މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ބޭނުންކުރި ވަޅިތަކާއި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ގެންގޮސް، ދައްކާލައިފި އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި، މާއްދީ ހެކިތަކެއް ކޯޓަށް ގެނެސް ދެއްކުމަށްފަހު އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކޯޓަށް ގެނެސް ދެއްކީ އެ ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުވާ ތިން ވަޅިއަކާއި ސާހިލްގެ ޓީޝާޓަކާއި ސޯޓަކާއި ހެދުމަކާއި ޝިއާއު ބޭނުންކުރި ތިން ހެދުމެއް ކަމަށެވެ.

އެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް، ކޯޓުގައި އެކަނި ބެލޭ ގޮތަށް ރައްކާތެރިކޮށްފައިވާ ހެކިތަކެއް ބަލަން ސާހިލްގެ ފަރާތުން އެދުމުން އެ ފުރުސަތު މިއަދު ދީފައިވާތީ ހުލާސާ ބަޔާން ހުށަހެޅުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ. 

އެ މައްސަލާގައި ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތައް ވެސް އޮތީ ސިއްރުކޮށްފަ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، ސާހިލް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދިފަހުން އޮތީ ހުކުމްކޮށްފަ އެވެ.