މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2023 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކޮބައިކަން ވެސް އޮތީ ސިއްރުކޮށްފަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވަ އެވެ.
ކޯޓުން ބުނިގޮތުގައި ބާކީ އޮތް ތިން ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ ފަހުކޮޅު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ އޭނާއަށް އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.