބި ބަޔަކަށް ވާއިރު، އެ މީހުންގެ ފަރާތުން ނުފޫޒު ފޯރުވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ބިރު ދެއްކީ ވަކި ބަޔަކު ކަމަށް ފުލުހުން ބުނެފައިނުވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ވަކީލުން ބުނިގޮތުގައި ހެކިވެރިޔާގެ ސިޓީއަށް ބުރަދަން ނުދޭން ނިންމިޔަސް، ދެން ލިބިފައި ހުރި ހެކިތަކަށް ބެލިޔަސް އެ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ހެއްކެއް ނެތެވެ. އެގޮތުން ދެން އޮތީ ވީޑިއޯ އެނަލިސިސް ރިޕޯޓެއް ކަމަށް ވާއިރު، އެ ރިޕޯޓަކީ އެވަރުގެ ކަމެއް ސާބިތު ކުރެވޭނެ މިންވަރުގެ ބާރުގަދަ ރިޕޯޓެއް ނޫން ކަމަށް ވެސް ވަކީލުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުންތަކެއް ފަހުން ބާއްވާނެ އެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހްސާނާއި ގާޒީ މުހައްމަދު މިސްބާހުގެ އިތުރުން ގާޒީ އަލީ ނަދީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ގާޒީ އިހްސާނެވެ.